ކޮވިޑް-19އާ ގުޅިގެން 2.2 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި

އައިޝަތު ހަނާ 30 ސެޕްޓެމްބަރު 2020 10:34
Flowers
ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް 2.2 ބިލިއަން ރުފިޔާ ހޭދަކޮށްފިކަން ސަރުކާރުގެ ހިސާބުތަކުން ދައްކައިފިއެވެ. 

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ހޭދައިގެ ތަފުސީލު ކޮންމެ ހަފުތާއަކުވެސް ފިނޭންސް މިނިސްޓްރީން ހާމަކުރަމުންދެއެވެ. އެގޮތުން އެންމެ ފަހުން އެ ވުޒާރާއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19އާ ގުޅިގެން ޖުމްލަ 2،297 މިލިއަން ރުފިޔާ ނުވަތަ 2.29 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެއެވެ. 

މީގެ ތެރެއިން 1،284.1 މިލިއަން ރުފިޔާ ނުވަތަ 1.2 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރީ ޞިއްޙީ ޚިދުމަތްތަކަށެވެ. އަދި އޭގެ އިތުރަށް 1013.7 މިލިއަން ރުފިޔާ ނުވަތަ 1.013 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރީ ކޮވިޑް-19އާ ގުޅިގެން ކުރިމަތި އިޤުތިޞާދީ ހީނަރުކަމާ ގުޅިގެން އެކި ބާވަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. 

އިޤުތިޞާދީ އެހީތެރިކަމަށް ހޭދަކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ހޭދަކޮށްފައިވަނީ ލޯނުގެ ގޮތުގައެވެ. އެގޮތުން ވިޔަފާރިއާއި ޢާންމު ފަރުދުންނަށް އެހީތެރިވުމުގެ ގޮތުން ލޯނު ދެއްކުމުގައި ދިން ލުއިތަކާއި، އެކި މާލީ މުއައްސަސާތައް މެދުވެރިކޮށް ދޫކުރި ލޯނުގެ ގޮތުގައި 900 މިލިއަން ރުފިޔާ ހިމެނެއެވެ. 

އަދި އިޤުތިޞާދާ ބެހޭ ވުޒާރާއިންވަނީ 96.7 މިލިއަން ރުފިޔާ އާމްދަނީއަށް އަސަރުކުރި މީހުންނަށް ދޫކުރި އެހީގެ ގޮތުގައި މިހާތަނަށް ދޫކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު