އިންޑިޔާ ސަފީރު އެޗްޑީސީ ޗެއާމަނާ ބައްދަލުކުރައްވައިފި

އައިޝަތު ހަނާ 29 ސެޕްޓެމްބަރު 2020 21:19
Flowers
އެޗްޑީސީގެ ޗެއާމަނާއި

އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޗެއާމަން މުޙައްމަދު ޖާއިޝް އިބްރާހީމާ މިއަދު ބައްދަލުކުރައްވައިފިއެވެ. 

އިންޑިޔާ ސަފީރު މި ފާއިތުވި ދުވަސްތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރެއްވުން ވަރަށް ބޮޑަށްވަނީ އިތުރުކުރައްވާފައެވެ. އެގޮތުން އިއްޔެ އޭނާވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވައި ސިވިލް ސާވިސް މުވައްޒަފުންގެ ތަމްރީނު އިންޑިޔާއިން ފުރިހަމަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިއަދު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުގެ ޗެއާމަނާ އިންޑިޔާ ސަފީރު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވަނީ އިންޑިޔާ ސަރުކާރާ ގުޅިގެން ހުޅުމާލޭގައި ހިންގިދާނެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ކަމުގައި އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ. 

މިވަގުތު އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލޭގެ ކަންކަން ބަލަހައްޓައި، ހުޅުމާލެ ތަރައްޤީކޮށް ބިނާކުރުމުގެ މަސައްކަތްކުރާ ކުންފުންޏެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ގުޅީފަޅާއި ތިލަފުށީގެ ކަންކަން ބެލެހެއްތޫމަށް އުފެއްދެވި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނި އެޗްޑީސީއާ އެއްކޮށްލައި، އެޗްޑީސީގެ ދަށަށް ގުޅީފަޅާއި ތިލަފުށި ތަރައްޤީގެ މަޝްރޫޢު ގެނައުމަށް މި ސަރުކާރުންވަނީ ނިންމާފައެވެ. 

ކުރީ ސަރުކާރުން ތިލަފުށީގައި އެޅުމަށް ނިންމި ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ސަބަބުން ގެދޮރު އެޅުމަށް އޮތް ޖާގަ ގެއްލޭނެ ކަމުގައާއި އެގޮތަށް ބަނދަރު ބަދަލުކުރުމުން އިތުރަށް ބަނދަރު ތަރައްޤީކުރުމަށް ދަތިވާނެ ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި އެގޮތަށް އެ މަޝްރޫޢު ބަދަލުކުރުމުގައި އެ މަޝްރޫޢަށް ފައިސާ ދޭން ނިންމާފައިވާ އިންޑިޔާގެ ނުފޫޒު އެކުލެވޭ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ވަރަބިދުނުކޮތަރު
މިފެންނަނީ އާއްމުރައްޔިތުން ދައްކާވާހަކަތައް ހަޤީގަތަކަށް ވާތަން ، މިގައުމު ތަރައްޤީކުރަންނުއުޅޭ . އިންޑިޔާތަރައްޤީކުރަން ދޭބަލަ . ވެރިކަން ހިމާޔަތް ކުރަން ގައުމު ވިއްކާލަނީ . ލަދު މިގުންޑާސަރުކާރަށް ވޯޓްލީބަޔަކަށް ގައުމަށް ވެވެނީގައްދާރު ،
ކިނބޫ
މިމީހާ އުޅެނީ މޮޔަވެގެންތަ!