Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ޖުޑީޝަލް ސާރވިސް ކޮމިޝަން: ސިޔާސީ ހަތިޔާރެއްތަ ނުވަތަ ކޯޓެއްތަ؟

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ޤާނޫނު އަސާސީއިން ޤާއިމުކޮށްފައިވާ ދުސްތޫރީ މުއައްސަސާއެކެވެ. އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ މައްޗަށް ފާރަވެރިވުމަށް އެކަށައެޅިފައި އޮންނަ މުއައްސަސާއެކެވެ. ނަމަވެސް އެމުއައްސަސާ އުފެދުނީއްސުރެ އެއީ ސިޔާސީ ވާދަވެރިކަމުގައި، ސިޔާސީ މަސައްކަތްކުރުމަށް ބޭނުންކުރާ ތަނެއް ކަމުގައި ވެފައި އޮތް ކަމުގައި ދެންނެވުމުން އެކަމާ ތިޔައިގެ ތެރެއިން މާގިނަ ބޭފުޅުން ދެބަސްވެވަޑައިނުގަންނަވާނެއެވެ. ކޮންމެ ސަރުކާރަކުންވެސް ވަޢުދުވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ. އަމުދުން މިއަދުގެ ސަރުކާރަކީ ޝަރުޢީ ދާއިރާއަށް ކުރީ ވެރިކަމުގައި ބާރުފޯރުވައި، އެދާއިރާ ހަންމަތަކޮށް ވަކި ގޮތަކަށް ބައްޓަންކުރާ ކަމުގެ ތުހުމަތުކުރަމުން، އެކަން ހުއްޓުވަން އައި ސަރުކާރެކެވެ. ނަމަވެސް ހިތާމަވެރި ޚަބަރަކީ މިސަރުކާރެކޭ އިހު އޮތްތަނުގައި ފާއިތުވި ސަރުކާރުތަކޭ މާބޮޑު ތަފާތެއް ނެތުމެވެ. ތަފާތެއް އޮތްނަމަ އެތަފާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ އިމުން ބޭރުވެ ދުސްތޫރީ އޮނިގަނޑުގައި އެމުއައްސަސާއާ ހަވާލުވެފައި ނެތް އިޚުތިޞާޞެއް ބޮލު އަޅައިގެން އުޅެ ގަތުމެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚުތިޞާޞު:
ޖޭއެސްސީގެ އިޚުތިޞާޞަކީ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އިޚުތިޞާޞެކެވެ. ޖޭއެސްސީއަށްވެސް އަދި ދުސްތޫރީ އެހެނިހެން މުއައްސަސާތަކަށްވެސް ހަރަކާތްތެރިވެވޭނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިޚުތިޞާޞި ދާއިރާގެ އިމުގެ ތެރޭގައެވެ. އެއިމުން ބޭރުވެގަތުމާއެކު، އެހިސާބުން އެކުރެވެނީ ކުށެކެވެ. އެހެދުނީ ގޯހެކެވެ.
ޖޭއެސްސީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީގެ 159ވަނަ މާއްދާގައެވެ. އެމާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުގެ ތެރެއިން ފުރަތަމަ ކަމަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެނިހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުމާއި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމެވެ. ދެވަނައަށް އޮތީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ ފަރާތްތައް ވަކިކުރުމަށް ހުށަހެޅުމެވެ. ތިންވަނަ މަސްއޫލިއްޔަތަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެކުލަވައިލުމާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ހޯދުމާ ގުޅުންހުރި އަދި ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހަނދާންޖެހޭ ޤަވާޢިދުތައް ހެދުމެވެ.
މިހިސާބުން އެހެން ސުވާލެއް އެބަ އުފެދެއެވެ. ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮންމެ ކަހަލަ މައްސަލައެއް ހުށަހެޅުނަސް، ކޮންމެ ކަހަލަ ޝަކުވާއެއްވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބެލޭނެތޯ ކުރެވޭ ސުވާލެވެ. އެސުވާލުގެ ޖަވާބުދިނުމަށް ބަލައިލާން ޖެހެނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު 2010/13 ވަނަ ޤާނޫނަށެވެ. އެޤާނޫނުގެ 9ވަނަ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރަކު ކުރާ ހުކުމަކާ ގުޅިގެން ނުވަތަ ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން، ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުގެ އުޞޫލުގެ ބޭރުން އެއްވެސް މައްސަލައެއް، ޤާނޫނު އަސާސީ އަދި ޤާނޫނުގައި ބުނެފައިވާ ސުލޫކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމުގެ އުޞޫލުތަކުގެ ބޭރުން ނުބެލޭނެ ކަމުގައެވެ. ނުވަތަ އެފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމުގައެވެ.
ނަމަވެސް މިހާރު ޖޭއެސްސީއިން ބަލާ މައްސަލަތަކުގެ ތެރޭގައި ސުޕްރީމު ކޯޓުން ހުކުމެއް ކޮށްފައިވާ ގޮތް ހިމެނެއެވެ. އެކޯޓުން ނެރުނު އަމުރެއް އެކޯޓުން މުރާޖަޢާކުރި ކުރުމަކީ ސުލޫކީ މައްސަލައެއްކަމުގައި ޖޭއެސްސީގައި ތިއްބެވި ބޭފުޅުން ނިންމެވީ ކިހިނެއް ހެއްޔެވެ؟ އަދި އެވަރުން ފުއްދަވައިލެއްވީއެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 144ވަނަ މާއްދާއިން ދުސްތޫރީ މައްސަލަތައް ނިންމުގެ އިޚުތިޞާޞު ލިބިފައިވާ ދެކޯޓުގެ ތެރެއިން އެންމެ ފަހު ބަސްބުނުމުގެ އިޚުތިޞާޞު ލިބިފައިވާ ސުޕްރީމު ކޯޓުން ނިންމާފައިވާ ނިންމުންތައް ޤާނޫނު އަސާސީއާ ޚިލާފު ކަމުގައިވެސް ޖޭއެސްސީއިން ނިންމައި ލިސްޓު އެކުލަވައިލާ މަޖިލިހަށް ފޮނުވައިފިއެވެ. މިހުރިހައި ކަމެއް މިހިންގަނީ ޝަރުޢީ ދާއިރާ އިޞްލާހުކުރުމުގެ ނަމުގައެވެ. ފަހަރުގައި ޖޭއެސްސީގައި ތިއްބެވި "ފުންނާބު އުސް" ވަކީލުންނަށް ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް އުފުލިއަސް އެއޮންނާނީ ކައްޗަށް ކަން އެނގިވަޑައިނުގަންނަވަނީއެވެ. ނުވަތަ ކެއްޗެއް، ކައްޗެއް ނެތި ބާރުގެ ބޭނުންކުރައްވައިގެން ސިޔާސީ ހަސަދަވެރިކަމެއް ފިލުވައިލާ ޝަރުޢީ ދާއިރާގެ ބާރުތައް އަތްމައްޗަށް ނަންގަވަނީއެވެ. މިވަނީ މިއިން ކޮންމެވެސް އެއް ގޮތެކެވެ. ރައީސް ޔާމީނުގެ ޝަރީޢަތާއި ޖޭއެސްސީ:
މިދުވަސްވަރަކީ ދިވެހިންގެ ލޯތަށް ވަކި ކޯޓަކަށް ތަންކޮޅެއް ބޮޑަށް އަމާޒުކުރެވި، ސަމާލުކަން އެދިމާލަށް ހުސްކުރެވޭ ދުވަސްވަރެކެވެ. ރާއްޖޭގެ ރައީސްގެ މަޤާމު އަދާކުރެއްވި ބޭފުޅެއްގެ ޝަރީޢަތް ކުރިއަށްދާތީއެވެ. ޓީވީ މެދުވެރިކޮށް އެންމެނަށް ފެންނާނެހެން މިޝަރީޢަތް ދުރަށް ދައްކަމުން އަންނާތީއެވެ. އެންމެންވެސް އިންތިޒާރުކުރަނީ ޝަރީޢަތް ނިމޭނެ ގޮތަކަށެވެ. ނޭވާ ހިފަހައްޓާލައިގެން އެއްބައަކު އެތިބެނީ ރައީސް ޔާމީނު ތޭރިތަކުގެ ފުރަގަހަށް ލެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަނެއް ބައަކު އިންތިޒާރުކުރަނީ އެމީހުންގެ ލީޑަރު ސަލާމަތްވެ، އަނެއްކާވެސް ސިޔާސީ ހަރަކާތުގެ އެންމެ އިސް ސަފުގައި ކުރީގައި ހުންނެވުމަށެވެ.
ނަމަވެސް މިއެންމެނަށްވުރެ ބޮޑަށް މިމައްސަލަ އަވަހަށް ނިންމައިލައްވަން ބޭނުންވާ ބޭފުޅަކު އެބަ ހުންނެވިއެވެ. އެއީ މައްސަލަ ބައްލަވާ ފަނޑިޔާރެވެ. އެހެންވާނެ ނޫންތޯއެވެ؟ މިއަހަރުގެ ޖުލައި މަހު ޖޭއެސްސީއިން ފަނޑިޔާރުގެ މައްސަލައެއް ތާވަލުކޮށްފިއެވެ. މައްސަލަ ބަލަން ނިންމައިފިއެވެ. މައްސަލަ އޮތީ އޮތްތަނުގައެވެ. އެހެން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ގެންދަނީއެވެ. އެމައްސަލަ ބަލަން ނިންމި ފަހުން އެހެން ބައެއް މައްސަލަ އުފަންކޮށް މައްސަލަ ބަލައިފިއެވެ. މިވެނި ނިންމުމެއް ނިންމައިފިނަމަ، އެނިންމުމަކީވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމުގައި ބުނެ ފަނޑިޔާރުންނަށް އިންޒާރުދީފިވެސްމެއެވެ. އެކަމަކު މިމައްސަލަ ހަމަ އޮތީއެވެ.
މިހިސާބުން ހަމަ ބުއްދި ހުރި ކޮންމެ އިންސާނަކު ސުވާލު އުފައްދާނެއެވެ. ޖޭއެސްސީގައި ސިޔާސީ އެކްޓިވިސްޓުންގެ ބާރު ގަދައެވެ. ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ރައީސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި އުޅުއްވި މަޖިލިހުން އެކޮމިޝަނުގައި އިންނަވާ މެންބަރު ހިސާން ހުސައިނާއި، ބަންޑާރަ ނައިބު ރިފްޢަތެވެ. މިއިން ކޮންމެ ބޭފުޅަކީވެސް ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުންވެސް ރައީސް ޔާމީނުގެ ދުޝްމިނުންނެވެ. އެބޭފުޅުންގެ ބާރު އޮތް ކޮމިޝަނަކުން، ރައީސް ޔާމީނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްސަލައެއް ބަލަން ނިންމައި، އެމައްސަލަ ނުބަލައި ބޭއްވުމަކީ، އެމައްސަލައިގައި އެކޮމިޝަނުގެ ނިންމުމާއި ރައީސް ޔާމީނުގެ ޝަރީޢަތް ނިމޭ ގޮތަކާ ގުޅިދާނެ ކަމުގެ ހެއްކެއް ނޫންތޯއެވެ؟ އަމިއްލަ ޒަމީރާ ސުވާލުކުރައްވާށެވެ. މިބޭފުޅުން ރައީސް ޔާމީނުގެ ޝަރީޢަތް ވަކި ގޮތަކަށް ގެންދިއުމަށް ބޭނުންނުވާނަމަ، ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ތާވަލުކުރައްވައި، އެމައްސަލަ ބޮޑު އައްޓަށް ލައްވައި، ފޮރުއްވައިގެން މިތިއްބަވަނީ ކޮންކަމަކާ ހެއްޔެވެ؟ ފަނޑިޔާރުން ކުޑަކަކޫ ޖައްސުވައި ނިކަމެތި ކުރުމަށް ޖޭއެސްސީ:
ޖޭއެސްސީއަކީ ކޮމިޝަނެއް ކަމެއް ކޯޓެއް ކަމެއް މިއަދަކު ނޭނގެއެވެ. ނަމަވެސް އެނގޭ މިންވަރަކީ ފަނޑިޔާރުންނާމެދު ކުރިއްސުރެ ވަކި ގޮތަކަށް ނިންމައިގެން ތިބި ބައަކު ފަނޑިޔާރުންގެ މައްސަލަ ބަލަން ތިބުމުގެ ނުރައްކައުތެރިކަމެވެ. ސުޕްރީމު ކޯޓުގައި ދާދި ފަހަކާ ހަމައަށް ތިއްބެވީ ޢަރަބި ތަޢުލީމުގެ ފަނޑިޔާރުންނެވެ. މިސަބަބާހުރެ ޖޭއެސްސީގެ މެންބަރު މަސްތޫރު ހުސްނީ ޓުވީޓެއްގައި ވިދާޅުވަނީ އިންސާފު ހޯދައިދެވޭނީ އިނގެރޭސި ތަޢުލީމުގެ ފަނޑިޔާރުންނަށް ކަމުގައެވެ. ޢަރަބި ތަޢުލީމުގެ ބޭފުޅުންނަށް އެކަން ނުވާނެ ކަމުގައެވެ. މިއަށް އިނގެރޭސި ބަހުން ކިޔައި އުޅެނީ ޕްރި-ޖަޖްމެންޓް ބައަސްއެވެ. އެއީ ޙުކުމް ކުރުމުގެ މާކުރިން ވަކި ގޮތަކަށް ކަމެއް ނިންމައިގެން ހުރުމެވެ. މަސްތޫރު ބައްލަވަނީ ގިނައިން ޢަރަބި ތަޢުލީމަށް ނިސްބަތްވާ ފަނޑިޔާރުންގެ މައްސަލައެވެ. އިންޞާފަށް ކަންކަން ގެންދަވާނެ މިންވަރު ހިތްޕުޅަށް ގެންނަވާށެވެ.
ކޮމިޝަނުގެ ވަކިވަކި މެންބަރުންނަށް ބައްލަވާށެވެ. އެއިން ކޮންމެ ބޭފުޅަކީވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައަށްވުރެ ބޮޑަށް، ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުންތަކަށް ފާޑު ވިދާޅުވާ ބޭފުޅުންނެވެ. އެހެންވީމާ މިހާރު ކޮމިޝަނުގެ މަސައްކަތް އޮތީވެސް އެހެންނެވެ. ފަނޑިޔާރުން ހުކުމްކުރައްވާފައިވާ ގޮތްތައް އެއްކޮށްގެން ކޮމިޝަނުގެ މެންބަރުންނަށް ޤަބޫލުނުކުރެއްވޭ ކޮންމެ ޙުކުމެއް އަދި އަމުރަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބައްލަވަނީއެވެ. އަދި މުސްތަޤުބަލުގައި ފަނޑިޔާރުން ވަކި ގޮތަކަށް ކަމެއް ނިންމަފާނެ ކަމުގައި ހީވީމަ އެކަމެއްވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވައި މައްސަލަ ބައްލަވާނެ ކަމުގެ އިންޒާރުދެއްވަނީއެވެ. ކޯޓުތަކުގެ އިޚުތިޞާޞު ނަންގަވައި ޤާނޫނު އަސާސީ މާނަކުރުމުގައި ފަހުބަސްވެސް ކޮމިޝަނުން ބުނަނީއެވެ.
މިދެންނެވުނު ކަންކަމަށް އަޅުގަނޑުމެން ކިޔައި އުޅެނީ ސައިޒުކުރުމެވެ. ކުޑަކަކޫ ޖެއްސުވުމެވެ. ގިތްގަޅުވައިލުމެވެ. ނިކަމެތިކޮށްލުމެވެ. ފަނޑިޔާރުންނާމެދު އެކަންކުރައްވާ ގޮތަކީ ލިބިފައިވާ މެޖޯރިޓީ ބޭނުންކޮށްގެން ފަނޑިޔާރުން ވަޒީފާއިން ވަކިކޮށް ފިޔަވަޅުއަޅާނެ ކަމުގެ ޔަޤީންކަން ދިނުމުގެ މަސައްކަތެވެ. ފަނޑިޔާރަކު ވަކި ގޮތަކަށް ހުކުމްކުރީ މިބޭފުޅުން ހިތްޕުޅާ ނުވަންޏާ އެއީ ސުލޫކީ މައްސަލައަކަށް ހައްދަވައި އެފަނޑިޔާރަކު ބޭރުކޮށްލާނެ ކަމުގެ ބިރުދައްކަނީއެވެ. މިއީ ފަނޑިޔާރުގެ އިޞްލާހުކުރުމެއް ނޫނެވެ. މިއީ ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާ ޤާނޫނީ އިޚުތިޞާޞާއި މަސްއޫލިއްޔަތުގެ ދާއިރާގެ އިމުން ބޭރުން ހިސާރުކޮށް، ކަސްތޮޅު އަޅުވައި އަޅުވެތިކުރުމެވެ. މިނިވަން ޖުޑީޝަރީއަކަށް ބޭނުންވަނީ، ސިޔާސީ މަޞްލަޙަތާއި ހިސާބުތައް އެކަހެރިކޮށް، ޢިލްމީ މިންގަނޑަކުން ޖުޑީޝަރީގެ ކަންކަމާ ވިސްނާނެ، ބާރުތަކާއި ޒިންމާގެ އިމުން ބޭރަށް ނުނުކުމެ މަސައްކަތްކުރާނެ ޖޭއެސްސީއެކެވެ. މިއަދު މިއޮތީ އެފަދަ ޖޭއެސްސީއެއް ނޫނެވެ.
މި ލިއުމާއި ގުޅޭ