އިޒްރޭލު ސިފައިން ދިން އަނިޔާތަކެއްގެ ސަބަބުން ފަލަސްތީނުގެ ޒުވާނަކު ނިޔާވެއްޖެ

މަރިޔަމް ލީނާ 25 އޮކްޓޯބަރު 2020 15:40
Flowers
އިޒްރޭލު ސިފައިން

އިޒްރޭލު ސިފައިން ތަޅާ އަނިޔާކުރުމުގެ ސަބަބުން ފަލަސްތީނުގެ ޒުވާނަކު ނިޔާވެއްޖެއެއެވެ.

މި އަނިޔާވެރި އަމަލު ހިނގާފައިވަނީ، ތުރްމުސް އައްޔާ ކިޔާ އަވަށެއްގައެވެ. ފަލަސްތީން މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު އަހްމަދު އަލް ބިތަވީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި އަމިރް އަބްދުއްރަހީމް ސްނޮބާރު ނަމަކަށް ކިޔާ ޒުވާނަކު ވަނީ އިޒްރޭލު ސިފައިން ތެޅުމުގެ ސަބަބުން ލިބުނު އަނިޔާތަކުގައި ނިޔާވެފައެވެ.

އަލްބިތަބީ ވިދާޅުވި ގޮތުގައި ސްނޮބާރުގެ ކަރުގައި ޒަހަމްތައް ފެންނަން ހުއްޓެވެ. އަދި ޒަހަމްތަކަށް ބަލާއިރު އޭނާގެ ކަރުގައި އިޒްރޭލު ސިފައިންގެ ރައިފަލްތަކުން ތަޅާފައިވާކަމަށް ފާހަގަވާކަމަށް އޭނާ ބުނެފައިވެއެވެ.

ސްނޮބާރަކީ ނާބްލުސްގެ ދެކުނުން އޮންނަ ޔަތުމާ އަވަށަށް ނިސްބަތްވާ ޒުވާނެކެވެ.

މީޑިއާ ރިޕޯޓުތައް ބުނަގޮތުން ސްނޮބާރު ދުއްވަން ހުރި ކާރު ފަހަތުން ގޮސް މަޑު ކުރުވާ އިޒްރޭލު ސިފައިންވަނީ އޭނާ އަށް ތަޅާ އަނިޔާކޮށްފައެވެ. އޭނާ ނިޔާވީ ފަހުން ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮންމެ އަހަރަކުވެސް އިޒްރޭލު ސިފައިން އެތައް ސަތޭކަ ފަލަސްތީނު ޒުވާނުން މަރާލައެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައިވެސް އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުން ބަންދުކޮށްފައިތިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު