ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އިސްތިއުފާދެއްވީ އަމީރުގެ ނުފޫޒާހުރެ ކަމަށް ޝިޔާމު ތުހުމަތުކުރައްވައިފި

ހަޔާ ޔޫސުފް 1 އޮކްޓޯބަރު 2020 18:27
Flowers
ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުގެ ރައީސް މަޤާމުން އިސްތިއުފާދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ ނުފޫޒާހުރެ ކަމުގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ. 

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަޤާމުގައި ހުންނެވި ޙަސަން ވަޙީދު އެ މަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އޭނާ އެ މަޤާމުން އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް ޕްރައިވަޓައިޒޭޝަން ބޯޑުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމުގައި ތުހުމަތުކޮށް އެ ބޯޑާ ގުޅޭ މައްސަލައެއް ރައްޔިތުން މަޖިލިހަށް މަޖިލިހުގެ މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވަނީ ހުށަހަޅުއްވާފައެވެ. 

މިއަދު ޙަސަން ވަޙީދު މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެމްޑީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައި ޢައްޔަންކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެބޭފުޅާ މަޤާމު ދޫކުރައްވައި އިސްތިއުފާދެއްވި ސަބަބު އެނގެން ޖެހޭ ކަމުގައެވެ. 

އަދި އޭގެ އިތުރަށް ޝިޔާމު ވިދާޅުވީ އެ ބޯޑަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަރަށް ބޮޑަށް ނުފޫޒު ފޯރުއްވާ ކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމުގައެވެ. މިފަދައިން ޝިޔާމު ވިދާޅުވެފައިވާއިރު، ޕްރައިވަޓައިޒޭޝަން ބޯޑާ ގުޅިގެން ބޮންޑެ ހުށަހެޅުއްވި މައްސަލާގައި އެ ބޯޑުން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ކޮށްފައިނުވާ ކަމުގައި ތުހުމަތުކުރައްވާފައިވެއެވެ. އަދި ކުންފުނިތަކުން މަސައްކަތްކުރަމުންދަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމުގައި އެ ބޯޑު އިހުމާލުވެފައިވާ ކަމަށްވެސް އޭނާވަނީ ތުހުމަތުކުރައްވާފައެވެ. 

މި މައްސަލާގައި މިހާތަނަށް ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަޤާމުން އިސްތިއުފާދެއްވި، ޙަސަން ވަހީދުގެ ބަހެއް ލިބޭ ގޮތްވަނީ ނުވެފައެވެ.  

ކިޔުންތެރިންގެ ހިޔާލު
ކިނބޫ
ތިވާނީ ހަމަ ތެދަކަށް