މަޖިލީހުގެ ރިޔާސަތަކީ ޖޯކެއް ނޫން: އެއީ ދުސްތޫރީ ޒިންމާއެއް

ޝިފްޒާން އަހްމަދު
Flowers
މަޖްލީސް ރައީސް ނަޝީދު.

ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލީހަކީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. އެއީ ދައުލަތުގެ ބާކީ އޮތް ދެބާރާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ ދިރިއުޅުން އެއާ އެއްގޮތަށް ބައްޓަންކުރަންޖެހޭ ޤާނޫނުތައް އެކުލަވައިލުމުގެ މަތިވެރި ޒިންމާ ހަވާލުވެފައިވާ ބާރެވެ. އެއީ ޤާނޫނު ހެދުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ މަތިވެފައި އޮންނަ މުއައްސަސާއެވެ. އެއީ ސަކަރާތްޖަހައި މަޖާކޮށް، ޕްރޮޕެގަންޑާ ސްޓަންޓު ޖައްސަން އޮތް ތަނެއް ނޫނެވެ. އެތަނުގައި ކުރަންޖެހެނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަން ހުރި ބުރަ ބޮޑެތި މަސައްކަތެވެ. އެމަޖިލިސް ހިންގެވުމުގެ ދުސްތޫރީ ވާޖިބާ ހަވާލުވެވަޑައިގެން ހުންނެވީ އެމަޖިލީހުގެ ރައީސެވެ. ރައްޔިތުން މަޖިލިސްގެ ރައީސަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާއެވެ. އެއީ ކުޅޭކުޅޭ މަޤާމެއް ނޫނެވެ. އެމަޤާމުގެ ހައިބަތާއި ޝަރަފަކީ އެމަޤާމުގައި ހުންނަވާ ބޭފުޅަކާ ގުޅިފައި އޮތް ކަމެއް ނޫނެވެ. އެއީ އެމަޤާމުގެ ހައިސިއްޔަތާއި ޒިންމާއާ ގުޅިފައިވާ ކަމެކެވެ.

މަޖިލިސް ރައީސަކީ އެދުރެއް ނޫން: މެންބަރުންނަކީ ދަރިވަރުންނެއްވެސް ނޫން

މަޖިލިސް ރައީސްގެ މަޤާމުގައި މިވަގުތު އިންނެވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަކީ ވެރިކަމުގައި ހުންނެވި އިރުވެސް ކިޔަވައިދެއްވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. މަދުރަސާއަކަށް ވަޑައިގެން އިޤުތިޞާދީ ފިލާވަޅެއް ދަރިވަރުންނަށް ވިދާޅުވެދެއްވާ މަންޒަރު މިހާރުވެސް ވީޑިޔޯގެ ޒަރީޢާއިން ފެންނާން އެބަހުއްޓެވެ. އެހެންވީމާ މަޖިލީހަށް ވަޑައިގަނެ، އެމަޖިލިހުގެ ރިޔާސަތަށް އުސް މޭޒެއްގެ ދޮށުގައި އިށީދެވަޑައިގެންނެވުމުން އެއީ މުދައްރިސެއްގެ މަޤާމުކަމުގައި އަދި ކުރިފުޅުމަތީ ތިއްބެވީ ދަރިވަރުންތަކެއް ކަމުގައި ހީފުޅުވެވަޑައިގަތުން އެކަށީގެންވެއެވެ. ނަމަވެސް އެއީ ކުށް ހީފުޅެކެވެ. އެމަނިކުފާނަށް އިންނެވުނީ މުދައްރިސެއްގެ މަޤާމަކު ނޫނެވެ.

ނޫސްތަކުގެ ފަލަ ސުރުޚީއިން ފެނުނީ މަޖިލިސް މެންބަރަކާ މުޚާޠަބުކުރައްވައި ފޮޅުވަތް ލިޔުއްވަން މަޖިލިހުގެ ރައީސް އެދިވަޑައިގެންނެވި ޚަބަރެވެ. ޖެހިގެން އައި ދުވަހު ނޫސްތަކުގެ ފަލަސުރުޚީއަށް އެރި ޚަބަރަކީ މަޖިލިސް މެންބަރެއްގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން ބޭރުކުރައްވަމުން، ބޭރުގައި ފާރަށް ކުރިމަތިލައްވައިގެން ހުންނެވުމަށް މަޖިލިސް ރައީސް އިރުޝާދުދެއްވި ޚަބަރެވެ. އާދަވެގެން ކަންވާ އުޞޫލުން މިކަންކަމަކީ މޮޅު، މަޖާ، އަދި ގަދަ ކަންކަންކަމަށް ބުނެ، އެކަންކަން އިހުތިފާލުކުރުމައިގެން ރައީސް ނަޝީދު ވަށައިގެން ޠަވާފުކުރާ ބައަކު އެބައުޅެއެވެ. އަޅުގަނޑު ހަނދާނަށް އައީ އަޅުގަނޑު ޅަ ޒަމާނުގައި ކިޔައި އުޅުނު ވާހަކައެއް ކަމުގައިވާ ހެރީ ޕޮޓަރ ސިލްސިލާގެ ފަސްވަނަ ފޮތުގައި، ކިޔަވައިދިނުމަށް އައި ޓީޗަރެއް ކަމުގައިވާ ޑޯލޯރސް އަމްބްރިޖެވެ. އެޒާތަށް މަޖިލިސް ރައީސް އުޅުއްވުމަކީ ލަދުވެތިވާ ކަމެކެވެ.

މަޖިލިހުގައި ތިއްބަވާ މެންބަރުންނަކީ އެމެންބަރަކު ތަމްސީލުކުރައްވާ ދާއިރާގެ ރައްޔިތުންގެ ވޯޓުން އިންތިޚާބުވެވަޑައިގެން، އެމަޖިލިހަށް ރައްޔިތުން ހޮވާ، ރައްޔިތުންގެ މަންދޫބުންނެވެ. އެއީ ކިލާހެއްގައި މުދައްރިސަކު ތަރުބިއްޔަތުކޮށް އުނގަންނައިދިނުމަށް ފޮނުވާފައި ތިބި ދަރިވަރުންނެއް ނޫނެވެ. މަޖިލިސް މެންބަރުންނާމެދު އެޅޭނެ ފިޔަވަޅުތަކާއި، ފިޔަވަޅު އެޅޭނެ ގޮތްތައް މަޖިލިހުގެ ޤަވާޢިދުގައި ލިޔެވިފައި ފެންނާން ހުންނާނެއެވެ. އޭގެ އިތުރުން ހިތްޕުޅަށް އަރާވަޑައިގެންނެވިހާ އަދަބެއްގެ ވާހަކަފުޅު ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ނުދެއްކެވޭނެއެވެ.

ފަހަރުގައި މަޖިލިސް ރައީސަށް އެޤަވާޢިދުގައި އޮތް އެއްޗެއް އެނގިވަޑައިނުގަތުން އެކަށީގެންވާތީ ދަންނަވައިލާނަމެވެ. އެޤަވާޢިދުގެ 3ވަނަ މާއްދާގައި ބުނަނީ މަޖިލިހުގެ ހުރުމަތާއި ޤަދަރަ ހިފަހެއްޓުމާއި ނެގެހެއްޓުމަކީ މަޖިލިސް ރައީސްގެ ޒިންމާއެއް ކަމުގައެވެ. އެޒިންމާ އަދާކުރެއްވުމުގައި މަޖިލިސް ރައީސްއަށް މެންބަރުންގެ ސުލޫކެއްގެ ސަބަބުން މަޖިލިހުގެ ނިޒާމު ގެއްލި، މަޖިލިސްގެ ޢާންމު ބައްދަލުވުން ކުރިއަށް ގެންދަވާން ދަތިވެއްޖެނަމަ، ކަންކުރާން ޖެހިވަޑައިގަންނަވާ ގޮތްވެސް މަޖިލިސް ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ. އެޤަވާޢިދުގެ 65ވަނަ މާއްދާގެ ށ. ނ. އަދި ރ ގައި ބަޔާންވެފައިވާ ގޮތްތަކުން ޢަމަލުކުރައްވާނީއެވެ. މެންބަރުންނަށް ނަޞޭހަތްދެއްވާނެ ގޮތާއި އިންޒާރުދެއްވާނެ ގޮތާއި އަދި ނަން އިއްވައި މަޖިލިސް މާލަން ދޫކޮށް ނުކުމެވަޑައިގަތުމަށް އަމުރުކުރައްވާނެ ގޮތް މިމާއްދާގެ އިސްވެދެންނެވުނު އަކުރުތަކުގައި އެހެރީ ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްފައެވެ. އެކަންކުރެއްވުމުގައި މަޖިލިހުގެ ރިޔާސަތުން ބޭނުންކުރައްވާންވީ ޢިބާރާތްތައްވެސް އެމާއްދާގައި، ބަޔާންކުރެވުނު އަކުރުތަކުގައި ތަފުޞީލުކޮށް ބަޔާންކޮށްދީފައި އެބަވެއެވެ. އެހެންކަމުން މަޖިލިސް ރައީސް ހިތްޕުޅަށް އަރާ ކޮންމެ ޢިބާރާތަކީ ނަޞޭހަތްދެއްވުމަށާއި، އިންޒާރުދެއްވުމަށާއި، މެންބަރުންގެ ނަން އިއްވެވުމަށް ބޭނުންކުރެއްވޭނެ ޢިބާރާތެއް ނޫނެވެ. ދައުލަތެއްގައި ނިޒާމު ހަރުދަނާކުރުމުގެ ވާހަކަފުޅު ދައްކަވާ ބޭފުޅަކު، އެބޭފުޅަކާ ހަވާލުވެފައިވާ ޒިންމާ އަދާކުރެއްވުމުގައި ނިޒާމުގެ އިންތަކުގެ ތެރޭގައި ނުހުންނެވޭ ކަން އެއީ ނިޒާމު ހަރުދަނާވުމުގެ އުންމީދު ފަނޑުވާ ކަމެކެވެ.

މަޖިލީސް ރައީސަށް ނުކުރެއްވޭނެ ކަމެއް!

މަޖިލީހުގެ ރިޔާސަތަކީ ޒިންމާދާރު މަޤާމެކެވެ. އެމަޤާމުގެ ޒިންމާތައް ބަޔާންކޮށް މަޖިލިހުގެ ޤަވާޢިދުގެ 2ވަނަ މާއްދާގެ ށ.ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޤާނޫނު އަސާސީއާއި މަޖިލިހުގެ ޤަވާޢިދާއި މަޖިލިހުން ނިންމާ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލިހުގެ އިދާރީ ކަންކަމާއި ޖަލްސާތަކާއި، މަޖިލިހުގެ ކޮމިޓީތައް ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. އަދި 2ވަނަ މާއްދާގެ ނ.ގައި ބުނެފައިވަނީ މަޖިލިހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ ޢާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައަކާމެދު މަޖިލިހުގެ ރައީސް ދެކޭގޮތް ހާމަކޮށްގެން ނުވާނެ ކަމުގައެވެ. މިދެންނެވުނު މަބްދައަކީ ދުނިޔޭގެ ހުރިހާ ޑިމޮކްރަސީތަކެއްގައި ހެން ބަރުލަމާނުގެ ރިޔާސަތުގައި ތިއްބަވާ ބޭފުޅުން ތަންފީޒުކުރައްވާ މަބްދައެކެވެ. މަޖިލިހުގެ އިދާރީ ކަންކަމާއި، ކޮމިޓީތަކުގެ ކަންކަން މެންބަރުންނަށް ދަތިނުވާނެހެން ތަރުތީބުކުރައްވައި، މަޖިލިސްގެ މަސައްކަތްތައް ތާވަލުކޮށް ކުރިއަށް ގެންދަވަނީ މަޖިލިސް ރައީސެވެ. އަދި ބަރުލަމާނުގެ ރިޔާސަތުގައި ހުންނަވާ ބޭފުޅަކު ބަހުސްތަކުން ދުރުވެވަޑައިގެން، ކަންކަމާމެދު ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅުނުވެއެވެ.

ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން 10 އަހަރުދުވަސް އިނގެރޭސި ބަރުލަމާނުގެ ތިރިގޭގެ ރިޔާސަތުގައި ހޭދަކުރެއްވި ޖޯން ބާރކޯވް އެމަޤާމުން ދުރުވެވަޑައިގަތީ ދާދި ފަހުންނެވެ. އެމަނިކުފާނު މަޝްހޫރުވެވަޑައިގަތީ "އޯރޑަރ" މިބަސް ބޭނުންކުރެއްވުމުގައި ފަހު ޑީ އަކުރާއި ރާ އަކުރު ފައުޅުކުރައްވައިގެން ވިދާޅުވީތީއެވެ. މަޖިލިސްގެ ބަހުސްތަކުގައި އަމިއްލަ ރައުޔަ ފައުޅުކުރައްވައި ބަހުސްތަކުގައި ގޮތް ވިދާޅުވެގެންނެއް ނޫނެވެ. މަޖިލިހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ހުންނަވާންވާނީ ސިޔާސީ ކަންކަމަށްވުރެ މަތީގައެވެ. އެބޭފުޅަކު ތަމްސީލުކުރައްވާންވާނީ މަޖިލިހުގެ ނިޒާމާއި ޤަވާޢިދު އެކަންޏެވެ. ސިޔާސީ ފިރާއި ކުލައަކީ ބަރުލަމާނުގެ ރިޔާސަތަށް ފެންނާންޖެހޭ އެއްޗެއް ނޫނެވެ.

19 ވަނަ ރައްޔިތުން މަޖިލިސް މުޅިން ތަފާތެވެ. ރިޔާސަތުގައި އިންނެވީ ސިޔާސީ ޕާޓީއެއްގެ ލީޑަރެކެވެ. އެހެންވީމާ ސިޔާސީ ކުލައިން އެމަނިކުފާނު މިންޖުވެވަޑައިގަތުން އޮތީ ދުރުގައެވެ. ނަމަވެސް މަޖިލިސް ރިޔާސަތުގައި ކުރިންވެސް ތިއްބެވީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނެވެ. އެއިރުވެސް އެބޭފުޅުންނާ ދެކޮޅު ޕާޓީތަކުން އެބޭފުޅުން ވަކި ފަރާތަކަށް ޖެހިވަޑައިގަންނަވާ ކަމުގެ ތުހުމަތުކުރެއެވެ. ނަމަވެސް ނުކުރާ ތުހުމަތެއް އޮވެއެވެ. އެއީ ބަރުލަމާނީ އުޞޫލުތަކާ ޚިލާފަށް މަޖިލިހުގައި ކުރިއަށްދާ ކަންކަމުގައި ބަސްފުޅު ވިދާޅުވާ ކަމުގެ ތުހުމަތެވެ. 19ވަނަ މަޖިލިހުގައި ރައީސް ނަޝީދު ބައެއް ވާހަކަ ފައްޓަވަނީވެސް އަޅުގަނޑަށް ފެންނަނީ މިފަދައިންނެވެ. މަޖިލިހުގައި ކޮމިޓީއެއް އުފެއްދުމަށް މެންބަރަކު ހުށަހެޅުއްވުމުން، އެކަމާމެދު މަޖިލިހުގެ ނިޒާމުގެ ތެރެއިން މަޖިލިހުގެ މެންބަރުން ގޮތެއް ނިންމެވުމުގެ ކުރިން، އެކަމާމެދު ރިޔާސަތުން ރައުޔައެއް ނެރުއްވައިފިއެވެ. މަޖިލިހަށް ހުށަހެޅޭ ބިލާއި، ޤަރާރުތަކާމެދުވެސް އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅު އެބަ ވިދާޅުވެއެވެ.

އަޅުގަނޑު ހިތުން މިކަމުގައި ކަންބޮޑުވާންވީ ސަބަބަކީ ނިޒާމާއި އުޞޫލުތާކާއި ދުސްތޫރީ އޮނިގަނޑުތަކުގެ އިމުން ބޭރުގައި ދައުލަތުގެ އެއްބާރުގެ ވެރިޔާ އުޅުއްވުން ބައަކަށް ކަމުދާތީއެވެ. އެކަމާމެދުގައި ބަހެއް ބުނެލާނެ މީހަކު ނެތީމައެވެ. ދައުލަތުގެ ބާރުތަކާއި، އެބާރުތަކުގެ ވެރިންނާއި، މުއައްސަސާތަކާއި އެމުއައްސަސާތަކުގެ ވެރިން ޤާނޫނީ އޮނިގަނޑާއި ނިޒާމަށް ނުބައްލަވާނަމަ، އާދައިގެ ރައްޔިތުން އެކަންކަމަށް ބަލާނީ ކިހިނަކުންތޯއެވެ؟ ރައީސް ނަޝީދު އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނަކީ މުޞްލިޙެއް ކަމުގައެވެ. ކަންކަން ހަމަ މަގަށް އެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. ހަމަ މަގަށް ދައުލަތުގެ ކަންކަން ގެންދަވަން ފައި ނެންގެވުމުގެ ކުރިން، އެމަނިކުފާނު އަމިއްލަފުޅަށް ހަމަ މަގަށް ވަޑައިގެން، އިޞްލާޙީ މަސައްކަތް އަމިއްލަ ނަފުސާ ހަމައިން ފައްޓަވަން އެބަޖެހެއެވެ. ނިޒާމުގެ ތެރޭގައި، ޤާނޫނާއި ޤަވާޢިދުން ކުރަހައިދީފައިވާ އިންތަކުގެ ތަރަހައިގެ ތެރޭގައި މަސައްކަތްކުރެއްވުމުގެ މައްޗަށް އެމަނިކުފާނުގެ ނަފުސު ތަރުބިއްޔަތުކުރައްވައި އާދަކުރައްވާންވެއްޖެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙާފި
ވަރަށް މަދުން ފެންނަ ‘ފުރިހަމަ ލިޔުމެއް.