ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރޭޓިން ދިނުމުގައި ބަލަނީ ކޮންކަމަކަށް؟

އަހްމަދު އަޒާން 10 ނޮވެމްބަރު 2020 10:00
Flowers
ފިޗްގެ މައި އޮފީސް

ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ ފިޗް ރޭޓިންސް އިން މިވަނީ ދާދިފަހުން ރާއްޖެއަށް ތިން ސީގެ ރޭޓިންއެއް ދީފައެވެ. 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސޮވެރިން ރޭޓިން ހަދަން ފަށާފައިވާއިރު މިއީ މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ދަށް ރޭޓިންއެވެ.

ފިޗުގެ ތިން ސީ ރޭޓިން އަކީ ސްޕެކިއުލޭޓިވް ގްރޭޑް ރޭޓިންއެކެވެ. ތިން ސީ ރޭޓިންއަކުން ރޭޓުކޮށްފިނަމަ އޭގެ މާނައަކީ އެ ޤައުމެއް ސޮވެރިން ޑިފޯލްޓު ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމެވެ. ފިޗުން ރޭޓިން ނެރުނުތާ 24 ގަޑިއިރު ނުވެ ސަރުކާރުން ވަނީ އެ ރޭޓިން ޤަބޫލު ނުކުރާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ފިޗުން ރޭޓިން ނެރުނީ ބަލަންވާ ވަރަށް ނުބަލައި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަންވެސް މިހާރު ރަނގަޅުވަމުން ދާކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެ މީގެ ކުރިން ދުވަހަކުވެސް ޑިފޯލްޓު ނުވާކަމަށާއި އެގޮތުގައި ދަމަހައްޓާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

މީގެ އިތުރުން ސަރުކާރު ހިންގާ އެމްޑީޕީ މެމްބަރުންގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ޒުވާބުތަކެއް ސޯޝަލް މީޑިއާގައި ކުރެވުނެވެ. އެފަދަ ރޭޓިން އެއް ލިބުނީ ދަރަންޏާއި ގުޅޭގޮތުން މަޖިލީހުން ފާސްކުރި ރިޕޯޓާއި ގުޅިގެން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިއިރު އާޒިމް ވަނީ އެކަމާއި ދެކޮޅު ހައްދަވައި ޓުވީޓު ކުރައްވާފައެވެ. 

އާންމުންގެ މެދުގައިވެސް މިކަމާއި މެދު ވާހަކަ ދެކެވޭއިރު، ފިޗު އަދި އެހެނިހެން ކްރެޑިޓް ރޭޓިން އޭޖެންސީތަކުންވެސް ސޮވެރިން ރިސްކް އެނަލިސިސް ހަދާއިރު އާންމުކޮށް ބަލާ ބައެއްކަންކަމަށް ބަލާލާނަމެވެ. މިގޮތުން އޭޖެންސީތަކުން އާންމުގޮތެއްގައި ދިރާސާކުރަނީ 5 ދާއިރާއަކުންނެވެ. 

ސިޔާސީ މަސްރަހު

ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ސޮވެރިން ރިސްކް އެނަލިސިސް ހަދާއިރު އެ ޤައުމެއްގެ ސިޔާސީ މަސްރަހު އޮންނަގޮތާއި ވެރިކަމުގެ ނިޒާމާއި ގުޅޭ ދިރާސާތައް ހަދައެވެ. މިގޮތުން ބާރުތައް ބެހިފައިވާ މިންވަރާއި، ސިޔާސީ ހަރަކާތްތަކަށް މިނިވަންކަން އޮންނަ ވަރާއި މީޑިއާގެ މިނިވަންކަމާއި، ޖިއޯޕޮލިޓިކްސް ފަދަ ކަންކަމަށް ބަލައެވެ. އަދި ސަރުކާރުން ސިޔާސަތު ހަދާއިރު ސިޔާސަތު ހެދުމުގައި ގެންގުޅޭ މިންގަނޑުތަކަށާއި ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ވެފައިވާ މިންވަރަކީވެސް ބަލާ ކަންކަމެވެ.

އިޤްތިސާދު ހުރި މިންވަރާއި ކުރިއަށް ލަފާކުރާގޮތް

ސޮވެރިން ރޭޓިން ދިނުމުގައި، އެންމެ އިސްކަމެއް ދީގެން ބަލާއެއް ކަމަކީ ޤައުމުގެ އިޤްތިސާދީ ހާލަތެވެ. ރޭޓު ކުރާ އަހަރުގެ އިޤްތިސާދީ ކަންކަން ހުރިގޮތާއި، ކުރިއަށް ލަފާކުރާގޮތް އޭޖެންސީތަކުން ބަލައެވެ. މިގޮތުން އުފެއްދުންތެރިކަމުގެ ނިސްބަތާއި، ބޮލަކަށް ޖެހޭ އާމްދަނީ އާއި ވަޒީފާ ނެތް މީހުންގެ އަދަދާއި، އިންފްލޭޝަން ރޭޓު ފަދަ ކަންކަން ބަލައެވެ. މީގެ އިތުރުން އިޤްތިސާދު ސިންދަފާތު(ޑައިވާސް) ވެފައި ހުރި މިންވަރާއި ޤައުމު އިޤްތިސާދީ ގޮތުން ކުރިއަރާފައިވާ މިންވަރާއި ފަރުދުންގެ އާމްދަނީގައި ހުރި ފަރަގު ދިރާސާކުރެއެވެ. 

މާލީ ހާލަތު

މާލީ ހާލަތު ވަޒަން ކުރުމުގައި، ދައުލަތަށް ލިބޭ އާމްދަނީ އާއި، ހަރަދާއި، ބާކީ ހުންނަ މިންވަރާއި، ދަރަނި ހުރި މިންވަރާއި ދަރަނި ބަރުދާސްތު ކުރެވޭ މިންވަރު ފަދަ ގިނަ ކަންކަން ބަލައެވެ. މިގޮތަށް ބަލާއިރު، ރޭޓިން ދޭ އަހަރުގައި ކަންކަން ހުރިގޮތައި ފާއިތުވި އަހަރުތަކުގައި އާންމުކޮށް މާލީ ހާލަތު ހުރި ގޮތްފަދަ ކަންކަން ވަޒަން ކުރެއެވެ. ސަރުކާރުގެ މާލީ ހާލަތުގެ އިތުރުން ސަރުކާރު ހިއްސާ ވެގެން ހިންގާ ކުންފުނިތަކުގެ މާލީ ހާލަތުވެސް ވަކިން ދިރާސާކުރެއެވެ. މީގެ އިތުރުން، ސަރުކާރަށް އާމްދަނީ އިތުރު ކުރަން، ކުރެވެން ހުރި ކަންތައްތައްވެސް ބަލައެވެ. 

އިޤްތިސާދުގައި ދައުރުވާ ފައިސާ އާއި މަރުކަޒީ ބޭންކުގެ ސިޔާސަތުތައް

އިޤްތިސާދުގައި ފައިސާ ދައުރުވަމުން ދާގޮތާއި، މަރުކަޒީ ބޭންކުން ގެންގުޅޭ ސިޔާސަތުތަކަކީވެސް ރޭޓިން ކަނޑައަޅާއިރު ބަލާ މުހިންމު ކަމެކެވެ. މިގޮތުން ބޭރުގެ ފައިސާގެ ރިޒާވް އާއި އަޅާ ބަލާއިރު އިޤްތިސާދުގައި ދައުރުވާ ފައިސާގެ އަދަދާއި، އިންޓަރެސްޓް ރޭޓުތަކާއި ބޭންކިން ނިޒާމުގައި ހުރި ނަން ޕާފޯމިން ލޯންތަކުގެ އަދަދަކީ ބަލާ ކަންތައްތަކެވެ. މީގެ އިތުރުން މަރުކަޒީ ބޭންކަށް މަނިޓަރީ ސިޔާސަތު ކަނޑައެޅުމުގައި މިނިވަންކަން އޮވޭތޯވެސް ބަލައެވެ.

ބޭރުގެ ދަރަނި

ދަށް ރޭޓިން އެއް ލިބުމުން އޭގެއިން ދޭހަވާ އެންމެ ބޮޑު އެއްކަމަކީ ދަރަނި ނުދެއްކި ޑިފޯލްޓު ވެދާނެކަމެވެ. އެހެން ކަމުން، ޤައުމުގެ ބޭރުގެ ދަރަނި ހުރި މިންވަރާއި، އާމްދަނީ ލިބޭ މިންވަރާއި ބަލާއިރު ދެމެހެއްޓެނެވި ގޮތެއްގައި ދަރަނި އަދާ ކުރެވިދާނެތޯ އޭޖެންސީތަކުން ބަލައެވެ. މިގޮތުން ބޭރު ފައިސާ އެ ޤައުމަކަށް ވަންނަ މިންވަރާއި، ވަންނަ ވަސީލަތްތަކާއި، އަދި ވަސީލަތްތަކަށް ހުއްޓުން އައިސްދާނެ ގޮތްތަށްވެސް ބަލައެވެ. ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކާއި ވިއްކާފައިވާ ބޮންޑުތަކާއި، އަދި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނިތައް ހުރި މިންވަރުވެސް ރޭޓިން ދިނުމުގެ ކުރިން ދިރާސާކުރެއެވެ. މިގޮތޮން އެފަދަ ދަރަންޏެއްގެ އިންޓަރެސްޓު ދެއްކުމުގައި މާޒީގައި ދަތިތަކެއް ކުރިމަތިވެފައިވޭތޯ ބެލުމާއި، ބޭރު ފައިސާ ލިބޭ މިންވަރުން ކުރިއަށް އޮތްތާ އެފަދަ ކަމެއް ދިމާވެދާނެތޯ ބެލުމާއި، ދަރަނީގެ މިންވަރު އިތުރު ވެއްޖެނަމަ އެފަދަ ދައްޗެއް ދިމާވެދާނެތޯ ވެސް ބަލައެއެވެ. 

މި 5 ދާއިރާއިން ވަރަށް ފުޅާ ދާއިރާއެއްގައި ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ދިރާސާކުރެއެވެ. އަދި ރޭޓިން ދެނީ އެކަންތައްތައް ވަރަށް ފުރިހަމައަށް ބެލުމަށްފަހުގައެވެ. 1914 ވަނަ އަހަރުއްސުރެ އޮޕަރޭޓު ކުރަމުން އަންނަ ފިޗުން ރާއްޖެ ރޭޓުކޮށްފައި މިވަނީ ހަމަ އެއްވެސް ބެލުމެއް ނެތި ކަމަށާއި، އެ ރޭޓިން ޤަބޫލުވެސް ނުކުރާ ކަމަށް ސަރުކާރުން ބުނުމަކުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅެއް ނުވާނެއެވެ. ގޯސްކޮށް އޮތް ކަމެއް ރަނގަޅު ކުރެވޭނީ ކަމެއް ގޯސްކޮށް އޮތްކަން ފުރަތަމަ ޤަބޫލުކޮށްގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު