އިސްލާމްދީނުގެ ދިފާޢުގައި ފަރަންސޭސި ރައީސަށް ޢިމްރާން ޚާން ފާޑުވިދާޅުވެއްޖެ

އިބްރާހިމް އާދަމް 25 އޮކްޓޯބަރު 2020 14:14
Flowers
ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން

އިސްލާމްދީނާއި މުސްލިމުންނާ ގުޅޭ ގޮތުން ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯން ދައްކަވާ ވާހަކަފުޅުތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ރައްދުދެއްވައިފިއެވެ. 

ސިލްސިލާ ޓުވީޓުތަކެއްގައި އިމްރާނު ވިދާޅުވެފައިވަނީ ލީޑަރެއްގެ އެންމެ މުހިއްމު ޞިފައަކީ ނެލްސަން މަންޑޭލާ ފަދައިން އިންސާނުން އެއްގަލަކަށް އަރުވައި އެއްބައިވަންތަކުރުވުން ކަމުގައެވެ. އަދި ބައިބައިކުރުވުން ނޫން ކަމަށެވެ. އަދި މި ވަގުތަކީ ފަރުވާދިނުމުގެ ފުރުޞަތު މެކްރޯނަށް ފަހިވި ވަގުތެއް ކަމުގައާއި އަދި ހަރުކަށި ފިކުރުގެ މީހުންނަށް ޖާގަނުދީ، ބައިބައިވުމަށާއި، އެކަހެރިކުރުމަށް ޖާގަނުދިނުމަށް ފުރުޞަތު ލިބުނު ވަގުތެއް ކަމުގައި ޢިމްރާން ވިދާޅުވިއެވެ. އަދި އެފަދައިން އެކަހެރިކުރުމަކީ އެކަމުގެ ސަބަބުން ހައްދުފަހަނައެޅުމަށް ޖާގަލިބޭ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިސްލާމްދީނާމެދު ބިރުވެރިކަން އުފައްދައި، ކުޝޫނަތްތެރި (ވައަލެންޓު) އަމަލުތައް ހިންގާ ޓެރަރިސްޓުންނަށް ހަމަލާދިނުމުގެ ބަދަލުގައި މެކްރޯން އިޚުތިޔާރުކުރެއްވީ އިސްލާމްދީނަށް ހަމަލާދެއްވުމަށް ކަމުގައި އިމްރާން ވިދާޅުވިއެވެ. އަދި ކުޝޫނަތްތެރި އަމަލު ހިންގާ ޓެރަރިސްޓުން ތެރޭގައި ހުދު ނަސްލުގެ މަތިވެރިކަން ޤަބޫލުކުރާ މީހުންނާއި، ނާޒީ ފިކުރިއްޔާތަށް އީމާންވާ މީހުން ތިބޭކަން ފާހަގަކުރެއްވިއެވެ. 

އަދި ރައީސް މެކްރޯން އިޚުތިޔާރުކުރައްވާފައިވަނީ ގަސްތުގައި އޭނާގެ ޤައުމުގެ މުސްލިމުން ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ރުޅިއަރުވަން ކަމުގައިވެސް ޢިމްރާން ތުހުމަތުކުރެއްވިއެވެ. އެގޮތުން ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް އަމާޒުކޮށް ކުރަހާފައިވާ އިހާނެތްތެރި ކުރެހުންތައް އާންމުކުރުމަށް މެކްރޯން ހިތްވަރުދެއްވުމަކީ މުސްލިމުން ރުޅިއަރުވަން ކުރައްވާ ކަމެއް ކަމުގައި އިމްރާން ވިދާޅުވިއެވެ.

އަދި އިސްލާމްދީން އެނގުމަކާނުލައި އިސްލާމްދީނަށް ހަމަލާދެއްވުމުގެ ސަބަބުން، ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ސަތޭކަ މުސްލިމުންގެ އިހުސާސުތަކަށް މެކްރޯން އަނިޔާދެއްވާފައިވާ ކަމުގައި އިމްރާން ވިދާޅުވިއެއެވެ. 

ޖާހިލުކަމާއި ތަންދޮރުނުފިލުމުގެ މައްޗަށް ބިނާވެފައިވާ ބަޔާންތަކާއި ވާހަކަތުން އުފެދޭނީ އެކަހެރިކަމާއި ނަފުރަތާއި، ހަރުކަށި މީހުންނަށް ލިބޭ ޖާގަ ކަމުގައި އިމްރާން ވިދާޅުވިއެވެ.  އަދި ދުނިޔެ އިތުރު ބައިބައިވުމަށް ބޭނުންޖެހިފައިނުވާ ކަމުގައިވެސް ބޮޑުވަޒީރު ޢިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު
މޫސާ
ފުރާންސްގެ ރައީސަށާއި އަދި އެގައުމުގެ ރައްޔިތުންނަށް އިސްލާމްދީނުގެ ހިދާޔަތު އަލީގައި ތެދުމަގު ދައްކަވައިފާނދޭވެ
ނާޅި
ޢިމްރާން ހާނާއި ދެކޮޅަށް ޕާކިސްތާނުގެ ރައްޔިތުން ނިކުމެގެން އުޅެނީ ކީއްވެތޯ ؟
ޢަސްލު
ކޮންއިރަކު؟