ސިޔާސީ ނަފުރަތުން މިނިވަންވުމަކީ ޤައުމު ކުރިއަށް ދިއުމަށް ބޭނުން ކަމެއް: ޝަރީފު

އިބްރާހިމް އާދަމް 1 އޮކްޓޯބަރު 2020 21:23
Flowers
ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު

ނަފުރަތާއި ރުޅިވެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުން މިނިވަންވުމަކީ ޤައުމު ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ. 

ޝަރީފު މިފަދައިން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި އޭނާ ވިދާޅުވީ މިހާރަށްވުރެ ރަނގަޅު މުސްތަޤުބަލަކަށް ޤައުމު ގެންދިއުމަށްޓަކައި، ނަފުރަތާއި ރުޅިވެރިކަމުގެ ސިޔާސަތުން މިންޖުވުމަކީ ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމުގައެވެ. މިފަދައިން ޝަރީފު ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުން މަސައްކަތްކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅު އިއްތިހާދުގެ ލީޑަރު ކަމުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ކިބައިން ބަދަލު ހިފުމަށެވެ. ޝަރީފުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ނަފުރަތުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތާއި ބަދަލު ހިފުމަށް އެދޭ އެދުމަކީ އިހުގައި ހަދާފައިވާ ގޯސްތަކަކަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތެއްގެ ކުލަ ވަރަށް ފަސޭހައިން ޖެއްސިދާނެ ކަމެއް ކަމުގައެވެ. އަދި ނަފުރަތާއި ރުޅިވެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތަށް ދިރުން ލިބެނީ ބަދަލު ހިފުމަށް އެދެވޭ އެދުމުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާއަކީ އެމްއެމްޕީއާރުސީ ފައިސާގައި ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވާ ބޭފުޅެކެވެ. އަދި ޝަރީފަކީ މަޖިލިހާއި މަޖިލިހުން ބޭރުގައިވެސް ރައީސް ނަޝީދަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްދުދެއްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޞާލިޙާއި ރައީސް ޞާލިޙުގެ ވަޒީރުންގެ ދިފާޢުގައި ޝަރީފު ވަރަށް ސާފުކޮށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކަވައެވެ. 

ޝަރީފު އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާއި އެއިރު ރާއްޖޭގައި ހިނގައިދިޔަ ގިނަ ޤަތުލުތަކާ ގުޅުވައިގެން ވާހަކަތައް ފެތުރި ޕާޓީއެއްކަން ފާހަގަކުރެވެއެވެ. 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު