އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް ވާހަކަ ނުދައްކަވާ ސިޔާސީ ލީޑަރުންނަށް ފާޑުކިޔުން!

ހުސެން ޒަހީން 5 އޮކްޓޯބަރު 2019 15:15
Flowers
އެމްޑީއެން އާއި ދެކޮޅަށް މި 4 ބޭފުޅުންވެސް ވާހަކަ ނުދައްކަވާ

ދީނުގެ އަސްލުތައް އޮޅުވާލައި އިސްލާމް ދީނާއި މި އުންމަތުގެ މާތް ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާއި ދެކޮޅަށް ވާހަކަ ނުދައްކަވާ ސިޔާސީ ލީޑަރުންނަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ފާޑުކިޔަން ފަށައިފިއެވެ. 

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވެފައިވާއިރު ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވެސް ވަނީ އެ ޖަމިއްޔާ އުވާލުމަށާއި ޖަމިއްޔާގެ އިސްވެރިން ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ވެސް ވަނީ އެމްޑީއެންއަކީ ލާދީނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން އެމްޑީއެންގެ މައްސަލައިގައި އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު ވަނީ ފުލުހުންގެ މުއައްސަސާއިން އެމްޑީއެންގެ އިސް މީހުންނަކީ ކޮބައިތޯ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ ކޮންމެ ބަޔަކު ކުރި ނަމަވެސް ދީނަށް ފުރައްސާރަކުރުން އެއީ ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން ވެސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އެމްޑީއެންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިސްލާމްދީނަށް ފުރައްސާރަ ކުރުން އުމުރަށް ޖަލަށް ލެވޭ ކުށަކަށް ހެދުމަށް ގޮވާލެއްވި އިރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ ލާދީނީ ފިކުރު ފެތުރުން އިތުރުވެފައިވާތީ އެކަމާއި ދެކޮޅަށް ވެސް ގާނޫނު ހެދުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ވަނީ ދިވެހީންގެ ތެރެއިން އެއްވެސް މީހަކު އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. 

އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން މިހާތަނަށް ވާހަކަ ނުދައްކަވާ ސިޔާސީ ލީޑަރުން ކަން ފާހަގަކޮށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނީ، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ، ނައިބު ރައީސް ފައިސަލް ނަސީމް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހަށެވެ. މިއިން އެއްވެސް ބޭފުޅަކު އެމްޑީއެންގެ ރިޕޯޓާއި ބެހޭގޮތުން މިހާތަނަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު