ސަފާރީ ކޭހާ ގުޅިގެން އިމްރާން ދެއްކެވި ވާހަކައިން ކުށްކުރި މީހުންނަށް ހިތްވަރުލިބޭ: ޣައްސާން

ޙުސައިން އަފްޝަން 25 އޮކްޓޯބަރު 2020 14:30
Flowers
އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫން

ހުޅުމާލެ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެ ކުށްކުރި މީހުންނަށް އިތުރަށް ހިތްވަރުލިބޭނެ ކަމުގައި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ، ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ހިނގީ ރޭޕެއް ނޫން ކަމަށެވެ. އަދި ސަފާރީގައި ހިނގީ ވަރަށް އާދައިގެ ކަމެއް ކަމުގައި ދޭހަވާ މޭރުމުން ޢިމްރާން ވާހަކަދައްކަވާފައިވެއެވެ. އެގޮތުން ސަފާރީގައި ހިނގި ކަމަކީވެސް އާންމު ތަނެއްގައިވެސް ކޮށްފާނެ ވަރުގެ ކަމަށާއި، އެއީ ކުރުމަށްފަހުވެސް ބޮޑުކަމަކަށްނުވެ ހިނގައިދާނެ ބާވަތުގެ ކަމެއް ކަމުގައި އިމްރާން ވިދާޅުވިއެވެ.



އިމްރާނުގެ ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓުވީޓުގައި ޣައްސާން ވިދާޅުވީ ރޭޕާއި ޖިންސީ އަނިޔާއަކީ އެއްވެސް ހާލަތެއްގައި ތަހައްމަލުކޮށްގެންނުވާނެ ބޮޑެތި ކުށްތައް ކަމުގައެވެ. އަދި މި މައްސަލާގައި ކުރެވޭ ތުހުމަތުތަކަކީ މާބޮޑު ކަމެއް ނޫން ކަމުގައި ދޭހަވާ ގޮތަށް އިމްރާން ދެއްކެވި ވާހަކަފުޅަކީ ޤަބޫލުކުރެއްވޭނެ އަދި ބައްލަވައިގަނެވޭނެ ވާހަކަފުޅެއް ނޫން ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.

އަދި މި މައްސަލާގައި ތުހުމަތުވާ މީހުންނަކީ ބާރުގަދަ ފަރާތްތަކަކާ ގުޅިފައިވާ ބައެއްކަން ފާހަގަކުރައްވަމުން ޣައްސާން ވިދާޅުވީ ، އިމްރާނުގެ ވާހަކަފުޅުގެ ސަބަބުން އެމީހުންނަށް އިތުރަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި އެމީހުންގެ އަނިޔާވެރި ނޭނގާނީ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ލިބޭނެކަމާމެދު އޮންނަ ކުޑަނަމަވެސް އުންމީދު އިމްރާނުގެ ވާހަކައިގެ ސަބަބުން ނެތިގެންދާނެ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.

ސަފާރީގައި ޖިންސީ ޝިކާރައަކަށްވި އަންހެންމީހާގެ ވަކީލުންވަނީ އިމްރާނުދެއްކެވި ވާހަކަފުޅު ދޮގުކުރައްވައި، އަންހެންމީހާގެ ބަޔާނުގައި ހިމެނޭ ބައެއް ތަފުސީލުތަކާއެކު މި މައްސަލަ ރައްޔިތުން މަޖިލިހަށް ހުށަހަޅާފައެވެ. އެގޮތުން އަންހެންމީހާ ގަދަކަމުން ކޮޓަރިއަކަށް ވައދަން އުޅުނުކަމަށާއި، ޖިންސީ އަނިޔާކުރި މީހާގެ ޖިންސީ ގުނަވަނުގައި ހިފަން އެންގި ކަމަށާއި، މަރުގެ އިންޒާރުވެސް އޭނާއަށް ދިން ކަމުގައި ތަހުގީގަށް ދިން ބަޔާނުގައި ކެންޔާއަށް ނިސްބަތްވާ އެ އަންހެންމީހާ ކިޔާދީފައިވާ ކަމުގައި އޭނާގެ ވަކީލުން މަޖިލިހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު