Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އެހެން ޤައުމުތަކުގެ އުމްރާނީ ތަރައްޤީއަށް ޚަރަދުކޮށްގެން ޗައިނާއަށް ލިބެނީ ކޮންފައިދާއެއް؟

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިސާދު ކަމަށްވާ ޗައިނާ އިން ވަނީ ފާއިތުވި 15 ވަރަކަށް އަހަރުތެރޭ ތަރައްޤީވަމުން އަންނަ ވަރަށް ގިނަ ޤައުމުތަކުގެ އުމްރާނީ ތަރައްޤީއަށް އެހީތެރިވެދީފައެވެ. އުމްރާނީ ތަރައްޤީއަށް ލޯނު ދިނުމުގެ އިތުރުން ސީދާ ފައިސާގެ އެހީވެސް ޗައިނާއިން މިފަދަ މަޝްރޫއުތަކަށް ދެއެވެ.
މިގޮތުން މި ސަރަހައްދުގެ ގިނަ ޤައުމުތަކުގެ އުމްރަނީ ތަރައްޤީއަށް ޗައިނާއިންވަނީ ޚަރަދުކޮށްފައެވެ. ރާއްޖެއަށް ވެސް މިފަދަ އެހީތެރިކަން ޗައިނާއިން ވެދީފައިވާ އިރު އެންމެ ފާހަގަކޮށްލެވެނީ މާލެ އާއި ހުޅުމާލެ ގުޅުވާލަން އަޅާފައިވާ ޗައިނަ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނޫނީ ސިނަމާލެ ފާލަމެވެ. މި ބްރިޖު އަޅަން ޗައިނާ އިން ފެށުމާއި އެކުހެން އޭރުގެ އިދކޮޅު ފަރާތްތަކުން ގިނަ ސުވާލުތަކެއް ސަރުކާރާއި ކުރިމަތި ކުރުވިއެވެ. އެފަދަ ބޮޑު މަޝްރޫއެއް ހިންގައިގެން ޗައިނާއަށް ލިބޭނީ ކޮން ފައިދާއެއްތޯ އާއި، އެ މަސައްކަތަށް ނަގާ ލޯނު ނުދެއްކިއްޖެނަމަ ވާނީ ކިހިނެއްތޯ ސުވާލުކުރެވުނެވެ. އަދި މިފަދަ ބޮޑު ކަމެއް އެއްވެސް އެދުމެއް ނެތި ކޮށްނުދޭނެ ކަމަށާއި ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް އޮންނާނެކަމަށްވެސް ތުހުމަތުކުރިއެވެ.އެހެން ކަމުން ޗައިނާއަށް މިފަދަ މަޝްރޫއުތަކުން ފައިދާވާގޮތް ބަލާލުން މުހިންމުކަމެކެވެ.
ޗައިނާއިން އެހެން ޤައުމުތަކުގެ އުމްރާނީ ތަރައްޤީއަށް ޚަރަދު ކުރަނީ އެގައުމުގެ ރައީސް ޝީޖިންގް ޕިންގް 2013 ގައި ފެއްޓެވި "ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް" (ބީއާރުއައި) ގެ ދަށުންނެވެ. ބީއާރުއައި އަކީ އޭޝިއާ ބައްރު ޔޫރަޕު އަދި އެފްރިކާއާއި ގުޅާލުމަށް ހިންގޭ ބިޔަ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން އެއްގަމާއި ކަނޑުގެ މަގުން ޖުމްލަ 6 ވިޔަފާރި ރޫޓު ޤާއިމު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ބޭނުމަކީ މި މަޝްރޫއުގައި ބައިވެރިވާ ޤައުމުތަކަށް ވިޔަފާރީގެ ގޮތުންނާއި އިޤްތިސާދީ ގޮތުން ކުރިއެރުން ހޯދާދީ ޗައިނާއަށް އައިސްފައިވާ ތަރައްޤީގެ ހިއްސާ މި ޤައުމުތަކާއި ކުރުމެވެ.
ޗައިނާގެ އިޤްތިސާދުގެ އެންމެ ބޮޑު ދައުރެެއް އަދާ ކުރަނީ ވިޔަފާރި އާއި އިމާރާތް ކުރުމުގެ ދާއިރާއިންނެވެ. މިއީ އިޤްތިސާދު ކުރިއެރުމުގައި މުހިންމު ދައުރެެއް އަދާ ކުރާ ދެ ދާއިރާއެވެ. އެފްރިކާ އަދި ހުޅަނގުގެ ބައްރުތަކާއި އެކު ވިޔަފާރި ކުރާއިރު، އެ ގައުމުތަކަށް ދަތުރުކުރަން އޮން މަގުގައި ހުންނަ ގައުމުތަށް އުމްރާނީ ގޮތުން ތަރައްޤީވެފައި ހުރުން ޗައިނާއަށް މުހިންމެވެ. ސަބަބަކީ ވަރަށް ގިނަ މުދާތަށް އޭގެ ފަހުގެ މަންޒިލަށް ދަނީ ގިނަ ތަންތަނުގައި މަޑުކޮށްފައި ކަމަށްވާތީއެެވެ. އަދި އެ މަޑުކުރާ މަންޒިލް ތަކުގައި އުމްރާނީ ގޮތުން އަންނަން ޖެހޭ ތަރައްޤީ އައިސްފައި ނުވާ ކަމުގައިވާނަމަ، ޗައިނާ އިން ބޭނުންވާ ސްޕީޑުގައި އެ މުދާތަށް އޭގެ ފަހު މަންޒިލާ ހަމަޔަށް ވާސިލުކޮށްނުދެވޭނެއެވެ. އެހެން ކަމުން ބީއާރުއައި ގައި ބައިވެރިވާ ޤައުމުތަކުގެ އުމްރާނީ ތަރައްޤީއަކީ ޗައިނާއަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ޗައިނާ އިން ޚަރަދު ކުރާ އެހެން ބޭނުމެއްވެސް އޮވެއެވެ. އެއީ އެ ޤައުމުތަކަށް ތަރައްޤީ ގެނައުން އަވަސް ކޮށްދިނުމަށެވެ. މިސާލަކަށް ލާއޯސް އަދި ކެމްބޯޑިއާ ފަދަ ޤައުމުތަކުގެ އުމްރާނީ ތަރައްޤީއަށް ޗައިނާއިން ބޮޑު ޚަރަދެއްކޮށްފައިވެއެވެ. ޗައިނާ އިން މިގޮތަށް ޙަރަދު ކުރަނީ މި ޤައުމުތަށް ފަޤީރު ހާލަތުގައި އޮވެއްޖެނަމަ ޗައިނާ އިން އުފައްދަމުން ގެންދާ މުދާ ވިއްކޭނެ މާކެޓެއް އެ ޤައުމުތަކުގައި ނުއުފެދޭނެތީއެވެ.
ޖުމްލަކޮށް ބުނާނަމަ، ޗައިނާއިން މިހާރު މި ކުރާ ޙަރަދުތަކުން ޗައިނާ އަށް ފައިދާ ވާނީ ދިގު މުއްދަތުގައެވެ. އޭޝިއާ އަދި އެފްރިކާ ބައްރުގެ ޤައުމަތަށް ތަރައްޤީ ވަމުން އަންނަ ވަރަކަށް އެ ޤައުމުތަކުން ޗައިނާއިން މުދާ އެތެރެ ކުރާ މިންވަރު އިތުރުވާނެއެވެ. އަދި އެ ޤައުމުތަށް މެދުވެރިކޮށް ޔޫރަޕާއި އެމެރިކާ ބައްރުގެ ޤައުމުތަކަށް މުދާ ފޮނުވަންވެސް ޗައިނާއަށް ފަސޭހަވާނެއެވެ.
މި ލިއުމާއި ގުޅޭ