ބަޖެޓުގެ ޑެފިސިޓު ބޮޑުވެގެން އުޅެނީ ދަރަނީގެ ސަބަބުން ހެއްޔެވެ؟

ޝިފްޒާން އަހްމަދު 18 ނޮވެމްބަރު 2020 14:11
Flowers
ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ނަޝީދު އަދި ފިނޭންސް މިނިސްޓަރު

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުން މަޖިލިހަށް ހުށަހެޅުމާއެކު އެ ބަޖެޓުގެ ޑެފިސިޓު ނުވަތަ ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި ކުރަން ނިންމާފައިވާ ޚަރަދުގެ ތަފާތު ބޮޑުވުމުން އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ފާހަގަކުރަން ފެށުމާއެކު، ބަޖެޓުގެ ޑެފިސިޓު ބޮޑުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރަންޖެހިގެން ކަމުގައު މި ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވާހަކަދައްކަވަން ފަށައިފިއެވެ. 

މިއަދު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ބަޖެޓުގައި ސަރުކާރަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ 53 އިންސައްތަ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރަނި އަދާކުރުމަށް ކަމުގައެވެ. އަދި އެއިން 80 އިންސައްތަައަކީ ޗައިނާއިން ނަގާފައިވާ ލޯނު އަދާކުރުމަށް ޚަރަދުކުރަންޖެހޭ ފައިސާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އިއްޔެ އެމްޑީޕީ ހަރުގޭގައި ނޫސްވެރިން އެއްކުރައްވައި ވަރަށް ޖާޒުބީ ތަޤުރީރެއް ދެއްވައި ދައުލަތުގެ ބަޖެޓު ހަޑިވެފައިވަނީ ކުރީ ސަރުކާރުގެ ދަރަނި ވަރަށް ބޮޑުވެގެން ކަމުގައި ވިދާޅުވެ، އެހެން ބަޔަކު ނަގާފައިވާ ދަރަނިތައް އަދާކުރަން "ފައްޓަރުބައި" ވިއްކާލާ ހިސާބަށް ގޮސްފައިވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މިއަދު މަޖިލިހުގެ ބަޖެޓު ބަހުސްގައި ރައްޔިތުން މަޖިލިހުގެ ނައިބުރައީސް އީވާ ޢަބްދުﷲވެސް ވަނީ ބަޖެޓު ޑެފިސިޓު ބޮޑުވުމާއި ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ފަރަޤު ބޮޑުވުމުގެ ހުރިހާވެސް ސަބަބަކީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނިތައް ކަމުގައި ވިދާޅުވެ ވަރަށް ގިނަ ވާހަކަަފުޅުދައްކަވާފައެވެ. އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢާލީ ޢާޒިމްވެސް އެފަދައިން ވިދާޅުވެފައިވެއެވެ. 

އެހެންކަމުން ބަޖެޓުގައި ދަރަނި އަދާކުރުމަށް ޖަހާފައިވާ މިންވަރު ބަޖެޓުގެ ޑެފިސިޓާއި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރުގެ ވާހަކައަކީ ތަފުސީލުކޮށް ބަލައިލަންޖެހޭ ކަންކަމެވެ. 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލިހަށް ހުށަހެޅުއްވި ބަޖެޓަކީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ދެ ބައިކުޅަ އެއްބައާ ގާތްކުރާ މިންވަރަކީ ބަޖެޓު ޑެފިސިޓެވެ. މާނައަކީ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ ބަޖެޓުގެ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައެވެ.

އެގޮތުން ދައުލަތަށް އަންނަ އަހަރު ލިބޭނެ އާމްދަނީ ކަމުގައި ސަރުކާރުން އަންދާޒާކުރާ މިންވަރަކީ ޖުމްލަ 17.7 ބިލިއަން ރުފިޔާއެވެ. ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރެއް ޑެފިސިޓުގެ ގޮތުގައި ސަރުކާރުން ހިމަނާފައިވެއެވެ. ޑެފިސިޓު ބޮޑު ބަޖެޓުގައި ދަރަނި އަދާކުރުމަށް ހިމަނާފައިވަނީ ކިހާވަރެއްތޯ ބަލައިލަންޖެހެއެވެ. 

ދަރަނި އަދާކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. އަދި ދަނީގެ ޚިދުމަތުގެ ގޮތުގައި ނުވަތަ ދަރި އަދާކުރުމަށް ކުރަންޖެހޭ ހޭދަތަކުގެ ގޮތުގައި އިތުރު 2.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އެހެންކަމުން ދަރަނީގެ ޚަރަދުގެ ގޮތުގައި ނުވަތަ ދަރަނި ދެއްކުމަށް ކުރާ ހޭދައިގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ ޖުމްލަ 4 ބިލިއަން ރުފިޔާއެވެ. 34.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާއިން ޑެފިސިޓުވި ސަބަބަކީ ދަރަނި އަދާކުރުމަށް 4 ބިލިއަން ރުފިޔާ ހިމަނަންޖެހުން ކަމުގައި ވެރިކަންކުރާ ޕާޓީގެ އިސްވެރިން ވިދާޅުވުމަކީ ވިސްނައިލަންޖެހޭ ކަމެކެވެ. 

ބަޖެޓަށް ބަލާއިރު މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ދިނުމަށް 8.4 ބިލިއަން ރުފިޔާ ހިމާނާފައިވެއެވެ. މުޅި ބަޖެޓުގެ ޖުމްލަ 60 އިންސައްތަ ހޭދަކުރަނީ ހިންގުމުގެ ޚަރަދުތަކެކެވެ. 17 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ެއންދާޒާކޮށްފައިވާއިރު، 22 ބިލިއަނާ ގާތްކުރާ މިންވަރެއް ހިންގުމުގެ ޚަރަދުތަކަށް ބަޖެޓުގައި ހިމެނިފައިވެއެވެ. 

ޖުމްލަ މުޅި ބަޖެޓުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަދާކުރުމަށް ހިމަނާފައިވަނީ ބަޖެޓުގެ އެންމެ 11.6 އިންސައްތައެވެ. އަދި ބަޖެޓުގައި ލިބޭނެ އާމްދަނީ ކަމުގައި ލަފާކޮށްފައިވާ މިންވަރަށް ބަލާނަަމަ އެއީ، އާމްދަނީގެ 22 އިންސައްތައެވެ. އެހެންކަމުން ބަޖެޓު ޑެފިސިޓު ބޮޑުވެގެން މިއުޅެނީ ޗައިނާއަށް ނުވަތަ އެހެންވެސް ބަޔަކަށް ދައްކަންޖެހޭ ދަރަނި ބޮޑުވެގެންތޯއެވެ؟! 

ކިޔުންތެރިންގެ ހިޔާލު