ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

އައިޝަތު ހަނާ 29 ސެޕްޓެމްބަރު 2020 21:35
Flowers
ޅ.ނައިފަރު

ފާދިއްޕޮޅު (ޅ) އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ. 

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިއަދު އޮތް ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމަކަށް، ތިމާވެއްޓާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި މިއަދު ހިމާޔަތްކުރަން ނިންމި ސަރަހައްދުތަކަކީ ޅ.މާގަނދު ތިލައާއި ޅ.ދިއްފުށި މާދޫގެ މެދެމެދުގައި  ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ އުތުރުގައި އޮންނަ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި، ޅ.މާކޯއާއި ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅިއާއި ދަނޑިފަޅު ފިނޮޅު ސަރަހައްދާއި ޅ.ދަށުގިރި ފިނޮޅު ސަރަހައްދެވެ. 

މިއަދު ވަޒީރުންގެ މަޖިލިހުގައި މަޝްވަރާކުރުމަށްފަހު ހިމާޔަތްކުރަން ނިންމި މި ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ޞިފަތަކެއް ލިބިފައި ސަރަހައްދުތަކެއް ކަމުގައި ރައީސް އޮފީހުން ބުންޏެވެ. އަދި މިތަންތަން ހިމާޔަތްކުރަން ނިންމީ ޒަމާނުއްސުރެ އެއް ޖީލުން އަނެއް ޖީލަށް ވާރުވެފައިވާ މައުލޫމާތާއި، ހެދިފައިހުރި ދިރާސީ ރިޕޯޓުތަކާއި، މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢައްތަކާއި ތިމާވެށީ ދާއިރާގެ މާހިރުންނާއި ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. 

މީގެ ކުރިންވެސް ޤާނޫނުގެ ދަށުން ޅ އަތޮޅުގައި ދެ ސަރަހައްދެއް ހިމާޔަތްކޮށްފައި އޮންނަ ކަމަށާއި، އެގޮތުން 1995 ވަނަ އަހަރުގެ ސެޕްޓެންބަރު 27 ގައި ޅ.ފުށިފަރު ތިލަ ސަރަހައްދާއި، 1999 ވަނަ އަހަރުގެ އޮކްޓޯބަރު 21 ގައި ޅ ކުރެއްދޫ ަކނޑު އޮޅި ހިމާޔަތްކުރަން ނިންމާފައިވާ ކަމުގައިވެސް ސަރުކާރުން ބުނެފައިވެއެވެ. 

މި ސަރަހައްދުތައް ހިމާޔަތްކުރަން ހުށަހަޅާފައިވަނީ މިކަމާ ބެހޭ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްކާއި، މިނިސްޓްރީތަކާއި އިދާރާތަކުގެ އިތުރަށް އެކި ޞިނާޢަތްތަކުގައި ހިއްސާވާ ފަރާތްތަކާވެސް މަޝްވަރާކުރުމަށްފަހު ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރަހައްދުތައް ހިމާޔަތްކުރުމުގެ ކަންކަން ހަމަޖައްސާނީ ފާދިއްޕޮޅުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް ނޭޅޭނެ ގޮތަކަށެވެ. އަދި މިތަންތަން ހިމާޔަތްކުރުމުން އެކަމުގެ ފައިދާ އަންނަ އޮތް ޖީލުތަކަށް ލިބުމުގެ އިތުރަށް އައު ބާވަތްތަކުގެ ފަތުރުވެރިކަން ތަޢާރަފުކޮށް އިޤުތިޞާދީ ހަރަކާތްތަކަށް މަގުފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު