އިސްރާއީލަށް ސްކަޑް މިސައިލު ހަމަލާތަކެއް ޞައްދާމް ޙުސައިން ދެއްވިކަން އެނގޭތަ؟

އައިޝަތު ހަނާ 15 އޮކްޓޯބަރު 2020 11:20
Flowers
ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން

ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން ދަންޖައްސައި ޝަހީދުކޮށްލިތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އޭނާއަކީ ގިނަ ޢަރަބިން އިހުތިރާމުކުރާ އަދި ޤަދަރުކުރާ ވެރިއެކެވެ. ޞައްދާމަށް ޢަރަބި ދުނިޔޭގައި އޮތް މަޤުބޫލުކަމުގެ ފަހަތުގައިވާ އެއް ސިއްރަކީ އޭނާގެ ވެރިކަމުގައި ޢިރާޤުން އިސްރާއީލާމެދު ގެންގުޅުނު ސިޔާސަތެވެ. 

އެގޮތުން ޞައްދާމަކީ އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ޤަބޫލުކުރެއްވުމަށް ދެކޮޅުހެއްދެވި ލީޑަރެކެވެ. ހަމައެހެންމެ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވައި، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރި ތަފާތު ގުރޫޕުތަކަށް އެކި ގޮތްގޮތުން ޞައްދާމު އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އަދި ޢިރާޤުގެ ތެލުގެ މުއްސަނދިކަން ބޭނުންކުރައްވައިގެން ނިއުކުލިއާ ހަކަތަ އުފެއްދުމުގެ ޕްރޮގުރާމެއްވެސް ކުރިއަށް ގެންދެވިއެވެ. 

1990 ވަނަ އަހަރު ޢިރާޤުން ކުވައިތަށް އެރުމާއެކު، އިއްތިޙާދީ ބާރުތަކުން ޢިރާޤަށް ހަމަލާދޭން ފެށިއެވެ. އެއާއެކު އިސްރާއީލަށް މިސައިލު ހަމަލާތައް ދެއްވާނެ ކަމުގައި ޞައްދާމް އިންޒާރުކުރެއްވިއެވެ. ޞައްދާމުގެ އަތްޕުޅުގައި ސޯވިއެޓް ޔޫނިއަނުން އުފެއްދި ސްކަޑް މިސައިލުތައް ހުރި ކަމަކީ އެއިރު އިސްރާއީލަށްވެސް އެނގޭ ކަމެކެވެ. އަދި އެ މިސައިލުތަކުގައި ކެމިކަލް ބޮން ހަރުކުރުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުރި ކަމަށް ޝައްކުކުރެވޭތީ މިއީ އިސްރާއީލަށް ޙަޤީޤީ މާނައިގައި ޢަރަބި ދައުލަތަކުން ކުރިމަތިވި ފުރަތަމަ ނުރައްކާ ކަމުގައި އިސްރާއީލުގެ އެއިރުގެ ވެރިން ޤަބޫލުކުރިއެވެ. 

1991 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18/17 ދެ ދުވަހު ގުޅިފައިވާ އިއްތިހާދުން ވައިގެ މަގުން ޢިރާޤަށް ހަމަލާތަކެއް ދިނެވެ. މި ހަމަލާތަކާ ގުޅިގެން އެއް މަސްދުވަހުގެ ތެރޭގައި އިސްރާއީލަށް ޞައްދާމުގެ އެންގެވުމަށް ޢިރާޤުވަނީ 38 ސްކަޑް މިސައިލު ހަމަލާދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލްޙުސައިން ނަމަކަށް ކިޔުނު މިސައިލުގެ 33 މިސައިލާއި، އައްތިއާޖުރާ މިސައިލުގެ 5 މިސައިލެވެ. މި މިސައިލަކީ 600 ކިލޯމީޓަރުގެ ދުރުމިނަކަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލުތަކެކެވެ. 

ޢިރާޤުން ދިން މި ހަމަލާތަކުގައި ސީދާ މިސައިލުގެ ޝިކާރައަކަށްވެ، އިސްރާއީލުގެ 2 އާންމުން މަރުވިއެވެ. ނުސީދާކޮށް ހާޓު އެޓޭކު ޖެހިގެން 4 މީހަކު މަރުވިއެވެ. ބައޮލޮޖިކަލް ނުވަތަ ކެމިކަލް ހަނގުރާމައާ ގުޅިގެން ބޭނުންކުރަން ތައްޔާރުކުރި ކިޓު ނުބައިކޮށް ބޭނުންކޮށްގެން އިތުރު 7 މީހުން މަރުވިއެވެ. 

އަދި މި ހަމަލާތަކުގައި އިސްރާއީލުގެ 1،302 ގެއަކާއި، 6142 އެޕާޓުމެންޓާއި، އާންމު 23 ބިނާއަކާއި، 200 ފިހާރައިގެ އިތުރުން 50 ކާރު ހަލާކުވެ ވީރާނާވި ކަމުގައި އިސްރާއީލުން ބުނެފައިވެއެވެ. މި ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުވީ ހައިފާއަށާއި ތަލްއަވީވަށެވެ. 

ކިޔުންތެރިންގެ ހިޔާލު
ނަތަން
އިޒްރާއީލްގެ ވެރިން އެތިބީ ސައްދާމް ކޮބާ؟
ވަހީދު ބެއްޔަ
އަހަރުމެން ގަބޫލު ކުރަނީ ސައްދާމަކީ ޝަހީދެއް ކަމަށް. އެހެން ވިއްޔާ އޭނަ ދާނީ ސުވަރުގެއަށް. މަނިކުފާނު ބުނެބަލަ އިސްރާއީލުގެ ވެރިން ތިބިތަނެއް ިިިިިިިިިިިިިިިިިިިިިިިިި
ވަހީދު ބެއްޔަ
އަހަރުމެން ގަބޫލު ކުރަނީ ސައްދާމަކީ ޝަހީދެއް ކަމަށް. އެހެން ވިއްޔާ އޭނަ ދާނީ ސުވަރުގެއަށް. މަނިކުފާނު ބުނެބަލަ އިސްރާއީލުގެ ވެރިން ތިބިތަނެއް ިިިިިިިިިިިިިިިިިިިިިިިިި
ވަހީދު ބެއްޔަ
އަހަރުމެން ގަބޫލު ކުރަނީ ސައްދާމަކީ ޝަހީދެއް ކަމަށް. އެހެން ވިއްޔާ އޭނަ ދާނީ ސުވަރުގެއަށް. މަނިކުފާނު ބުނެބަލަ އިސްރާއީލުގެ ވެރިން ތިބިތަނެއް ިިިިިިިިިިިިިިިިިިިިިިިިި