ނޮވެމްބަރު 3 ގެ ހަނދާންތައް: އޮޕަރޭޝަން ކެކްޓަސްގެ ކުރިން ދިވެހިން ކުރި ހިތްވަރާއި ހޯދި ނަސްރު

ޝިފްޒާން އަހްމަދު 3 ނޮވެމްބަރު 2020 21:21
Flowers
ޝަހީދު ހުސެއިން އާދަމް ގެންގުޅުއްވި ބަޑި

މި އަހަރު ނޮވެންބަރު 3 ވަނަ ދުވަސް ބައްދަލުކޮށް ނަސްރުގެ ދުވަސް އިހުތިފާލުކުރާއިރު، މި ދުވަހުގެ ހަނދާންތައް ގުޅިފައިވަނީ ކޮން ކަމަކާތޯ ސުވާލު އުފެދޭ މިންވަރަށް ޤައުމުގެ ޙާލަތު ގޮސްފިއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިވެހި ޚާއިނުންގެ ބަޔަކާއި ބޭރުގެ ހަނގުރާމަވެރި ޖަމާޢަތަކާ ގުޅިގެން ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލައިން ދިވެހި ފަސްގަނޑު ސަލާމަތްކުރީ ކޮން ބައެއްކަމާއި، ކިހިނެއްކަން ދިވެހިންނަށް އޮޅޭ ހިސާބަށް ހިނގައްޖެއެވެ. ދިވެހިރާއްޖެ ސަލާމަތްކުރީ އިންޑިޔާއިން ކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުން ވޯޓުލައިގެން އެ ރައްޔިތުން ތަމްސީލުކުރަން ހޮއްވެވި ވަކީލުން ވަކާލާތުކުރައްވަނީއެވެ. އެހެންވީމާ ނޮވެންބަރު 3 ވަނަ ދުވަހަކީ އޮޕަރޭޝަން ކެކްޓަސްގެ ހަނދާން އައުކުރަން އިހުތިފާލުކުރާ ދުވަހެކޭ ހީވާ މިންވަރަށް ކަންކަން ހިނގައްޖެއެވެ. 

ނޮވެންބަރު 3 ވަނަ ދުވަހާއި އެ ދުވަހުގައި އަޅުގަނޑުމެން އިހުތިފާލުކުރާ ނަޞްރުގެ ދުވަސް ގުޅިފައިވަނީ އިންޑިޔާ ސިފައިން ހިންގި އޮޕަރޭޝަން ކެކްޓަސްއަކާ ނޫނެވެ. ދިވެހި ސިފައިންގެ ހިތްވަރާއެވެ. ދިވެހިންގެ މަތިވެރި ޤުރުބާނީއާއެވެ. މާތްﷲގެ ވާގިފުޅާއެކު ދިވެހި އަތްތަކުން ދިވެހި ޤައުމަށް ހޯދައިދިން މަތިވެރި ނަޞްރާއި ނަސީބާއެވެ. އެހެންކަމުން އެ ދުވަހުގެ ބައެއް ޙާދިސާތަކުގެ ހަނދާންތައް މިއަދު އައުކުރުމަކީ ކޮންމެހެން ކުރުން މުހިއްމު ކަމެކެވެ. ނަޞްރުގެ މަތިވެރި ނަޞީބަށް މަގުކޮށައިދިން ވަކިވަކި ޙާދިސާތަކެވެ. 

ބާޣީން ސިއްސުވައިލީ ޝަހީދު ޙުސައިން އާދަމްގެ ހަލުއި ހަމަލާ

ބާޣީންގެ އިސްވެރިޔަކަށް ހުރި ޚިޔާނާތުގެ މުގުލުގައި ހުރި އެކެއް ކަމުގައިވާ ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި އޭނާގެ އައުވާނުން ދަތުރުކުރި ދެ ބޯޓުގެ ތެރެއިން އޭނާ ހުރި ބޯޓު މާލެ ފަޅަށް ގާތްކުރީ ދަންވަރު 3.30 ހާއިރުއެވެ. ފަތިހު 4 ޖެހިއިރު އެ ބޯޓު އޮތީ މާލެ ބަނދަރުގައި އަޅާފައެވެ. ބާޣީންގެ ފައުޖުތައް 4.15 ހާއިރު މާލެއަށް ފައިބާ ސިފައިންގެއަށް ހަމަލާދޭން ފެށިއެވެ. އަމާޒަކީ ވީހާވެސް އަވަހަކަށް ސިފައިންގެއަށް ވަނުމެވެ. އެމީހުންނަށް ވިސްނިފައި އޮތީ ދެތިން ވަޒަން ޖަހައިލައިގެން ސިފައިންގެ ފޫއަޅުވައިލާ އެތެރެއަށް ވަދެވޭނެ ކަމަށެވެ. ނަމަވެސް ސިފައިންގެ ދޮރުވާނަކަށް ފޯރިމަރަން ހުންނެވި ޝަހީދު ޙުސައިން އާދަމް ދެއްވި ވަރުގަދަ ރައްދާއެކު ތަމަޅައިންނަށް ލިބުނީ ސިހުމެކެވެ. އެންމެ ފިޔަވަޅެއްވެސް ކުރއިަށް ޖެހިލަން ޖާގައެއް ނުލިބުނީ ނަޞްރުގެ ދުވަހުގެ ބަޠަލު، އެ ބޭފުޅަކަށްޓަކައި މުޅި ދިވެހި އުންމަތް ފަޚުރުވެރިވާ ޝަހީދު ޙުސައިން އާދަމް ދެއްވި ވަރުގަދަ ހަމަލައިގެ ސަބަބުންނެވެ. އަތްޕުޅުގައި އޮތް ބަޑީގެ މެގެޒިނުގައި ހުރި ހުރިހާ ވަޒަނެއް ހުސްވަންދެން ހިތްވަރުކުރެއްވިއެވެ. އެތެރެއިން ވަޒަން ހޯއްދަވަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް މެގެޒިނެއް ދިއްކޮށްލެވޭނެ ގޮތް ނުވީއެވެ. ޝަހީދުވެވަޑައިގެންނެވީ ޢަދުއްވުންގެ އުންޑަތަކުން ސިފައިންގެ ދިފާޢުކުރެއްވުމުގައި ދެމިހުންނަވައި، ލިބިވަޑައިގެންނެވި ޒަޚަމްތަކާއެކުއެވެ. 

މިހާ ހިސާބުން ސިފައިންގެ ތެރެއިން ރައްދު ހަމަލާ ދޭން ފަށައިފިއެވެ. ސިފައިންނަށް ތައްޔާރުވެ، ސިފައިންގެ ދިފާޢުކޮށް، ރައްދުގައި ވަރުގަދަ ހަމަލައެއް ދޭން ފެށުމުގެ ޖާގަ ހޯއްދަވައިދެއްވީ ޝަހީދު ޙުސައިން އާދަމެވެ. އެ ދުވަހު ބޭރުގެ ހަނގުރާމަވެރިންނަށް ސިހުން ލިބި، ފަހަތަށް ޖެހި، ކުރިއަށް ފިޔަވަޅެއް ނޭޅި މަދު ވަގުތުކޮޅަކަށް ނަމަވެސް ތިބެން މަޖުބޫރުކުރުވީ އެ ހަމަލާތަކެވެ. އެހެންކަމުން ދިވެހި އުންމަތަށް ހިންދެމިލައި، ދިފާޢުގައި ތެދުވެލަން ލިބުނު ހަނި ޖާގަ ހޯއްދަވައިދެއްވި ޤައުމީ ބަޠަލަކީ ޒުވާން މުޖާހިދެވެ. 

ސިފައިންގެ ރައްދު ހަމަލާ 

ފަތިހު 4.30 ވީއިރު ސިފައިންގެއަށް ތިން ދިމާލަކުން ނިރުނބަވެރިން ހަމަލާދެމުންދިޔައެވެ. އެއިން ކޮންމެ ދިމާލެއްގައިވެސް ސިފައިންގެ ސަފުތައް ރުކުރުވާލައި ރައްދު ހަމަލާދެމުންދިޔައެވެ. ސިފައިންގެ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން ސިފައިންގެ ތެރެއަށް ވަންނަން އުޅުނު ބާޣީންނަށް އެކަމެއް ނުވިއެވެ. ތިން ދިމާލަކުން ސިފައިންގެއަށް ވަރުގަދަ ހަމަލާތައް އަމާޒުކުރަމުންދިޔަ ދަނޑިވަޅަކީ ސިފައިންގެ ފާރު ގޮއްވާލައިގެން ބާގަނޑެއް ހަދައިގެން ސިފައިންގެ ތެރެއަށް ވަނުމަށް ހަނގުރާމަވެރިން ދިމާކުރި ވަގުތެވެ. އެކަން ކުރަން އެންމެ ފުރަތަމަ ދިމާކުރި ހަނގުރާމަވެރިޔަކީ ޕައްޕި ނަމަކަށް ކިޔާ މީހެކެވެ. ސިފައިންގެއިން ފޮނުވައިލި ވަޒަނެއް މީނައަށް އަމާޒުވެ މަރުވެއްޖެއެވެ. ފަހުން އާރުޕީޖީ ނަގައި ރަވީ ނަމަކަށް ކިޔުނު ހަނގުރާމަވެރިއެއް ފޮނުވައިލި ހަމަލައިން ސިފައިންގެއިން ބާގަނޑެއް ހެދުނެވެ. އެތަނުގައި ގޮވާތަކެތި ހަރުކޮށް އެތަން ގޮއްވައިލިއެވެ. ބާގަނޑު ބޮޑުކޮށްލުމާއެކު، ސިފައިންގެ ބޭކަލުން އެ ދިމާލުން ވަރުގަދަ ހަމަލާތައް ދެއްވަން ފެއްޓެވިއެވެ. ބާގަނޑުން ވަންނަން ތައްޔާރަށް ތިބި ޢަދުއްވުންނަށް ސިފައިންގެއަށް ވަދެވޭނެ ޖާގައެއް ނުލިބުނެވެ. 

ސިފައިންގެއިން ދެމުންދިޔަ ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ލިބުނީ ހަމަލާދޭން އައި ޢަދުއްވުންގެ ލަޝްކަރުގެ ކޮމާންޑަރަކަށްހުރި ތަޖުރިބާކާރު ކޮމާންޑަރު ވަސަންތީ މަރުވުމެވެ. ދިވެހި ސިފައިން ދެމުންދިޔަ ހަމަލާތަކުގެ ތެރެއިން ހަމަލައެއް އަރައި އޭނާ މަރުވެގެން ވެއްޓިއްޖެއެވެ. މުޅި އޮޕަރޭޝަން ރާވައި ހިންގަންހުރި އިސްތިރާޖީ މޭސްތެރިޔާ މަރުވުމަކީ މި ހަމަލާ ނާކާމިޔާބުވުމަށް މާތްﷲ މިންވަރުކުރެއްވި ރަޙުމަތެކެވެ. އެ ހިސާބުން ތަމަޅައިންގެ ސަފުތައް އެއްތަންކޮށްގެން ޙާލަތާ އެއްގޮތަށް އެ މީހުންގެ ހަރަކާތްތައް ބަދަލުކުރުމުގެ ޤާބިލުކަން ގެއްލުނީއެވެ. 

ދައުލަތުގެ ވެރިން އަތުނުޖެހުނު

އެއިރު ސަރަގު ނާޞިރާއެކު މާލެ އައި ތަމަޅައިންނާއެކު މާލޭގެ އެކި ހިސާބުތަކަށް ގޮސް ދައުލަތުގެ އިސްވެރިން ރަހީނުކުރަން މަސައްކަތް ފަށައިފިއެވެ. އެއްބަޔަކު ދިޔައީ އެއިރު ދިފާޢީ ވަޒީރުގެ ނައިބު އިލްޔާސް އިބްރާހީމް ދިރިއުޅުއްވި ގެކޮޅަށެވެ. އެމަނިކުފާނު ފާރުމަތިން ފުންމަވައިލައްވައިގެން ޖެހިގެން ހުރި ގެއަށް ވަދެވަޑައިގަތުމުން އަތަކު ނުޖެހުނެވެ. ލުޠުފީއާއި އޭނާއާއެކު ތިބި ހަނގުރާމަވެރިން ހެންވޭރު މީނާޒަށް ގޮސް އަލްމަރުޙޫމް ޢަބްދުﷲ ޙަމީދު އަތުޖެހޭތޯ އެތަނުގައި އުޅެފައި އެކަން ނުވެގެން ނުކުމެއްޖެއެވެ. އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ރަސްމީ ގަނޑުވަރުން ނުކުމެވަޑައިގެން ދަރިކަލުންނާއި އަނބިކަނބަލުންނާއެކު ގުލިސްތާނުގެއަށް ވަޑައިގެންނެވި މަގުމަތީ ތަމަޅައިންގެ ދެ މީހަކަށް އެމަނިކުފާނު ފެނިވަޑައިގަތެވެ. އެމަނިކުފާނުކަން ނޭނގި، އަޅައިނުލައި އެ ދެވެރިން ދިޔައީއެވެ. ސަލާމަތުން ގުލިސްތާނުގެއަށް ވަޑައިގެން ފޯނުން ގުޅުއްވައި އެކި ފަރާތްތަކަށް އިރުޝާދުދެއްވަން ފެއްޓެވިއެވެ. މެންދުރުވުމުގެ ކުރިން ސެޓެލައިޓު ފޯނަކުން އިންޑިޔާގެ ބޮޑުވަޒީރަށް ގުޅުއްވައި އެހީތެރިކަމަށް އެދިވަޑައިގަތެވެ. ފިއްލަވައި އޮންނެވީއެއް ނޫނެވެ. ޤައުމުގެ ދިފާޢުގައި އެމަނިކުފާނުގެ ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ދެމިހުންނެވިއެވެ. 

ތަމަޅައިން ހައްޔަރުކޮށް ރަހީނުކުރަން ބޭނުންވި ދައުލަތުގެ އެއްވެސް އިސްވެރިއެއް އަތުޖެހޭ ގޮތް ނުވެ ދުވަސް ދެބައިވެގެން ދިޔައީއެވެ. ސިފައިންގެއަށް ވަނުމަށް އެޅި އެއްވެސް ފިޔަަވަޅަކުން ލިބުނު ކާމިޔާބެއް ނެތެވެ. މުޅި ހަމަލާ ރާވައި އިންތިޒާމުކޮށް އިސްކޮށް ހިންގަން ހުރި ކޮމާންޑަރު މަރުވީއެވެ. 

ސިފައިން ޙާލަތު ބައްލަވަން ނުކުންނެވުން 

ހެނދުނު 9 ޖެހިއިރު ސިފައިންގެ އުޅަނދު ފަހަރުގައި ސިފައިންގެއިން ބޭރަށް ނުކުންނަވަން ސިފައިން މަސައްކަތް ފެއްޓެވިއެވެ. ނަމަވެސް އެއް އުޅަނދު ގޭޓުގައި ތާށިވުމާއެކު، ނުކުމެވަޑައިގެންނެވޭ ގޮތް ނުވިއެވެ. އެ ހިސާބުން ސިފައިންގެ 10 ބޭކަލަކު ފައިމަގުގައި ބޭރަށް ނުކުންނަވަން ނިންމެވިއެވެ. ސިފައިންގެ ތެރެއިން ނުކުމެވަޑައިގަތުމަށް ނިންމެވި ފޯސްގެ އިސްވެރިއަކަށް ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ. މި ބޭކަލުން ސިފައިންގެއިން ނުކުމެވަޑައިގެން ޙާލަތު ބެއްލެވުމަށްފަހު ބައިގަނޑިއިރު ތެރޭގައި އަނބުރާ ސިފައިންގެއަށް ވަޑައިގެންނެވިއެވެ. އެއިން ބައެއް ބޭފުޅުން މަގުމަތިން ޝަހީދުވިއެވެ. އެނެއްބައި ބޭފުޅުން ގައަށް ވަޒަން އަރައި ޒަޚަމުވިއެވެ. 

އެއާއެކު ސިފައިންގެ ތެރެއިން ދެމުންދިޔަ ހަމަލަތައް ވަރުގަދެވެ، ޢަދުއްވުންނަށް ކުރި ހޯދަން އުދަގޫވުމުން މާލެ ތެރެއިންނާއި ފަޅުގައި އަޅާފައިހުރި އުޅަނދުފަހަރުން މީހުން ރަހީނުކޮށްގެން އައިސް ޖުމްހޫރީ މައިދާނުގައި އަތުރައިފިއެވެ. އިންސާނީ އައްޑަނައިގެ ގޮތުގައި އެ މީހުން ބޭނުންކޮށްގެން ސިފައިންގެއަށް ހަމަލާދޭން ފެށިއެވެ. 

ފިލައިގެންދާން ނިންމުން

ހެނދުނު 9.30ވިއިރު ބާޣީންގެ ތެރެއިން ބަޔަކު ފިލައިގެން ދިއުމުގެ ވާހަކަދައްކަން ފަށައިފިއެވެ. އެއިރު އަދި ރައީސް މައުމޫނަށް އިންޑިޔާގެ ބޮޑުވަޒީރަކަށް ނުގުޅުއްވެއެވެ. 11 ޖެހިއިރު، އެންމެން އެކީގައި ފުރައިގެން ދެވޭނެ ވަރުގެ ބޯޓެއް ހޯދަން ލުޠުފީ ނިންމައިފިއެވެ. 12 ޖެހިއިރު އަތިރިމައްޗަށް ގޮސް ދޯންޏެއް ހޯދައިގެން ޕްރޮގްރެސިވް ލައިޓު ބޯޓަށް ލުޠުފީ އަރައި ބޯޓު އަތުލައިފިއެވެ. އަދި މާލެއިން ރަހީނުކުރަންވީ މީހުންގެ ލިސްޓެއް ހަވާލުކޮށް މީހުން ރަހީނުކުރަން ސަގަރު ނާޞިރާ ހަވާލުކޮށްފިއެވެ. އޭނާ އެކަމައިގެން އުޅުނެވެ. އަތުޖެހުނު ބަޔަކު ވިއްޔާ އަތިރިމައްޗަށް އެއްކުރަމުންދިޔައެވެ. ހަވީރު 4.30 ވީއިރު ޕްރޮގްރެސިވް ލައިޓަށް ރަހީނުންގެ ގޮތުގައި ހައްޔަރުކުރި ބޭފުޅުން ގެންދަން ފަށައިފިއެވެ. މި ބޭފުޅުން އެ ބޯޓަށް އަރުވައި އެ ބޭފުޅުންނާ މުޚާޠަބުކޮށް ލުޠުފީ ވާހަކަވެސް ދެއްކިއެވެ. 

ބޯޓަށް ރަހީނުކުރި މީހުން އަރުވައި ފިލަން ތައްޔާރުވެ، ޢަދުއްވުން ބަލި ޤަބޫލުކޮށް ދެން މާލެ ހިފެން ނެތްކަން ޔަޤީންވެ ނިކަމެތިވެ ޒަލީލުވެފައި ތިއްބައި، ހަވީރު 5.00 ހާއިރު މާލެ މަތިން އިންޑިޔާގެ މަތިންދާބޯޓެއް ދަތުރުކުރިއެވެ. އެއީ އިންޑިޔާގެ އެހީތެރިކަން ލިބޭކަމުގެ ލިސާނެއްވި ހިސާބެވެ. އިންޑިޔާ ސިފައިން ދިވެހިންނަށް އެހީވުމަށް އައީ ރޭގަނޑު 9.30 ހާއިރުއެވެ. އެއިރު ބާޣީން ތިބީ ޕްރޮގްރެސް ލައިޓަށް އަރައި ފިލަން ތައްޔާރުވެއެވެ. ރޭގަނޑު 11.00 އާއި 11.30ހާއިރު އެވެރިން ބޯޓުގައި މާލެއިން ފުރައިފިއެވެ. 

ނޮވެންބަރު 3 ވަނަ ދުވަހަކީ ދިވެހި ޤައުމުގެ ހަނދާނުން ދުވަހަކުވެސް ނުފިލާނެވަރުގެ އަގުހުރި ޚިދުމަތާއި ޤުރުބާނީ ދިވެހި ސިފައިންގެ ކިބައިން ދިވެހި ޤައުމަށް ލިބުނު ދުވަހެވެ. ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލިހުގެ މެންބަރަކު ތިމަންނާގެ ޢުމުރަކީ އެއިރު 21 އަހަރު ކަމަށާއި، އެ ދުވަހަކީ އިންޑިޔާއިން ދިވެހިން ދުވަހަކުވެސް ހަނދާނުން ނުފިލާނެ ވަރުގެ އަގުހުރި ޚިދުމަތެއް ކޮށްދިން ދުވަހެއް ކަމުގައި ބުނުމަކީ އެ ދުވަހު ޢަދުއްވުން ބަލިކޮށް، އެ މީހުން ދިވެހި ފަސްގަނޑުގައި ނިކަމެތިކޮށް ފިލަން މަޖުބޫރުކުރުވި ދިވެހި ސިފައިންނަށް އިހާނާތްތެރިކޮށް ހިތުމެވެ. އެއީ ދިވެހި ތާރީޚުގައި ސާފުކޮށް ލިޔެވިފައި އޮތް ޙަޤީޤަތެއް ސިޔާސީ ބޭނުނަކަށް އޮޅުވައިލުމެވެ. މެންދުރުން އިރު ތިރިނުވަނީސް ޢަދުއްވުން ބަލިކުރީ ދިވެހި ލަޝްކަރީންނެވެ. މިއަދަކީ ދިވެހިންގެ ހިތްތަކުގައި އެ ބަޠަލުންނަށް އޮތް ލޯތްބާއި އިޚުލާޞްތެރި ނިޔަނެތި އިހުސާސުތައް ފާޅުކުރުމުގެ ދުވަހެވެ. އޮޕަރޭޝަން ކެކްޓަސްއަށް ސަނާކިޔަންވީ ދުވަހެއް ނޫނެވެ. ދިން އެހީއަށް ޝުކުރުވެރިނުވާ ވާހަކައެއް ނޫނެވެ. ޝުކުރުވެރިވުމުގެ ނަމުގައި ދިވެހި ބަޠަލުންގެ ޚިދުމަތަށް އުނިވާ ފަދަ ބަހެއް ބުނުމަކީ އިންޑިޔާއަށް ޝުކުރުވެރިވުމެއް ނޫނެވެ. އެއީ އޮޅުވައިލުމެވެ. އެއީ ފުރައްސާރައެވެ. އެއީ ދިވެހި ސިފައިންނާއި ޠާހިރު ލެއިން އިސްލާމްދީނާއި ޤައުމަށްޓަކައި ޤުރުބާންވި މުޖާހިދުންނަށް ކުރާ މަލާމާތެކެވެ.

ކިޔުންތެރިންގެ ހިޔާލު
ނަޖްވާ
ސިފައިގެއިން ބަޔަކު ބޭރަށް ނުކުތުން އެއީ އަސްކަރީގޮތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވަނީ! ކިިހިނެތްހޭ ބާޤީންގެ އާރާފަންވަރު ދެނެގަންނަާނީ ދިހަ މީހުން ނުކުމެގެން! އެ ވަގުތަކު ކޮން އިންޓެލިޖަންސޭހޭ ލިބޭނީކީ! ވަރަށް ކަނޑުކޮސް ކަމެއް ކަމަށް ވަނީ އެއީ!
ވާނުވާނޭގޭދޯ
ދެން ކިތައް މީހުން ނިކުމެގެންތަ ބާގީންގެ އިންޓެލިޖަންސް ނެގޭނީ. އެދުވަހު އެމީހުން ނިކުތީމަ ދޯ ވާނުވާ އެނގޭވަރުވީ. އެމީހުންގެ ސްޓްތެންތާ ގެންގުޅޭ ހަތިޔާރާ އެގުނީ. މިލިޓަރީ ހށ ނޭގޭ އިރު ތިކަހަލަ ވާހަކަ ދެއްކުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް.
އާދަނު
ނަޖުވާ ބުންޏަސް ތީ ރަނގަޅު ވާހަކައެއް. އެއްވެސް ވަރަކަށް ބޭރުގެ ހާލަތެއް ނޭންގި އަދި ބޭރުގަ ގުޅޭގޮތަށް ދިވެހި ސިފައިން ތިއްބާ (މިސާލަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިމްރާހިމް މުހައްމަދު ދީދީއަށް ގުޅައިގެން ތަޅުދަނޑި ގެންދިޔަގޮތަށް) އެތެރެއިން ބަޑިޖަހަމުންދިޔަ ދިމާއަކަށް ނުކުތުމަކީ އަސްކަރީގޮތުން އެޅި ގޯސް ފިޔަވަޅެއް. އޭެ ނަތީޖާއަކީ 4 މީހުން ޝަހީދުވުން. ބަޑިޖަހަމުންދާ ތަނަކަށް މީހުން ނުކުންނަނީ އެއަށްވުރެ ވަރުގަދަކޮށް ބަޑިޖަހަންފަށައި ދުޝްމަނުން ބަޑިޖެހުން ހުއްޓުވައި ކަވަރިންގ ދީގެން. އެވެސް އެއްފަހަރާ އެންމެންނެއް ނޫން. އެދުވަހު އެކަން ހިނގާފައިވަނީ ހާލަތުގެގޮތުންނާއި އަދި ޖަލީލުއަށްވުރެ މަތިން އޯޑަރ އައިގޮތަށް އަމަލުކުރަންޖެހުމުން. ޖަލީލަށްވުރެ މަތީ ރޭންކްތަކުން އެގޮތަށް ނިންމީ. ބަތަލެއްކަމަށް މިހާރުވެސް އަހަރެން ޤަބޫލުކުރަމުން ބުނެލަންޖެހެނީ އޭރުވެސް ޖަލީލަކީވެސް އެހާ ބާރުގަދަ މީހެއް ނޫން އަދި އެންމެ ރަނގަޅަށް ކަންކަން ގެންދެވޭ މީހެއްވެސް ނޫން. މިހާރުގެ އެހުންނަ މަޑުމޮޅިކަން އެއީ އަބަދުވެސް އޭނާގެ ކިބައިގަ ހުންނަ ގޮތެއް. ސިއްރިޔާތުގަ އެމީހުންގެ ޚަބަރު ބަލަން ބޭރިގަތިބި ސިފައިންނަށް އަންގަން މަޝްވަރާކުރެވުނު. އެކަމަކު މައުމޫނު ކިޔާ މީހަކާއި މުހައްމަދު ޒާހިރު ކިޔާ މީހަކަށް ނިންމުނީ ހަމަ ޖަލީލު ނެރެން. ގެރިމޯދީއާއި ވާނުވާނޭނގޭދޯ ކައިރީގަވެސް މިވާހަކަ ބުނެލަން ބޭނުން
ގެރިމޯދީ
ސުބުހާނަﷲ މިނަޖްވާއަކީ މިލިޓަރީ އިންޓެލިޖެންސް އިންޑިޔާގެ ގެރިމޯދީޔުނިވަރުސިޓީ ޔޫލެވެލްގެ ޕީއެޗްއެޑް ހާސިލްކޮށް މޯދިލައްވާ އަމަލީ ޓްރޭނިން ހައްދަވާފައިވާ ގައިބިލި ތަނެއްދޮރެއް އުޑެއް ބުޑެއް ވަތަނެއް މިއްލަތެއް ހޯދާފައިވާ މީހާގަޑެކެވެ.