އިސްލާމް ދީނުގެ ޙުކުމްތައް ޝަރުޢީ ދާއިރާއިން ބޭރުކުރަން ފަށައިފި: ސަލަފް

މަރިޔަމް ލީނާ 16 އޮކްޓޯބަރު 2020 13:35
Flowers
ސަލަފް ޖަމިއްޔާގެ އިލްމުވެރިންތަކެއް

މަދީނާ އިން ލޯ ކިޔަވައިގެން އަންނަ ދީނީ ޢިލްމުވެރިންނަށް ވަކީލުކަން ނުކުރެވޭ ގޮތް ބާ ކައުންސިލުން ހަދަމުންދާ ދިއުމަކީ އިސްލާމް ދީނުގެ ޙުކުމްތައް ޝަރުޢީ ކޯޓުތަކުން ބޭރުކުރުމަށް ކުރަމުން ދާ މަސައްކަތްތަކެއް ކަމަށް ޖަމިއްޔަތުއްސަލަފް އިން ބުނެފިއެވެ.

ސަލަފް އިން މިހެން ބުނެފައިވަނީ މިފަހުން ވަކީލު ކަމުގެ ހުއްދަ ހޯދަން މަދީނާއިން ލޯ އިން ތައުލީމު ހާސިލުކޮށްފައިވާ ދީނީ ޢިލްމުވެރިންތަކެއް ހުއްދައަށް ހުށައެޅުމުން އެކަމަށް ބާ ކައުންސިލް އިން ހުރަސްއަޅާފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށް އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައިއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ހުރިހާ ދީނީ ޢިލްމުވެރިންނެއް ދަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅު ކުރައްވަމުންނެވެ.

ސަލަފްގެ ބަޔާނުގައި ބުނެފައިވާގޮތުން މިކަމަކީ ދަޥުލަތުގެ މުއައްސަސާތަކުން އެކަށައަޅާ ޤާނޫނާއި ޤަވާޢިދުގައިވާ އިސްލާމީވަންތަކަމާއި، އިސްލާމީ ޝަރީޢަތާ އެކީއެކަށް ގުޅުންކަނޑާލުމަށް ހިންގޭ މަކަރުވެރި ރޭވުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މިއީ އިސްލާމީ ބިންތަކަށް ދީނުގެ ޢަދާވާތްތެރި ދަޥުލަތްތަކުން އަތްގަދަކޮށް، އެމީހުންގެ ވެރިކަން އެބިންތަކުގައި ޤާއިމުކުރި ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އޭގެ ސަބަބުން ތައުލީމީ ދާއިރާއިން ވެސް ދީނުގެ ޝަރުޢީ ޢިލްމު ފޮހެވި، މުސްލިމް އާއިލާތައް ރޫޅި، ދަރިންނާއި މައިން ވަކިވެގެންދާނެ ކަމެކެވެ. އަދި ބަދުއަޚުލާޤީ އަމަލުތައް އާއްމުވެގެން ގޮސް ގައުމުގެ ދާޚިލީ ހަމަޖެހުން ގެއްލި ރާއްޖެ ބައިބައިވެ ފޮތިފޮތިވެގެން ހިނގައިދާނެ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ގައުމުތަކުގައި ދީނުގެ ޝަރީޢަތް ނައްތާލަން އުޅެނީ ދީނުގެ ދުޝްމަނުން އަޑީގައި ތިބެ އެމީހުން ތަރުބިއްޔަތުކޮށްފައިވާ އޭޖެންޓުންނާއި، ގޮނޑިކޮއްކޮ ސަރުކާރުތަކާއި، މުސްލިމުންގެ ތެރޭގައި ތިބެ ދީނާއި ޤައުމަށް ޣައްދާރުވާ، މިނިވަންކަމުގެ އަގުވަޒަން ކުރަން ނުދަންނަ، މަދު ބަޔަކު މެދުވެރިކޮށް ކަމަށް ސަލަފް އިން ބުނެފައިވެއެވެ. އަދި މިފިކުރީ ހަނގުރާމައިގެ ވިލާގަނޑު ރާއްޖެއަށް ވެސް ފޯރާފައިވާ ކަމަށާއި މިއީ ބިރުވެރި ހާލަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

ސަލަފް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މި ހިންގެނީ ފާއިތުވި ޤަރުނުގައި އިސްލާމީ ޢަރަބި ޤައުމެއްކަމަށްވާ މިޞްރުގައި ވެސް ޝަރުޢީ ކޯޓުތައް އުވާލައި ޝަރުޢީ ދާއިރާއިން މުސްލިމް ޢިލްމުވެރިން އެކަހެރި ކުރުމަށް އޭރު އެ ޤައުމުގައި އޮތް އިނގިރޭސިވިލާތުގެ ގޮނޑިކޮއްކޮ ސަރުކާރުން ހިންގި ފަދަ ކަންތައްތަކެކެވެ. މިޞްރުގައި ހިންގުނު ލާދީނީ މަސައްކަތުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ޖާމިޢުލްއަޒްހަރުން ކިޔަވައިގެން ނިކުމެވަޑައިގަންވާ ޢިލްމުވެރިންނަށް މަޤާމުތަކަށް ނާދެވޭ ގޮތް ހަދައި، ވިލާތާއި އެނޫން ކަރަކަރައިގެ އުނގުން އެދުރުވެގެން އަންނަ ފަރާތްތަކަށް ދަޢުލަތުގެ މަތީ މަޤާމުތަކާއި ޝަރުޢީ ދާއިރާއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްވެގެން ދިޔައެވެ. އަދި ދާލީނީ މީހުންގެ އަތް މައްޗަށް މުޅި ގައުމު ފުރޮޅިގެން ދިޔައެވެ.

ޖަމިއްޔަތުސަލަފް އިން މިބަޔާނުގައި ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދީފައިވަނީ، އިސްލާމްދީނުގެ މަތިވެރި ނޫރުގެ އަލިކަމުން ދިވެހިންނަށް ދީނަކާއި ތާރީޚަކާއި ޘަޤާފަތަކާއި ބަހެއް ލިބިދިން ދުވަހުން ފެށިގެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ދިވެހިރާއްޖޭގެ ފަނޑިޔާރުކަމާއި ކޯޓުތަކުގައި މުޅިންހެން ތިއްބެވީ ހަމައެކަނި އިސްލާމީ ޝަރީޢާ އުނގެނިވަޑައިގެން ތިބި ޢިލްމުވެރިންކަމުގައެވެ. އަދި އެއީ 800 އަހަރުވަންދެން މިގައުމު އިސްލާމް ކަންމަތީގައި އޮތް މައިގަނޑު ސަބަބު ކަމުގައެވެ.

ހަމައެފަދައިން ދިވެހިންގެ ބޮޑުތަކުރުފާނު ވާދޫ ދަންނަކަލޭގެފާނަށް ވެސް ހުށައެޅުއްވި ހުށައެޅުމަކީ ފަނޑިޔާރުކަން ޤަބޫލުކުރެއްވުމަށް ކަމަށާއި، 1932 ވަނަ އަހަރު އުފެދުނު އެންމެ ފުރަތަމަ ޤާނޫނު އަސާސީއިން އެކުލަވާލި ފަނޑިޔާރުގޭގައި ވެސް އިންނެވީ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ދީނީ އެއް ޢިލްމުވެރިޔާ ކަމުގައިވާ ދިވެހިންގެ ޞަލާޙުއްދީން ކަމަށާއި މިކަންކަން މިހާ ސާފުކޮށް ފެންނަން ހުއްޓައި އެއާ މުޅިން ޚިލާފަށް ގަވައިދުތަކާއި ގާނޫނުތައް ބަދަލުކުރުމަކީ ދިވެހި ތާރީޚަށް ވެސް ދެވޭ ހަމަލާއެއްކަމުގައި ސަލަފް އިން ބުނެފައިވެއެވެ.

ސަލަފްގެ ބަޔާން ނިންމާލަމުން ރައީސުލް ޖުމްހޫރިއްޔާއަށާއި ޖުޑިޝަރީގެ އެންމެހައި ވެރިންނަށް ގޮވާލާފައިވަނީ، ހަމައެކަނި އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިއްބަވާ ފަރާތަކަށް ޤާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ޤާޒީކަން ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހުރިހާ ޤަވާޢިދަކާއި ޤާނޫނެއް މިހާރުން މިހާރަށް މުރާޖަޢާކޮށް އިސްލާޙުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު
ސަރުކާނު
މިހާރު ތިބި ފަނޑިޔާރުންނަށް ދީނީ ގޮތުން ޙުއްޖަތް ދެއްކީމާ އަގަހުޅުވޭނީ. އެއީ ވާގޮތަކީ ސާބަސް