ގުރައިދޫ ރައްޔިތުންނަށް ޣައްސާން ޖިމް ސާމާނު ހަދިޔާކުރައްވައިފި

އައިޝަތު ހަނާ 13 އޮކްޓޯބަރު 2020 14:38
Flowers
ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ގުރައިދޫ ރައްޔިތުންނަށް ހަދިޔާކުރެއްވި ޖިމް ސާމާނު

ކޮޅުމަނޑުލު ގުރައިދޫ ރައްޔިތުންނަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ޒަމާނީ ފެންވަރުގެ ޖިމް ސާމާނުތަކެއް ހަދިޔާކުރައްވައިފިއެވެ. 

ގުރައިދޫ ކައުންސިލުން "ދިޔަރެސް" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި ޣައްސާން އެ ރަށުގެ ރައްޔިތުންނަށް ހަދިޔާކުރައްވާފައިވަނީ އިންޑޯ ޖިމަކަށް ބޭނުންވާނެ ހުރިހާ ސާމާނެކެވެ. އެގޮތުން ދުވުމަށް ބޭނުންކުރާ ޓްރެޑުމިލްތަކާއި، ބަރު އުފުލުމަށާއި އިތުރު ކަސްރަތުކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ސާމާނު އެމަނިކުފާނު ދެއްވާފައިވާ ކަމުގައި އެ ރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. 

އެ ރަށު ކައުންސިލުގެ ފަރާތުން "ދިޔަރެސް" ނޫހަށް މައުލޫމާތު ދެއްވި ކައުންސިލް މެންބަރު ނައުފަލް ޙަސަން ވިދާޅުވި ގޮތުގައި ގުރައިދޫ ރައްޔިތުން ދުޅަ ހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި، ކަސަރަތުކުރަން ބޭނުންކުރާނެ ޒަމާނީ ފެންވަރުގެ ޖިމެއް ޤާއިމުކޮށްދެއްވުމަކީ ރައްޔިތުން މަޖިލިހުގެ އިންތިޚާބުަގއި ޣައްސާން ވެވަޑައިގެންނެވި ވަޢުދެކެވެ. އަދި އެމަނިކުފާނު ހަދިޔާކުރެއްވި ސާމާނު މިވަގުތު އެ ރަށުގެ ޒުވާނުންގެ މަރުކަޒުގައި ތަރުތީބުކޮށްފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ގުރައިދޫ ކައުންސިލުން ބުނި ގޮތުގައި ޣައްސާން ފޯރުކޮށްދެއްވި ސާމާނާއެކީގައި ގުރައިދޫ ޒުވާނުންގެ މަރުކަޒުގައި ޤާއިމުކުރާ ޖިމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އެސެޓެކެވެ. އަދި ކައުންސިލުންވަނީ އެ ރަށުގެ ރައްޔިތުންގެ ނަމުގައި މެންބަރު ޣައްސާނަށް ޝުކުރުއަދާކުރައްވާފައެވެ. 

އަދި ވަރަށް އަވަހަށް ޖިމު ހުޅުވި ރައްޔިތުންނަށް އެ ޖިމުގައި ޤާއިމުކުރެވޭ ވަސީލަތްތައް ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައިވެސް އެ ރަށު ކައުންސިލުން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު