އެންއައިސީއަށް ގާސިމް އައްޔަން ކުރަން ކޮމިޓީއިން ފާސްކޮށްފި

މަރިޔަމް ހަސަން 17 އޮކްޓޯބަރު 2020 18:54
Flowers
ގާސިމް އަބްދުލްކަރީމް

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޅ. ނައިފަރު/ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ފާސްކޮށްފިއެވެ.

އެންއައިސީގެ ހުސްވެފައިވަ މަގާމަށް ގާސިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަގާމު ހުސްވެފައި ވަނީ އެންއައިސީގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ކޮމިޝަނުން ވަކިކުރުމާ ގުޅިގެންނެވެ.

އެންއައިސީއަށް އައްޔަން ކުރުމަށްޓަކައި ގާސިމްގެ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާ ކޮމިޓީއިން ވަނީ އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އޭނާގެ ނަން ކޮމިޓީއިން ފާސްކުރުމަށް 11 މެންބަރުން ވޯޓު ދެއްވިއިރު، އޭނާ އަށް ރުހުން ދިނުމަށް ފެންނަ ކަމަށް 10 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މިހާރު މޯލްޑިވިސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ޗެއާމަން ކަން ކުރައްވަމުން ގެންދަވާ ގާސިމަކީ ބޭންކް އޮފް މޯލްޑިވްސް، ފ.ނިލަންދޫ ދާއިރާގެ މެނޭޖަރުކަން ކުރެއްވި ފަރާތެވެ. އޭނާއަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި މީހާވެސް މެއެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާ އަރުވާލުމުން "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި ގާސިމް ވަނީ 8 މަހާއި 12 ދުވަހަށް ޖަލަށްލާފައެވެ. އެ ޖަލު ހުކުމް ހުކުމް ތަންފީޒުކޮށް ނިމުުން، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު
ފުރިހަމަވެރިކަން
މިސަރުކާރު ވެރިކަން ލިބުނުފަހުން ރެއާއިދުވާލު އެކިއެކި މަގާމުތަކަށް މީހުންލުމާއި ވަކިކުރުމާއި ބަދަލު ދިނުމާއި ޖަލައްލުމާއި ބިރުދެއްކުމާއި، ރައްޔިތުންގެ ހަޒާނާ ރޯމާދުވާލު ހިތުހުރިގޮތަކަށް ބޭނުންކުރުމާއި ބޮޑުތަނުން ވައްކަންކުރުމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމާއި، ވަޒީރުންނާއި މަތީމަގާމުތަކުގެ ތިއްބަވާ އިސްވެރިން ފާޅުގަ ވައްކަން ކުރުމާއި ވައްކަން ފަޅާއެރުމުން އަމިއްލަޔަށް ފުލްމުސާރަ ލިބޭގޮތަށް މަގާމުން ދުރައްޖެހިލުމާއި މިހިރަ ބޮޑެތި ކަންކަން މިދަނީ ފާޅުވެ ފެންނަމުންނެވެ.