Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައީސް ޔާމީނުގެ ޝަރީޢަތް: ބައެއް ޙަޤީޤަތްތައް

ކުރީގެ ރައީސް ޔާމީން. ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާއާ ގުޅިގެން ކުރެވޭ ޝަރީޢަތުގައި ފަހުގެ ޙުކުމް އިއްވަން އޮތީ މިއަދެވެ. ނަމަވެސް އެ ޝަރީއަތް މިހާރު ވަނީ ކެންސަލްކުރެވިފައެވެ. އެހެންނަމަވެސް މިމައްސަލާގައި މިހައިހަމައަށް ދެކެވިފައިވާ ވާހަކަތަކަށް އަލިއަޅުވައިލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އުފުލިފައިވާ ދަޢުވާއާއި ތުހުމަތުކުރެވޭ ކުށާއި، ހުށަހަޅާފައިވާ ހެއްކާއި، ޝަރީޢަތުގައި ދައުލަތުންނާއި ދިފާޢީ ވަކީލުންގެ ފަރާތުން ދެކެވިފައިވާ ވާހަކަތަކަށް ތަންޤީދީ. ނަޒަރަކުން އަދި ފާޑުކިޔުމުގެ ލޮލަކުން ބަލައިލުމަކީ ލާޒިމު ކަމެކެވެ.ތުހުމަތާއި ދަޢުވާ:
ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލާ ދަޢުވާއަކީ މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ތުހުމަތުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް މެދުވެރިކޮށް 1 މިލިއަން ޑޮލަރު ޖަމާކޮށް، އެއެއްމިލިއަން ޑޮލަރުގެ އަޞްލު އޮޅޭ ފަދަ ޢަމަލެއް ހިންގެވި ކަމުގައެވެ. އެއީ އިސްލާމިކް ބޭންކުގައި ހުރި އެމަނިކުފާނުގެ އިންވެސްޓުމެންޓު އެކައުންޓަކަށް އެމަނިކުފާނުގެ އެކައުންޓުން 1 މިލިއަންޑޮލަރު ޖަމާކުރައްވައި އެއިން ފައިދާ ހޯއްދެވުމަށް މުޢާމަލާތްކުރެއްވުމާ ގުޅިގެންކުރާ ތުހުމަތެކެވެ. ދެވަނަ ތުހުމަތަކީ އެމަނިކުފާނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާމެދު ވެވިފައިވާ އެއްބަސްވުމާ ޚިލާފަށް، އެއެއްބަސްވުމުގެ ދަށުން ޤާއިމުކުރެވުނު އެސްކުރޯ އެކައުންޓަށް ފައިސާ ޖަމާކުރެއްވައި އެސްއޯއެފުން ޖަމާކުރި ފައިސާގެ އަޞްލު އޮޅުވައިލެއްވި ކަމުގެ ތުހުމަތެވެ.
މިދަޢުވާ ބިނާކޮށްފައިވަނީ މަނީލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 5ވަނަ މާއްދާގެ ހ.ގައި މަނީ ލޯންޑަރިން މާނަކޮށްފައިވާ ގޮތުގެ މައްޗަށެވެ. އެމާއްދާގެ 1ގައި ބުނެފައިވަނީ މަނީލޯންޑަރިންއަކީ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ އެކަން ސިއްރުކުރުމުގެ މަޤުޞަދުގައި ނުވަތަ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެމުދަލަކީ ކުށެއްކޮށްގެން ހޯދައިފައިވާ މުދަލެއްކަމަށް ޝައްކުކުރެވޭ ޙާލަތުގައި އެމުދަލެއް ބަދަލުކުރުން ނުވަތަ އެމުދަލަށް ބަދަލެއް ގެނައުން ކަމުގައެވެ. އަދި އެމާއްދާގެ ހ.ގެ 2ގައި ބުނެފައިވަނީ ހޯދާފައިވާ މުދަލެއްކަން އެނގިހުރެ ނުވަތަ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެމުދަލަކީ ކުށެއްކޮށްގެން ހޯދައިފައިވާ މުދަލެއްކަމަށް ޝައްކުކުރެވޭ ޙާލަތުގައި އެމުދާ ބަދަލުކުރުން ނުވަތަ އެމުދާ ހުރި ތަނުން ބަދަލުކުރުން ނުވަތަ އެމުދަލާ ގުޅިފައިވާ ޙައްޤެއް ގެއްލޭނެ ގޮތަކަށް ޢަމަލުކުރުން ނުވަތަ އެމުދަލުގެ ވެރި ފަރާތް އޮޅުވައިލުމަކީ މަނީ ލޯންޑަރިން ކަމުގައި މާނަކޮށްފައިވެއެވެ.ރައީސް ޔާމީނުގެ އެކައުންޓަށް ވަން ފައިސާ:
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯފު ޗެކެއް މެދުވެރިކޮށް ޖަމާވެފައިވާ ފައިސާއަކީ ގއ.ވޮޑަމުލާ ނަމަކަށް ކިޔުނު ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާއެވެ. މިފައިސާ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވަނީ އެސްއޯއެފުން ދޫކުރި ޗެކުތަކަކުންނެވެ. ދެފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވަނީ ކޮންމެ ފަހަރަކު 5 ލައްކަ ޑޮލަރެވެ.
ދިފާޢީ ވަކީލުން ފާހަގަކުރައްވާފައިވާ ގޮތުގައި، އެސްއޯއެފްގެ އެކައުންޓުގެ މުޢާމަލާތްތަކުގެ ބަޔާނަށް ބަލާއިރު، ރައީސް ޔާމީނުގެ އެކައުންޓަށް އެންމަ ފުރަތަމަ ޖަމާވި 5 ލައްކަ ޑޮލަރު ޖަމާވެފައިވަނީ އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވުމުގެ ކުރިންނެވެ. އަދި އެސްއޯއެފުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވުމުގެ ކުރިންވެސް އެއެކައުންޓުގައި ޖުމްލަ 8 ލައްކަ ޑޮލަރު ހުރިކަންވެސް އެއެކައުންޓުގެ ބޭންކް ސްޓޭޓުމެންޓުން ފެންނަ ކަން ފާހަގަކުރައްވާފައިވެއެވެ. ދެވަނަ ނުކުތާއަކަށް ދިފާޢީ ވަކީލުން ފާހަގަކުރައްވާފައިވަނީ، ފުރަތަމަ 5 ލައްކަ ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރުމަށް ފަހުގައިވެސް އެސްއޯއެފުގެ އެކައުންޓުގައި ގިނަ ޢަދަދެއްގެ ފައިސާ ހުރިކަމެވެ. ދެވަނަ ޗެކަކުން ރައީސް ޔާމީނުގެ އެކައުންޓަށް އިތުރު 5 ލައްކަ ޑޮލަރު ޖަމާކުރި އިރު އެސްއޯއެފުގެ އެކައުންޓުގައި ހުރި ފައިސާއާއި ފަހުން ޖަމާވި ފައިސާ އަޅާބެލުމުން އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ފައިސާއިން އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވަނީ 19،016.38 ޑޮލަރު ކަން އެނގޭ ކަމުގައިވެސް ދިފާޢީ ވަކީލުން ފާހަގަކުރައްވައެވެ.
އެފައިސާގެ އަޞްލެއް ކަމުގައި ރައީސް ޔާމީނު ވިދާޅުވެފައިވަނީ އެއީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް އެހީތެރިވުމަށް އެކި ފަރާތްތަކުން ދެއްވާފައިވާ މަދަދުގެ ފައިސާ ކަމުގައެވެ. ނުވަތަ ޕޮލިޓިކަލް ކޮންޓްރިބިއުޝަން ކަމުގައެވެ. އެފައިސާ އެފަރާތްތަކުން ހަވާލުކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ކަމުގައިވެސް ރައީސް ޔާމީނު ވިދާޅުވެފައިވެއެވެ. ޝަރީޢަތުގައި އަދީބު ވިދާޅުވެފައިވަނީ ސިޔާސީ ކަންކަމަށް ފައިސާ ލިބިވަޑައިގަންނަވަނީ ހަމައެކަނި އިންތިޚާބު ދުވަސްވަރުގައި ކަމުގައެވެ. ނަމަވެސް އެމަނިކުފާނު ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި އިރު، އަދި އޭގެ ކުރިން ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިރުވެސް، ރައީސް ޔާމީނުގެ ސިޔާސީ މަސައްކަތްޕުޅަށް އެހީތެރިވުމަށް އެކި ފަރާތްތަކުން ދެއްވާ ފައިސާ ބަލަހައްޓަވާފައިވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.ޖަމާވެފައިވަނީ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދި ފައިސާ ހެއްޔެވެ؟
އެސްއޯފު އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ވޮޑަމުލާ ކުއްޔަށް ދިނުމުގެ އެގުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާކަމުގައި ދައުލަތުން ބުނެފައިވީނަމަވެސް، ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވީ އެފައިސާ ކަން ދައުލަތުން ކަށަވަރުކޮށްދެވިފައިނުވެއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް، މުޢައްވިޒް ރަޝީދު މިޝަރީޢަތުގައި ހެކިބަސް ދެއްވަމުން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެއީ ކޮރަޕްޝަންގެ ނަތީޖާގެ ގޮތުން ލިބިފައިވާ ފައިސާ ކަމުގައި ދައުލަތުން ކަނޑައަޅާފައިނުވާ ކަމުގައެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ އެފައިސާއާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަޙުޤީޤު ފުރިހަމަވެފައި ނުވާތީ ކަމުގައެވެ. އެއީ އެމައްސަލާގައި ސުވާލުކުރަން ޖެހޭ ބައެއް ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން ކަމުގައިވެސް މުޢައްވިޒު ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ މަނީ ލޯންޑަރިން މާނަކޮށްފައިވާ ގޮތަށް ބަލާއިރު، މަނީ ލޯންޑަރ ކުރާ ފައިސާއަކީ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ ފައިސާކަން އެނގުން ލާޒިމުނުވެއެވެ. ނޭނގުނު ނަމަވެސް އެކަށީގެންވާ ސަބަބެއް މައްޗަށް ބިނާކޮށް އެފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާ ކަމުގައި ޝައްކުކުރެވޭ ޙާލަތުގައި އެފައިސާގެ އަޞްލު އޮޅުވައިލުމަށްޓަކައި އެފައިސާއިން މުޢާމަލާތްކުރުމަކީ މަނީ ލޯންޑަރިންއެވެ. މިނުކުތާގައި ދައުލަތުގެ ހެއްކަކީ އޭސީސީގެ ކުރީގެ ރައީސް މުޢައްވިޒު ރަޝީދުގެ ހެކިބަހެވެ. އޭނާ ވިދާޅުވެފައިވަނީ އެފައިސާ ރައީސް ޔާމީނުގެ އެކައުންޓުން އިންވެސްޓްމެންޓު އެކައުންޓަށް ބަދަލުކުރެއްވުމުގެ ކުރިން އެފައިސާއަކީ ކޮރަޕްޝަންގެ ފައިސާއަށް ވެދާނެ ކަމުގައި ރައީސް ޔާމީނަށް ދަންނަވައި ތަޙުޤީޤުކުރެއްވުމަށް އެއިރު އޭސީސީގެ ރައީސްގެ މަޤާމުގައި ހުންނެވި ޙަސަން ލުތުފީއާއި އެކު ބައްދަލުކުރައްވާފައިވާނެ ކަމުގައެވެ. ނަމަވެސް ބައްދަލުކުރެއްވި ދުވަހެއް އަދި ބައްދަލުކުރެއްވި ތަނެއް އެމަނިކުފާނަށް ޝަރީޢަތުގައި ވިދާޅުވެދެއްވިފައި ނެތް ކަން ފާހަގަކުރެވެއެވެ.
އަދީ އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކަމިޝަންގެ ކުރީގެ ރައީސް ޙަސަން ލުތުފީ ވަނީ މުޢައްވިޒު ދެއްވި ހެކިބަސް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ މުޢައްވިޒާއެކު ނުވަތަ ވަކިން ނަމަވެސް ރައީސް ޔާމީނާ ތަޙުޤީޤެއް ކުރެއްވުމަށް ބައްދަލުކުރައްވާފައި ނުވާނެ ކަމުގައެވެ. އަދި މުޢައްވިޒު ވިދާޅުވި ބީދައިން އެއްވެސް ވާހަކައެއް ރައީސް ޔާމީން އަރިހުގައި ދަންނަވާފައި ނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.މަނީލޯންޑަރިންގެ ޢުންޞުރުތަކާއި ކުށް ސާބިތުކުރުން
ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރުމަށްޓަކައި، އެކުށެއްގެ ޢަމަލު ހިންގާފައިވާ ކަން އަދި އެކުށުގެ ނިޔަތް އޮތްކަން ސާބިތުކުރަންޖެހެއެވެ. އެއީ ކުށުގެ Actus reus (ކުށުގެ ޢަމަލު) އަދި Mens Rea (ކުށުގެ ނިޔަތް) މިމައިގަނޑު ދެބައެވެ. މަނީ ލޯންޑަރިންގެ ޢަމަލަކީ ކުށެއް ކޮށްގެން ނުވަތަ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ ފައިސާގެ އަޞްލު އޮޅުވައިލުމެވެ. އަދި މަނީ ލޯންޑަރިންގެ ނިޔަތަކަށް ނުވަތަ މެންސް ރިއާއަކީ ކުށަކުން ނުވަތަ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ ފައިސާގެ އަޞްލު އޮޅުވައިލާ ފޮރުވުމުގެ ނިޔަތެވެ.
މަނީ ލޯންޑަރިން ޢަމަލުގައި މައިގަނޑު ތިން ޢުންޞުރެއް ހިމެނޭ ކަމުގައި ޤާނޫނީ ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ:
ހ- ކުށަކުން ހޯދާފައިވާ ފައިސާ ޞައްޙަ އިޤުތިޞާދީ މުޢާމަލާތެއްގެ ތެރެއަށް ވެއްދުމެވެ. މިއީ ކުށަކުން ހޯދާފައިވާ ފައިސާއެއް ބޭނުންކޮށްގެން ޞައްޙަ އިޤުތިޞާދީ މުޢާމަލާތެއް ކުރުމެވެ. ނުވަތަ ޤާނޫނީ ގޮތުން ޞައްޙަ އިޤުތިޞާދުގައި ވިޔަފާރިއެއް ހިންގުމެވެ.
ށ- ކުށަކުން ހޯދާފައިވާ ފައިސާއިން ތަފާތު އެތައް މުޢާމަލާތްތަކެއް ކުރުމުގެ ސަބަބުން އެފައިސާގެ އަޞްލު ފޮރުވުން ނުވަތަ ފަށަލަކޮށް އޭގެ އަޞްލަށް ވާޞިލުނުވެވޭނެ ގޮތް ހެދުމެވެ.
ނ- ކުށަކުން ހޯދާފައިވާ ފައިސާއިން ވިޔަފާރިކޮށް އެވިޔަފާރީގެ ސަބަބުން ޞައްޙަ އިޤުތިޞާދުގެ ބައެއް ކަމުގައި އެފައިސާ ހެދުމެވެ. މިފަދައިން މިކަން ކުރުމުގެ ބޭނުމަކީ އެފައިސާއާއި ޞައްޙަ ފައިސާ ވަކިކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ މިންވަރަށް އެފައިސާ ޞައްޙަ އިޤުތިޞާދުގެ ފަށަލަތަކުގެ ތެރޭގައި ވަންހަނާކުރުމެވެ. މިކަން ޢާންމުކޮށް ކުރަނީ ޞައްޙަވިޔަފާރީގެ ތެރެއަށް ފައިސާވެއްދުމާއެކު، ޝެލް ކޮމްޕެނީ ނުވަތަ އަޞްލު ނޭނގޭ ކަރުދާސް ކުންފުނިތަކުގެ ނަން މައްޗަށް އެފައިސާ ބަދަލުކޮށް، އެފައިސާ އިޤުތިޞާދުގެ ތެރެއަށް ވެއްދި ފަރާތާ ގުޅުވޭނެ ހުރިހާ ގޮތްތަކެއް ބަންދުކޮށްގެންނެވެ.
ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުގެ އެކައުންޓުން ދެޗެކެއް މެދުވެރިކޮށް ވައްދާފައިވާ ފައިސާ، އެމަނިކުފާނުގެ އިންވެސްޓްމެންޓު އެކައުންޓަށް ބަދަލުކުރައްވާފައިވެއެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ އެއް އެކައުންޓުން އެމަނިކުފާނުގެ އިތުރު އެކައުންޓަކަށް ބަދަލުކުރެއްވުން ކަން ޝަރީއަތުގައި ދައުލަތުގެ ވަކީލުން ދައްކަވާފައި ހުރި ވާހަކަތަކުންނާއި ކުރެވިފައިވާ ދައުވާއިންވެސް އެނގެއެވެ. މި ކަމާއި ގުޅިގެން "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ވަކީލަކު ވިދާޅުވީ އެފައިސާ އެމަނިކުފާނު ބަދަލުކުރެއްވި ކުރެއްވުމުގެ ސަބަބުން އެފައިސާގެ އަޞްލު އޮޅިފައި ނެތް ކަމުގައެވެ. އަދި އެފައިސާ އެމަނިކުފާނުގެ އެކައުންޓުތަކުން ބޭރުވެފައި ނެތުމުން އެފައިސާ ހުރީ އަދިވެސް އެމަނިކުފާނުގެ މިލްކިއްޔާތުން ބޭރުނުވެ، އޭގެ އަޞްލަށް ރުޖޫޢަވެވޭ ޙާލަތުގައިކަން ލޯޔަރު ފާހަގަކުރައްވައެވެ.
އިތުރަށް ވާހަކަދައްކަވަމުން ދިޔަރެސްއަށް މަޢުލޫމާތުދެއްވި ވަކީލު ފާހަގަކުރެއްވީ ޖިނާއީ ކުށެއް ސާބިތުކުރުމުގެ އެކުށުގެ ނިޔަތަކީ އަސާސީ ކަމެއް ކަމުގައެވެ. މިދަޢުވާގައި ރައީސް ޔާމީނު އެފައިސާ ފޮރުއްވުމުގެ ނިޔަތެއް އޮތް ކަން ސާބިތުވާން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކުށުގެ ޢަމަލެއްގެ ނިޔަތް ސާބިތުކުރާނީ މުއްތަހިމުގެ ޢަމަލަށް ބަލައިގެން ކަމުގައެވެ. ފައިސާގެ އަޞްލު އޮޅުވައިލުމަށް ބޭނުންކުރާ އުސްލޫބަކީ ލޭޔަރިން ނުވަތަ ފަށަލަ އެޅުން ކަމުގައި ޤާނޫނީ ވަކީލު ފާހަގަކުރެއްވިއެވެ. ފަށަލަ އެޅުމަކީ އެފައިސާ އެއް އެކައުންޓުން އެތަށް އެކައުންޓުތަކަކަށް ޖަމާކޮށް އެފައިސާގެ އަޞްލު އޮޅުވައިލުމެވެ. ފަށަލަ އެޅުމެއް ނެތި ފައިސާއިން މުޢާމަލާތެއް ކުރުމަކީ އަދި އެފައިސާގެ އަޞްލު އޮޅުވާލުމުގެ ނިޔަތެއް އޮވެގެން ހިންގާ ޢަމަލެއް ކަމުގައި ނުބެލެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ދެވަނަ ނުކުތާއަކަށް ޤާނޫނީ ވަކީލު ފާހަގަކުރައްވާފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފު އެކައުންޓަށް ވަދެފައިވީނަމަވެސް، އަދި އެފައިސާއިން އެސްއޯއެފުން މުޢާމަލާތްކޮށްފައިވީ ނަމަވެސް އެކުންފުނިން ޞައްޙަ މުޢާމަލާތްތައް ކޮށްފައިވާ ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވުމުން، އެކުންފުނީގެ އެކައުންޓަށް ވަދެފައިވާ ހުރިހާ ފައިސާއަކީ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ ފައިސާ ކަމުގައި ޝައްކުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމުގައެވެ. އެއީ އެފައިސާއަކީ ޞައްޙަ ފައިސާއެއް ކަމުގައިވުމުގެ ފުރުޞަތު އޮތުމުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފައިސާއަކީ ޣައިރު ޤާނޫނީ ޢަމަލެއްގެ ފައިސާކަން ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރާއި ޖޭއެސްސީގެ ވާހަކަ:
ރައީސް ޔާމީނުގެ މައްސަލަ ބައްލަވާ ޤާޒީ އަލްއުސްތާޛު އަޙްމަދު ޙައިލަމާ ދެކޮޅަށް ޖުލައި މަހު ސުލޫކީ މައްސަލައެއް ތާވަލުކޮށް މައްސަލަ ބަލަން ޖޭއެސްސީއިން ނިންމާފައިވެއެވެ. ނަމަވެސް އެމައްސަލަ ޕާކުކޮށް އެއްފަރާތެއްގައި ބާއްވައިފައި އޮތީއެވެ. ރައީސް ޔާމީނުގެ ޝަރީޢަތުގައި ހުކުމްކުރާ ދުވަސް ގާތްވަމުން އައިހެން، މަޖިލިހާއި ޖޭއެސްސީއިން ފަނޑިޔާރު ހައިލަމްގެ މައްސަލަތައް ހިލުވައިލާ ފެންމަތިކުރަނީއެވެ.
އިއްޔެ ބޭއްވުނު މަޖިލިސް ބައްދަލުވުމުގައި ރައީސް ޔާމީނުގެ ޝަރީޢަތް ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ހައިލަމް ބައްލަވަނީ އަހަރަކު 2،3 މައްސަލަކަމުގައި ވިދާޅުވެ، ރައްޔިތުން މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން ވަރަށް ބޮޑަށް ޝަކުވާކުރައްވައިފިއެވެ. ޤާޒީން މައްސަލަ ބައްލަވާ މިންވަރަކީ ޢާންމު މަޢުލޫމާތެކެވެ. ހައިލަމް ބައްލަވާ މިންވަރަކީ ސިއްރުކުރެވިފައިވާ ކުރިން ނޭނގޭ މަޢުލޫމާތެއް ނޫނެވެ.
މީގެ އިތުރުން ވައިބާ ގުރޫޕެއްގައި ހައިލަމް ހިއްސާ ކުރެއްވި ފޮޓޯއެއްގެ މައްޗަށް ބިނާކޮށް ޖޭސްސީއިން ވަނީ ޝަރީއަތުގެ 5 ވަރަކަށް ގަޑި އިރު ކުރިން ގާޒީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. މިފަދަ ބޮޑު މައްސަލައެއްގައި މައްސަލަ ބަލާ ގަޒީ ހުކުމް އިއްވާ މަޖްލީސް ބޭއްވުމުގެ ގަޑި އިރުތަކެއް ކުރިން ސަސްޕެންޑުކުރުމަކީ ހަމަގައިމުވެސް ޝަރީއަތުގެ އިންސާފުވެރިކަމާއި މެދު ސުވާލު އުފެދޭނެ ކަމެކެވެ. އަދި މީގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމުގެ ހުރިހާ މަގެއްހެން ވަނީ ބަންދުވެފައެވެ. ދެން ކޮންމެ ގާޒީ އަކު ރައީސް ޔާމީންގެ މައްސަލަވެސް، ނޫނީ އަދި އެހެން މައްސަލައެއްގައިވެސް ޖޭއެސްސީއިން ނުރުހޭ ގޮތަކަށް ނިންމަން އުޅޭނަމަ އެ ގާޒީއަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ ބިރު އެ ގާޒީއަކަށް އޮންނާނެއެވެ.
ކޮންމެއަކަސް އަޅުގަނޑުމެންނަށް މިފެންނަނީ ވަކި ގޮތަކަށް ކޯޓުގެ ހުކުމް އަތުވެއްޖެނަމަ، އެހުކުމާމެދު ޝައްކު އުފައްދައި، އެހުކުމް ކުރި ޤާޒީއަކީ ފާސިދެއް ކަމުގައި ދެއްކުމަށް ރޭވިގެން ކުރެވެމުން އަންނަ މަސައްކަތެވެ.
މި ލިއުމާއި ގުޅޭ