ބީއެމްއެލް އިން ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފި

މަރިޔަމް ލީނާ 25 އޮކްޓޯބަރު 2020 14:57
Flowers

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި ހިދުމަތާއި އެކު، ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުގެ ޕިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަދަލުކުރެވޭނެއެވެ. ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތުގެ ސަބަބުން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަށްވެސް ޕިން ކޯޑު ޕޯސްޓު މެދުވެރިކޮށް ހޯދަން ނުޖެހި، ވަގުތުން ކާޑުގެ ޕިން ބަދަލުކުރެވޭނެކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓާ އެއްގޮތްވާގޮތުގެ މަތީން ތައާރަފްކުރެވުނު ހިދުމަތެއް ކަމަށާއި ބޭންކުން މިހާރު ވަނީ ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައިި ކަމަށެވެ.

"މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީވުމާއި ބޭންކުން އަލަށް ތައާރަފްކުރި އޮންލައިން ކިއުގެ ހިދުމަތްވެސް ފާހަގަކޮށްލަން. ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތައް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެ" ސޯޔަރ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. ބޭންކް އޮފް މޯލްޑިވްސްގެ 38 ބްރާންޗާއި، 61 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 124 އޭޓިމް އަދި 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު