އެފުރިކާއިން ޤާނޫނާ ޚިލާފަށް 89 ބިލިއަނަށްވުރެ ގިނަ ޑޮލަރު ކޮންމެ އަހަރަކު ބޭރުވޭ

ހަޔާ ޔޫސުފް 29 ސެޕްޓެމްބަރު 2020 16:01
Flowers
ޑޮލަރު

ކޮންމެ އަހަރެއްގެ މައްޗަށް ޤާނޫނާއި ޚިލާފަށް އެފުރިކާއިން 89 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭރުވާ ކަމުގައި އދގެ ދިރާސާއަކުން ދައްކައިފިއެވެ. 

މި ދިރާސާއިން ހާމަވި ގޮތުގައި ބޭރުވާ ފައިސާގެ ތެރޭގައި ޓެކްސް ހޭވަންތަކަށް ގެންދާ ފައިސާއައި ވައްކަމާއި ޚިޔާނާތުން ބޭރުވާ ފައިސާ ހިމެނެއެވެ. މިއީ އެފުރިކާގެ ތަރައްޤީއަށް އެހީގެ ގޮތުގައި ލިބޭ ޖުމްލަ ފައިސާއަށްވުރެ ގިނަ ޢަދަދެކެވެ. 

މި ޢަދަދު ހާމަކޮށްފައިވަނީ އދގެ ވިޔަފާރިއާއި ތަރައްޤީއާ ބެހޭ ޖަމްޢިއްޔާ (ޔޫއެންސީޓީއޭޑީ)އިން ތައްޔާރުކުރި ރިޕޯޓެއްގައި ހިމެނޭ އަދަދެކެވެ. މި ދިރާސާއަކީ އެފުރިކާއަށް ކުރިމަތިވެފައިވާ މާލީ ނިކަމެތިކަމާ ގުޅޭ ގޮތުން މިހާތަނަށް ތައްޔާރުކުރެވުނު އެންމެ ޝާމިލު އެއް ދިރާސާއެކެވެ. މި ހިސާބުތަކުން ފެންނަ ގޮތުގައި ޤާނޫނާ ޚިލާފު މުޢާމަލާތްތަކުގެ ތެރެއިން އެފުރިކާއިން ބޭރުވާ ފައިސާގެ ޢަދަދުދަނީ އިތުރުވަމުންނެވެ. އަދި މި ޢަދަދަކީ ކުރިން އަންދާޒާކުރި ގިނަ ހިސާބުތަކަށްވުރެ ބޮޑު އަދަދެކެވެ. 

މި ރިޕޯޓުގައި ޞިފަކޮށްފައިވާ ގޮތުން އެފުރިކާއަކީ މުޅި ދުނިޔެއަށް ސާފުކޮށް ދަރާފައިވާ ބައްރެކެވެ. އަދި އިޤުތިޞާދީ މާހިރުންގެ ނަޒަރުގައި ދުނިޔޭގެ އެހީގެ މައްޗަށް ބަރޯސާވެފައިވާ މި ބައްރަކީ ޙަޤީޤަތުގައި މުޅި ދުނިޔެއަށް ރައުސުލްމާލު ފޯރުކޮށްދޭ ބައްރެކެވެ. 

ޔޫއެންސީޓީއޭޑީގެ އަމީން ޢާންމު މޮޚިސާ ކިޓޮވީ ވިދާޅުވި ގޮތުގައި ޣައިރު ޤާނޫނީ މަގުތަކުން އެފުރިކާއިން ބޭރުވާ ފައިސާއަކީ އެ ބައްރާއި، އެފުރިކާގެ ރައްޔިތުންގެ ޤާބިލުކަމުން ކުރެވޭ ވައްކަމެކެވެ. އަދި އެކަމުގެ ސަބަބުން އެފުރިކާގެ މުއައްސަސާތަކާމެދު އޮންނަ އިތުބާރު ގެއްލި ދެފުށް ފެންނަ ސިޔާސަތު ނިކަމެތިވެގެންދާ ކަމުގައެވެ. 

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޣައިރު ޤާނޫނީ ގޮތުގައި އެފުރިކާއިން ބޭރުވާ 89 މިލިއަން ޑޮލަރުގެ ދެ ބައިކުޅަ އެއްބައަކީ އެ ބައްރުގެ ޠަބީޢީ ވަސީލަތްތައް ބޭރުކުރުމުގައި ނުއަގުގައި ބޭރުކުރާ ކުރުމުގެ ތެރެއިން ގެއްލިގެންދާ ފައިސާއެވެ. އެގޮތުން ޖަވާހިރާއި، ރަނާއި، އިތުރު ޠަބީޢީ ވަސީލަތްތަކުގެ ބޮޑު ނުއަގުގައެވެ. 

ޤައުމުތަކުން ޣައިރު ޤާނޫނީ އުޞޫލުތަކުން ފައިސާ ބޭރުކުރުމަކީ މިހާރު އދއިން އެ މައްސަލައަކަށް ވަރަށް ބޮޑަށް އިސްކަންދޭ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން 2018 ވަނަ އަހަރުގައި އދއިންވަނީ ޚާއްޞަ ޤަރާރެއް ފާސްކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު