Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ޒަމާނީ ޗައިނާގެ ފަރުމާވެރިޔާ: ޑެން ޝިއާއޮޕިންގ

ޑެން ޝިއާއޮޕިން އެމެރިކާއަށް ކުރެއްވި ދަތުރުުގެ ތެރެއިން އެޤައުުމުގެ ރައީސް ޖިމީ ކާޓަރގެ އަރިހުގައި
މިއަދަކީ ޗައިނާގެ ކޮމިއުނިސްޓު ވެރިކަމަށް 71 އަހަރު ފުރޭ މުނާސިބާއެވެ. މިމުނާސަބާގައި ދިޔަރެސްގެ ކިޔުންތެރިންނަށް އަޅުގަނޑުމެން މިގެނެސްދެނީ ޒަމާނީ ޗައިނާ އިޤުތިޞާދުގެ މޭސްތެރިޔާ ކަމުގައި ގިނަ ބައަކު ޤަބޫލުކުރާ ޑެންގ ޝިއާއޮޕިންގއާ ބެހޭ ރިޕޯޓެކެވެ.
1979ވަނަ އަހަރު އިނގެރޭސި ތަޚުތުގެ ފަރާތުން ހޮންކޮންގެ ކަންކަން ހިންގެވުމާ ހަވާލުވެ ހުންނެވި ގަވަރުނަރު ސަރ މުރޭ މެކްލެހޯސް ބެއިޖިންއަށް ވަޑައިގެންނެވީ ޗައިނާގެ މަތީ ފެންވަރުގެ ވެރިންނާ، ހޮންކޮންގައި ހުރި މައްސަލަތައް ހިއްސާކުރެއްވުމަށެވެ. ޗައިނާއިން އިނގެރޭސިންނަށް ކުއްޔަށް ދީފައިހުރި ހޮންކޮންގް ބިންތަކާ ގުޅޭ އެއްބަސްވުން 1997ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އެކަންކަމުގެ ކަންބޮޑުވުން ޗައިނާގެ ލީޑަރަކާ ހިއްސާކުރެއްވުމުގެ އުންމީދުގައި ބެއިޖިންއަށް ވަޑައިގެންނެވުމުން ލިބިވަޑައިގަތީ އުފާވެރި ޚަބަރެކެވެ. ޗައިނާގެ ޤަދަރުވެރި ލީޑަރު ޑެން ޝިއާއޮޕިންއާ ބައްދަލުކުރައްވަން ފުރުޞަތު ލިބިވަޑައިގަންނަވާ ކަމުގެ ޚަބަރެވެ. މިބައްދަލުވުމަކީ އަމިއްލަ އެހެން އިތުރު ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވާ ބައްދަލުވުމެކެވެ. ހޮންކޮންގުގައި ހުރި ކަންބޮޑުވުންތައް މުރޭ އެޝަހަރުގެ ރައްޔިތުންގެ ފަރާތްޕުޅުން ޑެންއަށް ހުށަހެޅުއްވއެވެ. ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މުރޭ ނުކުމެވަޑައިގަންނަވަނިކޮށް، ޑެން އޭނާއަށް ގޮވާލެއްވިއެވެ. ވަރަށް މަޑުން ޑެން ވިދާޅުވީ "ހޮންކޮން ހިންގުމާއި ބެލެހެއްޓުން އުދަގޫ ކަމަށްވާނަމަ، ޗައިނާ ހިންގުމާއި ބަލެހެއްޓުމުގެ ބުރަ ޚިޔާލަށް ގެންނަވާށެވެ." މިވާހަކަ ލިޔުއްވާފައިވަނީ އެޒްރާ ވޯގެލް އޭނާ ޑެން ޝިއާއޮޕިންގެ އިޞްލާޙާމެދު ލިޔުއްވި ފޮތުގައެވެ. މުރޭ ބަދަލުކުރެއްވި ލީޑަރަކީ ޗައިނާގެ އިޤުތިޞާދީ އިޞްލާޙުތަކުގެ "އާރކިޓެކްޓު" ނުވަތަ ފަރުމާވެރިޔާއެވެ. އެއީ ޗައިނާގެ ޤަދަރުވެރި، ޝަރަފުވެރި ލީޑަރު ޑެން ޝިއާއޮޕޕިންގއެވެ.ޑެން ޝިއާއޮޕިން: ކޮމިއުނިސްޓު ހަރަކާތްތެރިއެއް
ޑެން ޝިއާއޮޕިން ޗައިނާއިން މަދުރަސީ ތަޢުލީމު ފުރިހަމަކުރެއްވުމަށްފަހު އިތުރަށް ތަޢުލީމު ޙާޞިލުކުރެއްވީ ފަރަންސޭސިވިލާތުންނެވެ. އޭނާ ފަރަންސޭސިވިލާތަށް ވަޑައިގެންނެވީ ޢުމުރުން އެންމެ 15 އަހަރުގައި ކަމަށް ބުނެވެއެވެ. ފަރަންސޭސިވިލާތުގައި ކިޔަވާވިދާޅުވުމުގެ އިތުރަށް އެޤައުމުގައި ހުންނެވިއިރު ކާރުޚާނާތަކުގައި މަސައްކަތްކުރެއްވިއެވެ. އެޤައުމުގައި އުޅުއްވުމުގެ ތެރޭ، އޭނާއަށްވުރެ ދޮށީ ޢުމުރުގެ ޗައިނާ ބައަކާ ބައްދަލުވެ، އެމީހުންގެ ފަރާތުން ކޮމިއުނިޒަމް އެނގިވަޑައިގަތެވެ. އޭގެ ފަހުން މާރކްސްގެ ފަލްސަފާ ދިރާސާކުރައްވައި ދަސްކުރެއްވުމުގައި ވަގުތު ހޭދަކުރެއްވިއެވެ. 1921ވަނަ އަހަރު ވިލާތުގައި ތިބި ޗައިނާ ޒުވާނުންގެ ކޮމިއުނިސްޓު ލީގާ ގުޅިވަޑައިގަތެވެ. އަދި 1924ވަނަ އަހަރު ޗައިނާގެ ކޮމިއުނިސްޓު ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ. އަދި 1927ގައި ޗައިނާއަށް އެނބުރި ވަޑައިގެން އެޤައުމުގެ އިންޤިލާބީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަދަ އިންޤިލާބީ ހަރަކާތްތަކުގެ ތެރެއިން ޑެންގ ޝިއާއޮޕިންއާއި މާއޯ ޒެޑޮންއާ ބައްދަލުވެވަޑައިގަތީ ވޫހާން ނަމަކަށް ކިޔުނު ޝަހަރުގައެވެ. އެޝަހަރަކީ އެއިރު ކޮމިއުނިސްޓު އިންޤިލާބީންގެ މައި މަރުކަޒެވެ. އެއިރު ޗައިނާގައި އޮތް ވަޠަނީ ޖުމްހޫރީ ސަރުކާރުން ކޮމިއުނިސްޓުންނާ ދެކޮޅަށް އަޅަމުންދިޔަ ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން އަހުލީ ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ.
1934ވަނަ އަހަރު ޖިއާންޝީ ޝަހަރުގައި ތިބި ކޮމިއުނިސްޓުން އެޝަހަރުން ނުކުތީ ވަރުގަދަ ޖުމްހޫރީ ބާރުތަކުން އެޝަހަރު ވަށާލައި ހިސާރަކޮށްފައިވަނިކޮށެވެ. 100،000 (އެއް ލައްކަ) މީހުން އެޝަހަރުން ނުކުމެ ދިގު ދަތުރެއް ފެށީ ޗައިނާގެ އެތެރެވެރީގެ ތެރެއަށެވެ. މިދިގު ދަތުރަށް "ލޯންގް މާރޗް" ނުވަތަ ދިގު ހިނގައިލުން ކިޔެއެވެ. އެޝަހަރުން ނުކުތް އެއް ލައްކަ މީހުންނާއެކު ފެށި ދިގު ދަތުރު ނިމުނީ އޭގެ 1 އަހަރު ފަހުންނެވެ. އެމީހުންގެ ތެރެއިން ސަލާމަތްވީ ނުވަހާސް ނުވަތަ އަށްހާސް މީހުން ކަމުގައި ބުނެވެއެވެ. ޑެންގއަކީ މިހިނގައިލުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅެކެވެ.
މިދެންނެވުނު ހުރިހާ ކަމެއް ހިނގީ ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނުން ޗައިނާ ހިފުމާއެކު، ޗައިނާގެ ދާޚިލީ ވާދަވެރިން ބިމާއި ވަޠަނުގެ ޙައްޤުގައި އެކަތިގަނޑަކަށްވިއެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނު ބަލިވުމާއެކު، ޗައިނާގެ ބިންތަކުން ޖަޕާނު ލަޝްކަރުތައް ފޭބުމާ ގުޅިގެން، އަނެއްކާވެސް އަހުލީ ހަނގުރާމަ ފެށުނެވެ. ހަނގުރާމަ ނިމުނީ މާއޯގެ ލީޑަރޝިޕުގައި ކޮމިއުނިސްޓުންނަށް ކާމިޔާބު ލިބިގެންނެވެ. 1949ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ( ޗައިނާގެ ރައްޔިތުންގެ ޖުމްހޫރިއްޔާ) މާއޯ އިޢުލާނުކުރެއްވީ ބެއިޖިންގައި އޮތް ހަފުލާއެއްގައެވެ. އެޙަފުލާގައި ޑެންގ ބައިވެރިވެވަޑައިގަތެވެ. އެއިރު އޭނާއަކީ ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ މުހިއްމު ތަނބެކެވެ.ސަޤާފީ އިންޤިލާބާއި މާއޯގެ ޝައްކު:
މާއޯގެ ވެރިކަމުގައި ގެންގުޅުއްވި ކުރިއަށް ވަރުގަދަ ފިޔަވަޅެއް އެޅުމުގެ ސިޔާސަތު (ގްރޭޓް ލީޕް ފޯރވަރޑް)ގެ ދަށުން ޗައިނާގެ އިޤުތިޞާދު އަދަވަޅަކަށް ވެއްޓުމާއެކު، އެއިރު ޗައިނާގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ލިއު ޝައުޗީއާއި ޑެންގ އިޤުތިޞާދީ އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެބޭފުޅުން 1960ގެ ކުރީ ކޮޅުގައި ގެންނެވި އިޤުތިޞާދީ އިޞްލާޙުތަކުގެ ސަބަބުން މާއޯގެ ބާރު ކެނޑި، ކޮމިއުނިސްޓު ޞިފަތައް ޗައިނާއިން ގެއްލިދާނެ ކަމުގެ ބިރުހީވެވަޑައިގެން، ސަޤާފީ އިންޤިލާބު ފެއްޓެވިއެވެ. 1966ވަނަ އަހަރު ފެއްޓެވި ކަލްޗަރަލް ރިވޮލޫޝަން ނުވަތަ ސަޤާފީ އިންޤިލާބުގައި، ކޮމިއުނިޒަމްގެ މަފުހޫމުތަކާ ޚިލާފުވެވަޑައިގަތުމުގެ ތުހުމަތުގައި ޑެންގ ހުންނެވި ހުރިހާ މަޤާމަކުން އޭނާ ވަކިކުރެއްވުނެވެ. 1969ވަނަ އަހަރުގެ އޮކްޓޯބަރުގައި ޑެންގ ޝިއާއޮޕިން ޗައިނާގެ ރަށްފުށުގެ ޝަހަރެއް ކަމުގައިވާ ޝިންޗިއާނުގައި ހުންނަ ޓްރެކްޓަރު ކާރުޚާނާއެއްގައި މަސައްކަތްކުރެއްވުމަށް ފޮނުވައިލެއްވުނެވެ. އެތަނުގައި ހަތަރު އަހަރު ހޭދަކުރެއްވިއެވެ. 1974ވަނަ އަހަރު އަނބުރައި ސިޔާސީ ކަންކަމުގެ ތެރެއަށް ވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގެން ޗައިނާގެ 1ވަނަ ޕްރިމިއަރގެ މަޤާމަށް ވަޑައިގެން ޤައުމުގެ ކަންކަން ހިންގަވަން އަނެއްކާވެސް ފުރުޞަތު ހޯއްދެވިއެވެ. މިފަހަރު ދިރާސާކުރުމަށް ޚާއްޞަ އިދާރާއެއް ޤާއިމުކުރައްވައި ޗައިނާގެ ސިޔާސީ އަދި އިޤުތިޞާދީ ކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ.
އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އޭނާ އެކަހެރިކުރެވި، އޭނާ އުފެއްދެވި ދިރާސާކުރުމާ ގުޅޭ އޮފީސް އުވާލެވުނެވެ. 1976ވަނަ އަހަރުގައި ޓިއަނަންމެން ހާދިސާގެ ފަހަތުގައި ހުންނެވީ ޑެންގކަމަށް ނިންމަވައި އޭނާ އަދާކުރެއްވި ހުރިހާ މަޤާމުތަކުން މާއޯ ޑެންގ ވަކިކުރެއްވިއެވެ. މިހުރިހައި ކަމެއް މެދުވެރިވިގެން ދިޔައީ ޑެންގއާއި ހަތަރު މީހުންގެ ގޭންގުގެ ގޮތުގައި މަޝްހޫރުވި ހަތަރު އޮފިޝަލުންނާމެދު ވާދަވެރިކަން ބޮޑުވެގެންނެވެ.މާއޯ އަވަހާރަވުން، ޑެން ޝިއޯއޮޕިންގެ ތަރިއެރުމާއި، ޗައިނާގެ އިޤުތިޞާދު ކޮޅަށް:
1976ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9ވަނަ ދުވަހު ޗައިނާގެ ރައްޔިތުންގެ ޖުމްހޫރިއްޔާގެ ބާނީ އަދި ފުރަތަމަ ލީޑަރު މާއޯ އަވަހާރަވުމާއެކު، އޭނާގެ މަޤާމަށް އިޚުތިޔާރުކުރެއްވި ލީޑަރު ހުއާ ގޯފެންގ ޑެންއަށް އަނބުރައި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތް ހެއްދެވިއެވެ. އެހިސާބުން ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ބާރުތައް އަމިއްލަ އަތްޕުޅަށް ނަންގަވައި، ބާރުތައް އެއްތަންކުރައްވަން ފެއްޓެވިއެވެ. އެމަސައްކަތް ނިމުނީ 1980ވަނަ އަހަރު ހުއާ ގޯފެންގ ސިޔާސީ ގޮތުން ބަލިކުރައްވައިގެންނެވެ. ނަމަވެސް ހުއާއަށް އޭނާ ހުންނެވި މަޤާމުތަކުން ޝަރަފުވެރިކަމާއެކު ދުރުވެވަޑައިގެން ރިޓަޔަރކުރެއްވުމުގެ ފުރުޞަތު ޑެންގ ދެއްވިއެވެ. އެހިސާބުން ފެށިގެން ޗައިނާގައި ހިނގާ ސިޔާސީ ވާދަވެރިކަމެއްގައި ބަލިވާ ފަރާތުގެ ހަށިގަނޑަށް، ނުވަތަ އަބުރަށް ގެއްލުމެއް ލިބުމަކާނުލައި އަބުރުވެރިކަމާއެކު ފޭއަށް ޖެހިވަޑައިގަތުމުގެ ފުރުޞަތު ދިނުމުގެ ސަޤާފަތް ޤާއިމުކުރެވުނީއެވެ.
ޗައިނާގެ ޕެރަމައުންޓު ލީޑަރ ނުވަތަ އެންމެ މަތީ ލީޑަރުގެ މަޤާމަކީ ރަސްމީ މަޤާމެއް ނޫނެވެ. އެއީ ދޮރުގެ ފަހަތުން ޕާޓީ އަދި ޤައުމު ހިންގަވާ ލީޑަރަށް ދެވިފައިވާ ނަމެކެވެ. ސިޔާސީ ބާރުތައް ޑެންގ އަތްޕުޅަށް ނަންގަވައި އޭނާގެ ވިސްނުންފުޅުގެ ގިނަ ބަޔަކު ޕާޓީގެ މަޤާމުތަކަށް ގެންނެވި ނަމަވެސް، ރަސްމީ ޞިފައެއްގައި ޗައިނާގެ އެންމެ އިސް މަޤާމުގައި އަދި ޕާޓީގެ އެންމެ އިސް މަޤާމުގައިވެސް ހުންނެވީ އޭނާއެއް ނޫނެވެ. ނަމަވެސް ލޮލަށް ފެންނަ މަންޒަރުގެ ފުރަގަހުން ހުރިހާ ކަމެއް ރާއްވަވައި ހިންގަވަނީ އޭނާއެވެ. ގިނަ މުހިއްމު ކަންކަން ނިމިގެންދިޔައީ އޭނާގެ ގެކޮޅުގައި ޕާޓީގެ އެންމެ ހަރުފުރައިގެ 8 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުންނެވެ.
ފަރުދާގެ ނިވަލުގައި ހުންނަވައި ޑެން ޝިއާއޮޕިން ޗައިނާގެ އިޤުތިޞާދު އިޞްލާހުކުރައްވަން ފެއްޓެވިއެވެ. ޗައިނާގެ އިޤުތިޞާދު ބޭރަށް ހުޅުއްވައިލެއްވިއެވެ. ދައުލަތުގެ ވިޔަފާރިތަކުގެ އިތުރަށް ޢާންމުންނަށް ވިޔަފާރިކުރެވޭނެ ގޮތް ފަހިކޮށްދެއްވިއެވެ. ބިމާ ބެހޭ ޤާނޫނުތައް ހަރުދަނާކުރެއްވިއެވެ. ދަނޑުވެރިންނަށް އެމީހުންގެ ބިންތަކުގައި އުފައްދާނެ އެއްޗެހި ނިންމުމުގެ އިޚުތިޔާރުދެއްވިއެވެ. މަޑުމަޑުން ޗައިނާގެ އިޤުތިޞާދު ބޭރުގެ ބާޒާރުތަކަށް ހުޅުވައިލެއްވިއެވެ.
1979ގައި ޖިމީ ކާރޓާގެ ވެރިކަމުގައި އެމެރިކާއަށް ޒިޔާރަތްކުރައްވައި، އެމެރިކާގައި ކަންކަންކުރެވޭ ގޮތްތައް ބެއްލެވިއެވެ. 1978ވަނަ އަހަރު ސިންގަޕޫރަށް ވަޑައިގެން އެޤައުމުގެ އިޤުތިޞާދު ކުރިއަރަމުން އަންނަ ގޮތް ބައްލަވައި، އެޤައުމުގެ އެއިރުގެ ބޮޑުވަޒީރު ލީކުއާން ޔޫއާ ބައްދަލުކުރައްވައި، އެޤައުމުގެ ތަޖުރިބާތަކަށް ބެއްލެވިއެވެ. 1979ވަނަ އަހަރު ޗައިނާގެ ސަރުކާރު އެމެރިކާއިން ބަލައިގަތެވެ. އަދި އެމެރިކާއާއި ހުޅަނގުގެ އެނޫންވެސް ޤައުމަތަކާ ޗައިނާގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިވާން ފެއްޓިއެވެ. 1980ވަނަ އަހަރުން ފެށިގެން ޗައިނާގެ އިޤުތިޞާދު ހުޅުއްވައިލައްވައި ފުޅާކުރެއްވުމުގެ މަސައްކަތް ޑެންގ ފެއްޓެވިއެވެ. އަދި ހަތަރު ދާއިރާއަކުން ޗައިނާ ޒަމާނީކުރެއްވުމުގެ މަސައްކަތްކުރެއްވިއެވެ. އެއީ ޞިނާޢީ ދާއިރާއާއި، ދަނޑުވެރިކަމާއި، ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ޢަސްކަރީ ދާއިރާއެވެ. މިދާއިރާތަކުގައި ޗައިނާގެ ދަރިވަރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކިޔެވުމަށް ފޮނުއްވައި ހުނަރާއި ޢިލްމު ޗައިނާއަށް އެތެރެ ކުރެއްވިއެވެ.
ޑެން ޝިއާއޮޕިންގެ މަސައްކަތްޕުޅުގެ ނަތީޖާތޯއެވެ؟ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދެއްގެ ބައަކު އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ފަޤީރުކަމުން ބޭރުވީ ޗައިނާގައި ގެނެވުނު އިޤުތިޞާދީ އިޞްލާޙުތަކުގެ ތެރެއިންނެވެ. 30 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ގުނައިލެވުނު ޗައިނާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދަށްވިއެވެ. 1979ވަނަ އަހަރު ޑެންގެ އިޞްލާޙީ މަސައްކަތްޕުޅު ފެއްޓެވި ފަހުން ކޮންމެ 7 އަހަރަކުން ނުވަތަ 8 އަހަރަކުން ޗައިނާގެ ޖީޑީޕީ ދެގުނައަށް އިތުރުވެފައިވެއެވެ. މުޅި ދުނިޔޭގެ އާބާދީގެ 10 ބައިކުޅަ އެއްބައި ކަމުގައިވާ 660 މިލިއަން މީހުން ފަޤީރުކަމުން ނެރެފައިވެއެވެ. ޗައިނާގެ އިޤުތިޞާދީ ކުރިއެރުމާއި ތަނަވަސްކަން ޗައިނާ ފަހަނައަޅައި ތަރައްޤީވަމުން އަންނަ އަދި ތަރައްޤީވެފައިނުވާ ގިނަ ޤައުމުތަކަކަށް ފެތުރެން ފަށައިފިއެވެ. ވޯރލްޑު ބޭންކު ފަދަ މާލީ މުއައްސަސާތަކުން ކުރިމަތިކުރާ ޝަރުޠުތަކުގެ ސަބަބުން ނުކުޅެދުންތެރިވެފައި ހުރި ޤައުމުތަކަށް މިނިވަންކަމުގެ އިޙުސާސް ކުރެވެން ފަށައިފިއެވެ. އެގޮތުން ޗައިނާގެ މާލީ އެހީތެރިކަމުގައި އެތައް ހާސް މަޝްރޫޢެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދެއެވެ.
1997ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހު ޑެން ޝިއާއޮޕިން ދުނިޔެ ދޫކުރެއްވީ، ޤައުމެއްގެ މިސްރާބު ބަދަލުކުރައްވާފައެވެ. ދުނިޔޭގެ ސިޔާސީ މަސްރަހު އިންޤިލާބުކުރައްވާފައެވެ. އޭނާ ދެކެވަޑައިގެންނެވި ޗައިނާ ނޫން އެހެން ޗައިނާއެއް އަދި އޭނާ އުޅުއްވި ދުނިޔެ ނޫން އެހެން ދުނިޔެއެއް ދިރިތިބީންނަށް ދޫކުރައްވާފައެވެ. އޭނާ އަވަހާރަވީ ޢުމުރުފުޅުން 92 އަހަރުގައެވެ.
މި ލިއުމާއި ގުޅޭ