ޤައުމީ ދުވަހު ރައީސްގެ ތަޤުރީރު: އަލިފާނޭ، ދަރޭ، އެންދުމޭތޯ؟

އެޑިޓަރު 4 ނޮވެމްބަރު 2019 10:15
Flowers
ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަހުގެ މުނާސަބާގައި ބޭއްވި އިހުތިފާލުގައި ރައީސް ދެއްކެވި ވާހަކަތައް އަޅުގަނޑަށް ރަނގަޅަށް އަޑުހާލެވުނީ އެވާހަކަފުޅުދެއްކެވިތާ ދެތިންދުވަސް ފަހުންނެވެ. އެވާހަކަފުޅުތަކަކީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށް ބަޔަކު ދެކެފާނެއެވެ. ނަމަވެސް އެ ވާހަކަތަކާ މެދު ފުންކޮށް ވިސްނައިލުމުން، އެނގެނީ އެއީ ޒިންމާއިން ރެކިވަޑައިގެން، މީހުންގެ ސިކުނޑިތަކާ ކުޅެލައްވައި، ހަގީގަތަށް މީހުން ކަނު ކުރެއްވުމަށް ދެއްކެވި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ވާހަކަތަކެއްކަމެވެ.

އެމްޑީއެން މައްސަލަ ސިޔާސީކުރުން

އިދިކޮޅު ސިޔާސީ މީހުން އެމްޑީއެން މައްސަލަ ސިޔާސީ ކޮށްގެން ރައްޔިތުންނަށް ނުއުޅެވޭ ވަރު ކުރަނީ ކަމުގެ މަންޒަރު ދެއްކެވިއެވެ. އެއީ ހަގީގަތް ހެއްޔެވެ؟ ސިޔާސީ އިދިކޮޅު ފަރާތްތަކުން ކާނިވަލުގައި ބޭއްވި ތިންހަތަރު ބައްދަލުވުމެއްގަޔާއި، ޕީޕީއެމް އޮފީސް ކައިރީގައި ބޭއްވި ޚިޔާލު ފާޅު ކުރުމުގެ އެއްވުންތަކުގައި އެ މައްސަލައާއި ބެހޭގޮތުން ސަރުކާރުން ކަންކުރާ ގޮތަށް ފާޑު ކިޔައިފައިވެއެވެ. އެމްޑީއެން އުވައިލައި، އޭގެ އިސް މީހުންނަށް ފިޔަވަޅު އަޅައި، ސަރުކާރުގެ އިސް މަގާމުތަކުން އެމީހުން ވަކި ކުރުމަށް ގޮވައިލައިފައިވެއެވެ. އޭގެ އިތުރުން ސިޔާސީ ގޮތުން ރައީސް އެހައި ކޯފާ ވާންވީ، ނުވަތަ އާއްމުންނަށް ދިރިއުޅުމަށް ދަތި ވާވަރުގެ ކަމަކަށް އިދިކޮޅު ފަރާތްތަކުން ކުރީ ކޮންކަމެއް ހެއްޔެވެ؟ ރައީސް ޔާމީނުގެ ވެރިކަމުގައި އެމްޑީޕީ އިސްވެ އޮވެ، މޭޑޭއާއި އެނޫންވެސް ދުވަސްތަކުގައި ކުރި މުޒާހަރާތައް ހަނދުމަކޮށްލަމާ ހެއްޔެވެ؟ ފަސް އަހަރު ވާންދެން މުޅި މާލޭގެ އެތަންމިތަނަށް އެއްވެ، މަގުތައް ބަންދު ކޮށް، އާންމު ދިރިއުޅުމަށް ދަތި ކޮށް އުޅުނު ގޮތް ހިތްމައްޗަށް ގެންނަމާތޯއެވެ. އެއިރު ރައީސްގެ ޕާޓީން ރައްޔިތުންގެ ދިރިއުޅުމަށް ކުރި އުނދަގޫތަކާ، މިހާރު ގާބިލުކަން ނެތިގެން ވިޔަސް ނުވަތަ އެހެން ސަބަބަކާ ހުރެ ވިޔަސް، ޕީޕީއެމްއިން ސަތޭކައެއްހައި މީހުންނާ އެކު ހިންގާ ހަރަކާތްތަކާ އަޅައިނުކިޔޭނެއެވެ. އެކަންކަން އެއްވަރެއް ނުވާނެއެވެ. އިދިކޮޅު މީހުން ބުނާ ހަމައެކަނި އެއްޗަކީ އެމްޑީއެންއިން އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އިންތިހާ ދަރަޖައިގެ އިހާނާތްތެރި ބަހުރުވައިން އިސްލާމް ދީނަކީ ކަނޑައެޅިގެން ފުލޯކުތަކާއި އަސްލެއް ނެތް ބާތިލް ކަންކަމުގެ މައްޗަށް ބިނާ ވެފައި އޮތް، އަންހެނުންނަށް އިހާނެތިކޮށް ހިތާ، އަނިޔާވެރި، ހަރުކަށި ދީނެއް ކަމަށް ބުނެ ހެދުމުން، އެކަން ކުރި މީހުންނަށް ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅުއްވާށޭ މިފަދައިންނެވެ. އެ ބަސް ގޯސް ކުރައްވައި، މީހުންގެ ޖަޒުބާތުތައް އޮޅުންބޮޅުން ކުރުވާ ފަދަ ބަހުރުވައިން ރައީސް ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވައިލެއްވުމަށެވެ.

ސިޔާސީ އަލިފާން އަންދާ ދަރަކީ ދީން

ސިޔާސީ އަލިފާން އަންދާން ދަރުގެ ގޮތުގައި ދީން ބޭނުން ނުކުރާށޭ ވިދާޅުވިއެވެ. – މިއީ ވެސް ހައިރާން ވާން ޖެހޭ ކަހަލަ ވާހަކަފުޅެކެވެ. ކުރީން ބުނިހެން، އެމްޑީއެން ރިޕޯޓަކީ މާތްވެގެންވާ އިސްލާމް ދީނާއި ނަބިއްޔާއާ މެދު ހިތުހުރި ބަހުރުވަޔަކުން، ދިވެހި ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތި، އެއްވެސް އިލްމީ ހަމައަކަށް ބެލުމެއް ނެތި، ލިޔެފައި ވާ "ޕޮރޮވޮކޭޓިވް" ރުޅިއަރުވާ ޒާތުގެ އަދި "އޮފެންސިވް" އިހުސާސްތަކުގައި ކޮޅުފައިންޖަހާ ލިޔުމެކެވެ. އެއީ ދިވެހި ރައްޔިތުންގެ އަގީދާ އާއި، ގައުމީ ޝަޚްސިއްޔަތާއި، މުޅި ދިވެހި ގައުމަށް ދިން އަނިޔާވެރި ހަމަލާއެކެވެ. އެކަމަކު، އެ ރިޕޯޓާ މެދު ދީނީ އިލްމުވެރީންނާއި އާންމު ރައްޔިތުން ކުރެ ގިނަ ބަޔަކު ހިތްހަމަނުޖެހި ރުޅިވެރިކަން ފާޅު ކުރުމުން، ރައީސަށް އެކަން ފެނިވަޑައިގަންނަވަނީ ސިޔާސީ އަލިފާން އަންދާން ދަރުގެ ގޮތުގައި ދީން ބޭނުން ކުރުން ކަމަށްތޯއެވެ! އެހެންވިއްޔާ، ސިޔާސީ އަލިފާން އަންދާން ދަރުގެ ގޮތުގައި ދީން ބޭނުން ނުކުރުމަކީ، އެ ރިޕޯޓާ މެދު ޗުއްޕު ވެސް ނުބުނެ، އެ ރިޕޯޓު ލިޔުނު މީހުން އިތުރު ރިޕޯޓުތައް ވެސް ލިޔާން ފުރުސަތު ދީ، އެކަމާ އެހެން މީހަކު ނުބެހި، ދީނީ އިލްމުވެރީން ވެސް އެކަމާ އަޅައިނުލައި، ސިޔާސީ ލީޑަރަކު ވެސް އެކަން ކުށްވެރި ނުކޮށް، ރައްޔިތުން ވެސް ހިތްދަތި ވިޔަސް ރުޅި އަޔަސް އަނގަމަޑުން ލައިގެން ތިބެ، ސަރުކާރުން ރައީސް އޮފީހާއި، ދެންވެސް މުޅީ ދައުލަތުގެ ހުރިހާ ތަނަކަށް އެމްޑީއެންގެ އިސް މީހުން ލައިގެން، ދިވެހި މުސްލިމް ރައްޔިތުންގެ ޓެކްސް ފައިސާއިން އެއިން ކޮންމެ މީހަކަށް ތިރީސް، ސާޅީސް، ފަންސާސް، ފަސްދޮޅަސް ނުވަތަ ހަތްދިހަ ހާހުން މުސާރަ ދިނުމަށް ވެސް ރުހިގެން، ހަޖަމު ކޮށްލައިގެން ތިބުން ހެއްޔެވެ؟

ހަގީގަތުގައި، ރައީސަށް ކޮންމެވެސް މީހަކު ބުނެދޭންވީ، މި ހިނގާ ކަންތައްތަކަކީ ސިޔާސީ އަލިފާން އަންދާން ދަރުގެ ގޮތުގައި ދީން ބޭނުން ކުރުމުގެ މައްސަލައެއް ނޫންކަމާއި، މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު އަންދައިލާން، ވަރުގަދަ އުނދުނެއްގެ ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުން ކުރުމުގެ މައްސަލައެއްކަމެވެ. އެކަން ކުރަނީ ރައީސްގެ ޕާޓީގެ ލީޑަރު ނަޝީދުގެ ތާއީދާ އެކު، ރައީސްގެ އިހުމާލުގެ ހިޔަލުގެ ދަށުގައި ތިބެ، ރައީސްގެ ޕާޓީއަށް ފިކުރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނިސްބަތްވާ ލާދީނީ، "އިސްލާމޯފޯބްސްތަކެއް" ކަމެވެ. ރައީސްގެ ބަހުން ނަމަ، އިސްލާމް ދީނާ ދެކޮޅަށް ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް، ﷲ އާއި ޤުރްއާނާއި ރަސޫލާޔަށް ހިތުހުރި އެއްޗެއް ގޮވިޔަސް، ދީނީ ޢިލްމުވެރިޔަކު އެއާ ދެކޮޅަށް އެއްޗެއް ބުނެގެން ނުވެއެވެ. އެއީ ދީނީ ހަރުކަށިކަމަށް ހިތްވަރު ދިނުން ކަމަށް ވާނެތީއެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ލީޑަރަކު އެއްޗެއް ބުނެގެން ނުވެއެވެ. އެއީ ސިޔާސީ އަލިފާން އެންދުމަކަށް ވާނެތީއެވެ. އާއްމުންގެ މީހަކު އެއްޗެއް ބުނެގެން ނުވެއެވެ. އެއީ ޓެރަރިޒަމަށް ވެދާނޭތީއެވެ. އެހެންވީމާ، ރައީސްގެ ބަހުގައި އިސްލާމް ދީނަށް ދޭ ހަމަލާތަކާ މެދު އެންމެންވެސް ޗުއްޕު ނުބުނެ، އަނގަ ހިމޭނުން ލައިގެން ތިބޭންވީތާއެވެ.

ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން އުޅުމުގެ ވާހަކަޔާއި، އަލިފާން އަންދާ ވާހަކަ ދައްކަވާން ރައީސް ލަދުފުޅު ގަންނާން ޖެހޭނެއެވެ. ރައީސް ވެސް އިސްކޮށް ހުންނަވައިގެން ރައީސްގެ ޕާޓީގެ ހަރަކާތްތައް ރާއްޖޭގައި ފެށިގެން އައި އިރު، ޝައިޚް ފަރީދު ފަދަ "ދީނީ އިލްމުވެރީން" ބޭނުން ކޮށްގެން، އެ ޕާޓީއަށް ތާއީދު ހޯދާން، އަދި ރައީސް މައުމޫނާ ދެކޮޅަށް، އެބުނާ ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރުމުގެ މަގުން، ކުރެއްވި ކަންކަން ބަޔަކު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އަދި ބަޔަކު ހަނދާން ނެތުނަސް، އެއީ ހިނގި ކަމެއް ކަމުގައި މެނުވީ ނުވާނެއެވެ. ހަގީގަތުގައި ދީން ސިޔާސީ ހަތިޔާރަކަށް އެންމެ ނުބައި ގޮތުގައި ބޭނުން ކުރީ ރައީސްގެ ޕާޓީންނެވެ. އެހެނީ، ދީނަށް އެއްވެސް ލޯތްބެއް ނެތި، ދިވެހި ރައްޔިތުންގެ ތާއީދު ހޯދުމަށް ޓަކައި، ދީން ހިމާޔަތް ކޮށްދޭނޭކަމުގެ ވައުދު ވެފައި، ވެރިކަމަށް އައިސް ސީދާ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ރައީސްގެ އެމްޑީޕީއެވެ. ޝައިޚް ފަރީދާއި ބީއޭ ނަސީމް ފަދަ ބޭފުޅުންނަކީ އެ ޕާޓީގެ ހަޔާތުގެ ކުރީކޮޅު، އެމްޑީޕީން ދީން ސިޔާސީ ހަތިޔާރަކަށް ހެދި އިރު އެކަމުގައި އެހީތެރިވެދެއްވާފައި، ވަކި ހިސާބަކުން ވާނުވާ އެނގިވަޑައިގަތުމުން، ޒިންމާއިން ފިއްލަވައިގެން ދުރުގައި ތިއްބެވި ބޭފުޅުންނެވެ.

އެއިރު، ރައީސް މައުމޫނުގެ ސަރުކާރުން، މިހާރު ރައީސް ޞާލިޙު އެ ބަޔަކަށް ތިޔަ ފާޑު ވިދާޅުވާ "ސަލަފީ" އިލްމުވެރީންނަށް ފިޔަވަޅު އެޅީމާ، އެންމެ އަޑުބާރުކޮށް އެކަމާ ދެކޮޅު ހަދައި، އިލްމުވެރީންގެ ތުނބުޅި ސޯސް ލައިގެން ބާލަނީއޭ ކިޔައ، އެ އެންމެން ޖަލްސާތަކަށް އެއްކޮށް އެމީހުން ކައްކުވައި، މައުމޫނުގެ ސަރުކާރާ ދެކޮޅަށް އެންމެ ވަރުގަދަ އެއް ހަތިޔާރަކަށް އެމީހުން ބޭނުން ކުރީ މަނިކުފާނުގެ ޕާޓީންނެވެ. އެއީ މި ގައުމުގައި މިހައިތަނަށް އެންމެ ހުތުރުކޮށް އިސްލާމް ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރެވުނު ކުރެވުމެވެ. އެހެނީ، އެއިރު ރައީސް ޞާލިޙުގެ ރޫހާނީ ލީޑަރު ރައީސް ނަޝީދު އެކަން ކުރީ، އިސްލާމް ދީނަށް ވެސް އަދި ފަރީދުމެން ބީއޭ ނަސީމްމެން ފަދަ ބެއިފުޅުންނަށް ވެސް ހިތުގެ އަޑީގައި އެއްވެސް ރަހުމެއް އިހުތިރާމެއް ނެތި، ހަމައެކަނި ރައްޔިތުންގެ ހިތްތަކުގައި މައުމޫނާ ދެކޮޅަށް ނަފްރަތު އުފައްދައި، މައުމޫނު ދީނާ ޚިލާފޭ ދީނީ އިލްމުވެރީންތަކެއް ލައްވައި ބުނުވައިގެން މައުމޫނުގެ އިތުބާރު ގެއްލުވައިލުމަށް ޓަކައެވެ.

އަލިފާން އެންދުން

ދެވަނަ ކަމަކަށް، އަލިފާނާއި އަންދާ ވާހަކަޔާއި، ޓެރަރިޒަމުގެ ވާހަކަ ރައީސް ދައްކަވާ އިރު، 8 ފެބުރުވަރީ 2012 ގެ މަތީން ހަނދުމަފުޅު ނެތުމަކީ ދެރަކަމެކެވެ. 8 ފެބުރުވަރީ 2012 ގައި ރައީސްގެ ޕާޓީން، ސިޔާސީ ރުޅިވެރިކަމުގައި ނުކުމެ ދިވެހި ދައުލަތާއި ރައްޔިތުންގެ މިލްކު އެތައް މުދަލެއް އަލިފާނުން އަންދައިލިއެވެ. 200 މިލިއަނާ ކައިރި ކުރާ މިންވަރަކަށް ގެއްލުން ދިނެވެ. އިންފްލޭޓެޑް އަގުތަކުގައި އެ ތަކެތި އަލުން ހޯދުމަށް ހޭދަވާ އަދަދާ އެކު، މިއީ ދިވެހި ރައްޔިތުންނަށް މަދުވެގެން 500 މިލިއަނެއްހައި ރުފިޔާގެ ގެއްލުން ލިބުނު އަމަލުތަކެވެ. މިއަދު ރައީސްގެ ވެރިކަން އޮތް އިރު، އަދި ވެއަތުވެދިޔަ ތަނުގައި ހިނގި "ޖަރިމާތަކަށް" ފިޔަވަޅު އެޅުއްވުމަށް ކޮމިޝަންތަކާއި ކޮމިޓީތައް ނަންގަވައިގެން، ދައުލަތުގައި އެ މަސައްކަތް ކުރުމަށް ހެދިފައި ހުރި "އޯރޑިނަރީ" އިދާރާތަކަށް ކުރާ ޚަރަދުގެ އިތުރުން އެތައް މިލިއަނެއް ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރައްވަމުން ގެންދަވާ އިރު، އެ އަލިފާނުގެ މައްސަލައެއް ނުބައްލަވައެވެ. ޓެރަރިޒަމޭ ވިދާޅުވާ އިރު، އަލިފުދާލުގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ރަނގަޅު ގާނޫނީ ނިޒާމުތަކުގައި ޓެރަރިޒަމް މާނަ ކޮށްދީފައި ހުރި ކޮންމެ ތަޢުރީފެއްގެ މިންގަނޑުން ކިރިޔަސް، 8 ފެބުރުވަރީގައި ދައުލަތާއި ރައްޔިތުންގެ އެތައް ޕްރޮޕަރޓީއެއް އަންދައިލި މީހުންނަކީ ޓެރަރިޒަމްގެ އަމަލުތަކެއް ހިންގި ބައެއް ކަމުގައި ނުވާނޭ ގޮތެއް ނެތެވެ. އެމީހުންނާ މެދު ފިޔަވަޅު ނާޅުއްވަނީ، އެއީ ރައީސްގެ ޕާޓީގެ މީހުން ކުރި ކަމެއް ކަމުގައި ވާތީކަން، އެއީ ހަމަބުއްދި ސަލާމަތުން ހުރި ކޮންމެ ދިވެއްސަކުމެ ދަންނާނޭ ކަމެކެވެ.

ދީނީ ޢަޤީދާ ވަރުގަދަވާހަކަ، ލިޔާލިޔުމަކުން އަސަރުނުކުރާނެ ވާހަކަ

ދީނީ އަގީދާ ވަރުގަދަ ވާހަކަޔާއި، ބަޔަކު ލިޔާ ލިޔުމަކުން އެ އަގީދާޔަށް އަސަރެއް ނުކުރާނެޔޭ ތިޔަ ވިދާޅުވާ ވިދާޅުވުމަކީ، ކުރިފުޅުމަތީން ފެންނާން ހުރި ހަގީގަތަށް ލޯ މަރުއްވައިލައްވައިފައި، ދައްކަވާ ދެއުޅިއެއްނުވާ ވާހަކައެކެވެ. ރައީސެވެ! މަނިކުފާނަކީ އާދަޔާ ޚިލާފަށް ދީނީ އަގީދާ ވަރުގަދަ ބޭފުޅެއް ކަމުގައި ވެދާނެއެވެ. އެހެންވެ، ރާއްޖޭގައި ތިބިއްޔާ ތިބި ގާތްގަނޑަކަށް ހުރިހައި އިސްލާމޯފޯބުންނާއި ސެކިޔުލަރިސްޓުން މަނިކުފާނުގެ ސަރުކާރުގައި ނުވަތަ ޕާޓީގައި ތިބެގެން، އެމީހުންނާ އެކު އުޅުއްވާ އިރު ވެސް މަނިކުފާނުގެ އަގީދާއަށް ގުޑުމެއް ނާންނަނީކަމުގައި ވެދާނެއެވެ. މަރުހަބާއެވެ! އެހެންނަމަވެސް، މަނިކުފާނަކީ މި ގައުމުގެ ރައީސެވެ. ވެރިޔާއެވެ. ވަލިއްޔުލްއަމްރެވެ. މަނިކުފާނު ވިސްނަވާން ވާނީ ހަމައެކަނި މަނިކުފާނުގެ އަގީދާއާ މެދަކު ނޫނެވެ. މި ގައުމުގެ ހުރިހައި ރައްޔިތުންނާއި، އަންނާން އޮތް ޖީލުތަކުގެ އަގީދާއާ މެދުގައި ވެސް މަނިކުފާނު ވިސްނަވާން ވާނެއެވެ. ޒިންމާ ނަންގަވާން ވާނެއެވެ.

ބައެއްގެ އަގީދާ ހަލާކު ކޮށްލުމަކީ، ފިކުރީ ގޮތުން އެ އަގީދާގެ އަސާސްތަކަށް ހަމަލާ ދީގެން، އެ ބައެއްގެ ވިސްނުމާއި ފިކުރު ކިލަނބު ކޮށްލައިގެން، ކުރެވިދާނޭ ކަމެކެވެ. އެއީ އާއްމުކޮށް ދުނިޔޭގައި ހިނގާ ކަމެކެވެ.

ބައްލަވާށެވެ. އެމްޑިއެން ރިޕޯޓު ލިޔުނު މީހުންނަކީ ވެސް މަނިކުފާނެކޭ އެއްފަދައިން، އެއް އިރެއްގައި އަގީދާ ރަނގަޅު، މުސްލިމް މައިންބަފައިންނަށް އުފަން، ދިވެހި ގައުމުގެ މަދަރުސާތަކުން، ގުރުއާން ކުލާސްތަކުން، "ތަރުބިއްޔަތު" ލިބުނު މުސްލިމް ކުދީންނެވެ. މިއަދު އެމީހުން އެ ހިނގަނީ ދުނިޔޭގައި އިސްލާމް ދީނާއި އެ ދީނުގެ ނަބިއްޔާއަށް އެންމެ އަދާވާތްތެރި، އެންމެ ހަސަދަވެރި، އެންމެ ހުތުރު ބަހުން އެއްޗެތި ގޮވާ މީހުން ދައްކާ ވާހަކަތައް އަޑު އަހައި، އެ ވާހަކަތައް ގަބޫލު ކޮށް، އެ ވާހަކަތައް ތަކުރާރު ކޮށްގެން އިސްލާމް ދީނަށް އެއްޗެތި ގޮވަމުންނެވެ. އޭގެ އިތުރުން، މި ގައުމުގެ ތައުލީމީ ނިޒާމާއި، ގާނޫނީ ނިޒާމާއި، މުޅި މުޖުތަމައުގެ ހުރިހާ ކަމަކުން އިސްލާމް ދީން ނެތިކޮށްލުމަށް ވަކާލާތު ކުރަމުންނެވެ. މިއީ ބައެއްގެ އަގީދާ ހަލާކު ވެގެން ހިނގައިދާނޭކަމުގެ އަލިގަދަ ހެއްކެއްކަން މަނިކުފާނަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯއެވެ؟ ނުވަތަ ގަސްދުގައި އިތުރުފުޅު ހައްދަވައިގެން އޮޅުވައިލައްވަނީތޯއެވެ؟ އެމީހުންގެ އަގީދާ ހަލާކު ވީ ކީއްވެގެންތޯއެވެ؟ މަތީން އައި ބަޔަކު އެމީހުންގެ އަގީދާ ކިލަނބު ކުރީތޯއެވެ؟ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ފިކުރީ ހަނގުރާމައިގެ އަވައިގައި ޖެހުމުގެ ސަބަބުން އެމީހުންގެ ފިކުރު ހަލާކު ވީކީ ނޫންތޯއެވެ؟ އެފަދަ އެއް ބަޔަކު އުފެދިއްޖެ ނަމަ، އެ ފިކުރީ ހަނގުރާމައިގެ ސަބަބުން އެފަދަ އިތުރު މީހުން ނުއުފެދޭނެތޯއެވެ؟ އެފަދަ އިތުރު މީހުން އުފެދުމަށް ހުރި ދޮރުތައް ބަންދު ކުރާކަށް ނުޖެހޭތޯއެވެ؟ މަނިކުފާނު ފަދަ ބެއިފުޅުން ހެއި އަރާނީ މިރިޕޯޓު ލިޔުނު މީހުން ފަދަ ކިތައް މީހުން، މި ގައުމުގައި އުފެދުމުންތޯއެވެ؟

މަނިކުފާނާ އެކުގައި އިސްލާމް ދީން ނައްތައިލާން އުޅޭ މީހުންނަށް އިސްލާމީ ގައުމެއްގައި، މުސްލިމުންނަށް އެމީހުންގެ ދީނާ އެއްގޮތަށް އުޅުމަށް ލިބިގެންވާ އިންސާނީ ހައްގުތަކާއި ރައިޓް ޓު ސެލްފް ޑިޓަރމިނޭޝަނާއި މިނިވަންކަމާއި އިޚްތިޔާރު ބޭނުން ނުކުރެވޭ ނަމަ، އެކަމާ ރުޅި އަންނާނޭކަން، ބަދަލު ވެސް ހިފާނޭކަން ނުދަންނަ މީހުންތަކަކަށް ހީވިޔަސް، އެހެންނެއް ނުވާނެއެވެ. ރައީސެވެ! މަނިކުފާނުގެ ގެކޮޅުގައި، މަނިކުފާނުގެ ގޮވަތީގައި، ބަޔަކު މަނިކުފާނުގެ މަންމާފުޅަށް ބައްޕާފުޅަށް ވަގަށް ގޮވާ އަޑު އައްސަވާން މަނިކުފާނު އިންނަވާނެތޯއެވެ؟ މަނިކުފާނުގެ ގޭގެ ތެރޭގައި އެހެން ބުނާން އެމީހުންނަށް މިނިވަންކަން ނުވަތަ ހައްގު އޮންނާނެ ކަމަށް ގަބޫލު ކުރައްވާނަންތޯއެވެ؟ އެހެންވިއްޔާ، އިނގިރޭސި ވިލާތުގައި ރާނީއަށް ވަގަށް ނުގޮވޭ ފަދައިން، އެމެރިކާގައި ކޮމިޔުނިޒަމް ނުފެތުރޭ ފަދައިން، އިޓަލީ ވިލާތުގައި ކްރިސްޓިއަން ދީނީ އަގީދާޔަށް ފާޑު ނުކިޔޭ ފަދައިން، ފަރަންސޭސި ވިލާތުގައި ބުރުގާ ނޭޅޭ ފަދައިން، އޮސްޓްރޭލިޔާގައި އިސްލާމީ ޝަރީއަތް ނުހިންގޭ ފަދައިން، އަޅުގަނޑުމެންގެ މި ކުޑަކުޑަ ބިމުގައި، އަޅުގަނޑުމެންގެ ގޯތިގެދޮރުގައި، އަޅުގަނޑުމެންގެ ދީނާއި އަޅުގަނޑުމެންގެ ނަބިއްޔާއަށް އެއްޗެތި ގޮވާކަށް ފުރުސަތު ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. އެކަން ކުރާ ގައްދާރުންނަށް އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން މުސާރަ ދޭކަށް، އެމީހުން ގާނޫނު ހަދާން ތިބޭކަށް، އެމީހުން ފަނޑިޔާރުކަން ކުރާން ތިބޭކަށް، އެމީހުން މަނިކުފާނާ އަޅުގަނޑުމެން ހަވާލު ކުރި މަސްއޫލިއްޔަތު އަދާ ކުރައްވާނޭ ގޮތް ކިޔައިދޭން އެޑްވައިޒަރުންގެ ގޮތުގައި ތިބޭކަށް އަޅުގަނޑުމެން ނޭދެމެވެ. ދުނިޔެ ވަރަށް ބޮޑެވެ. އެމީހުންގެ ފިކުރީ ސާހިބުން، އެމީހުންގެ މައުލާއިންގެ ގައުމުތަކުން އެމީހުންނަށް މަރުހަބާ ކިޔައެވެ. އެޒައިލަމާއި ރައްކައުތެރިކަމާއި ރައްޔިތުކަން ވެސް ދެއެވެ. އެތަންތަނަށް ދާންވީއެވެ. މިތަނުގައި އުޅެންޏާ، މި ގައުމުގެ ރައްޔިތުން ކުރެ ސަތޭކަޔާ ގާތްކުރާ މެޖޯރިޓީއެއްގެ ހިތުގެ ލޯބި ލިބިގެންވާ، ދިވެހިންގެ ދިވެހި ގައުމިއްޔަތުގެ އަސާސް ކަމަށްވާ އިސްލާމް ދީނާއި، ދިވެހީންގެ ގާތުގައި ހަނދާއި ތަރިތަކަށް ވުރެ އަލިގަދަ، އަދި އެހެން ކޮންމެ މީހަކަށް ވުރެ ލޮބުވެތި ނަބިއްޔާއާ ދެކޮޅަށް ހިތުހުރި ވައްތަރަކަށް އެއްޗެތި ގޮވައި އެކަލޭގެފާނަށް ހަޖޫ ޖަހައިގެން މިތާކު ނުއުޅެވޭނެއެވެ. މިތާގައި އުޅެންޏާ ޖެހޭނީ އެބައެއްގެ ނޭއްގާނި، ޖާހިލު، ނުލަފާ، ނަފްރަތްތެރި، ފިތުނަވެރި، ފަސާދަވެރި، ޣައްދާރު ޚިޔާލުތަކާއި ޖަޒުބާތުތަކާއި ޝުއޫރުތައް ފައުޅު ނުކޮށް އުޅޭށެވެ.

އެމްޑިއެން މީހުން މަސައްކަތް ކުރަނީ އިސްލާމް ދީނާ މެދު އެމީހުންގެ އަގީދާ ފާސިދު ވި ގޮތަށް، އިތުރު ދިވެހީންގެ އަގީދާ ފާސިދު ކޮށް، އިސްލާމް ދީނުގެ މަގާމާއި ހައިސިއްޔަތު މި ގައުމުން ނެތިކޮށްލާންކަން އެއީ މެންދުރުގެ އިރު ފަދައިން އެނގޭން އޮތް ހަގީގަތެވެ. އެ މަސައްކަތް ހުއްޓުވައިދެއްވުމަށް ބަޔަކު އެދުނީމާ، އެ ބައެއްގެ ބޮލުގައި އަލިފާން އަންދަނީއޭ، ޓެރަރިޒަމޭ، ހަރުކަށިކަމޭ، ސިޔާސީ މަގުސަދޭ ކިޔުއްވައިގެން ނުބައި ބަދުނާމުތައް އަޅުއްވައި، ތިމަންނާގެ އަގީދާ ވަރަށް ވަރުގަދައޭ ވިދާޅުވެ ބޮޑުބަސް އިއްވަވަމުން، އެ މަސައްކަތް ކުރި މީހުންގެ ހިމާޔަތުގައި މަނިކުފާނު ތިޔަ އުޅުއްވަނީއެވެ. އެ މަސައްކަތް ނުހުއްޓި، މަނިކުފާނުގެ ސަރުކާރުން އެކަން ކުރި މީހުންނަށް ހިތްވަރު ލިބޭގޮތަށް، އެމީހުންނަކީ މިނިވަން ފިކުރުގެ މީހުންކަމަށް ހައްދަވައިގެން، އެމީހުންނަށް ދައުލަތުގެ މަތީ މަގާމުތައް ދެއްވައިގެން އުޅުއްވުމުން، އެފަދަ އިތުރު އެތައް ބަޔަކު މި ގައުމުގައި އުފެއްދުމަށް، އަދި އެފަދަ މީހުންނަށް ފުރުސަތުތައް ދެއްވުމަށް މަނިކުފާނު މަސައްކަތް ކުރައްވާކަމުގެ ހެކި ނޫނީ ނުފެނެއެވެ. އެ ރިޕޯޓު ލިޔުނު މީހުން، ކުޑައިރު މުސްލިމުންގެ ގޮތުގައި ތިބެފައި، މިހާރު އަގީދާ ފާސިދު ވެގެން ދީނަށާއި ނަބިއްޔާއަށް ފުރައްސާރަ ކުރަމުންދާ ފަދައިން، އިތުރު އެތައް ސަތޭކަ ނުވަތަ އެތައް ހާސް ދިވެހި ޅަޒުވާނުންގެ އަގީދާ ފާސިދު ވެގެން ދާ އިރު ވެސް، މަނިކުފާނު ހުންނަވާނީ "މަގޭ އަގީދާ ވަރަށް ވަރުގަދަ" މިހެން ވިދާޅުވޭވޭތޯއެވެ؟

އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ރައީސްގެ ވާހަކަފުޅުތަކަކީ ޒިންމާ އަދާ ކުރެއްވުމުގެ ބަދަލުގައި، "ވިކްޓިމް ބްލޭމް" ކުރުމުގެ ހުތުރު އަމަލުފުޅެކެވެ. ސިޔާސީއޭ، އަލިފާނޭ ނުކިޔުއްވައި، އެމްޑިއެންގެ އިސް މީހުން މަނިކުފާނުގެ ސަރުކާރުގެ އިސް މަގާމުތަކުން ވަކި ކުރައްވާށެވެ. މަނިކުފާނުގެ އީމާންކަން ތިޔަ ވިދާޅުވާހައި ވަރުގަދަ ނަމަ، އަދި ކީރިތި ރަސޫލާ ދެކެ ތިޔަހައި ލޯބިފުޅުވާ ނަމަ، އިސްލާމް ދީނަށާއި ރަސޫލާޔަށް ފުރައްސާރަ ކުރި ބަޔަކަށް ޖާހާއި އިއްޒަތާއި ފަލަ މުސާރަތަކާއި ރައްކައުތެރިކަން ދެއްވައިގެން، ރަސޫލާޔަށް އިހާނެތިކޮށް ހިއްތެވުމަށް މަނިކުފާނުގެ ސިކުނޑިފުޅާއި ޒަމީރު ރުހޭނޭ ގޮތެއް އޮވެގެން ނުވާނެއެވެ. މިހާރު ތިޔަ ދައްކަވާ ވާހަކަޔާއި ކަން ކުރައްވާ ގޮތް ދިމައެއް ނުވެއެވެ. މަނިކުފާނުގެ އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، ކުރައްވާންވީ ކަމަކީ އެމްޑީއެންގެ ފަހަތުގައި ތިބި މީހުންނާއި، އެފަދަ އެހެން މީހުން ވެސް ދައުލަތުގެ މަގާމުތަކުގެ ތެރެއިން މަނިކުފާނުގެ އިޚްތިޔާރުގައި މަނިކުފާނު އައްޔަން ކުރައްވާ މަގާމުތަކުން ވަގުތުން ވަކި ކުރެއްވުމެވެ. އަދި އެމީހުންގެ ފިކުރު މި މުޖުތަމައުގެ ޅަޒުވާން ސިކުނޑިތަކަށް ވިހައެއް ފަދައިން ފެތުރުން ހުއްޓުވުމެވެ. އެފަދަ އިތުރު ބަޔަކު މި ގައުމުގައި އުފެދިދާނޭ ދޮރުތައް ބަންދު ކުރެއްވުމަށް ޓަކައި ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން ޒިންމާ ނެންގެވުމެވެ. 

ކިޔުންތެރިންގެ ހިޔާލު
ކެރަފާ ކޮށިކަތިވަޅި
ރައީސު އެވީދާޅުވީ އަޅުގަނޑުގެ ހިތައް އަރައޭ އުފަލުގަ ހަމަޖެހިގެން ދިރިއުޅުމުގެ މިގައުމުގެ ރައްޔިތުންނައް ނެތީބާއޭ އެވީދާޅުވާ އުފަލާއި ހަމަޖެހުމަކީ ޔަހޫދީންނާ ނަސާރާއިން އުޅޭގޮތްބާ
މަ
👏👏👏👍 މާޝާ ﷲ ފުރިހަމަ ލިޔުމެއް. ﷲ ތިބާ އަށް ހެޔޮ ރަހުމަތް ލައްވާށި.
ޥ އެދުރު
ވަރަށް ރަނގަޅު ލިޔުމެއް ، ރައީސް ޞާލިޙު ޒިންމާ ނަގަން ޖެހޭނެ
ކިޔުންތެރިޔާ
ވ ފުރިހަމަ ލިޔުމެއް
ހެޔޮއެދޭ
ﷲ ތިބާއަށް ހެޔޮރަހުމަތް ލައްވާށި! އާމީން.👋👋👋👋 ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ލޫލޫ
ތި ރަައީސް ތަސައްރަފު ފުރެންދެން ގޭގަ މަޑުކޮށްލުން ރަގަޅު ވާނެ
އިސްމާޢީލް
ވަރައްފުރިހަމަލިއުމެއް ސާބަސްދަރިޔާ ތިޔައީ ިހަމަދިވެހިދަރިޔެއް
ޢިލްޔާސް
ސާބަސް.ޢިލްމީ ފުރިހަމަ ލިޔުމެއް