އޮކްޓޯބަރު 15 ވަނަ ދުވަހު އަތޮޅު ތެރޭގެ ގެސްޓުހައުސް ހުޅުވަން ހުއްދަދެނީ

ޙުސައިން އަފްޝަން 29 ސެޕްޓެމްބަރު 2020 14:28
Flowers
އަންނަ މަހު 15 ވަނަ ދުވަހު ގެސްޓުހައުސްތައް

އޮކްޓޯބަރު މަހު 15 ވަނަ ދުވަހު އަތޮޅު ތެރޭގެ ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދިނުމަށް ނިންމާފައިވާ ކަމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

ރޭ ހެލްތް އިމަޖެންސި އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި އޮތް ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހު އަތޮޅު ތެރޭގެ ގެސްޓު ހައުސްތައް ހުޅުވަން ހުއްދަދޭން ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. މިގޮތަށް ހުއްދަ ދޭން ނިންމާފައިވަނީ ކޮވިޑް-19ގެ ޙާލަތު ރާއްޖޭގައި ރަނގަޅުވަމުން އަންނަ މަންޒަރު ފެންނާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ރާއްޖެތެރޭގެ ގެސްޓު ހައުސްތައް ހުޅުވުމަށް ހުއްދަދިން ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ނުދޭ ސަބަބެއް ކަމުގައި ރޭ ނޫސްވެރިން ބައްދަލުވުމުގައި ވާހަަކަދެއްކެވި ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ މާލެ ސަރަހައްދުން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވަމުދިއުން ކަމަަށެވެ. 

އައްސަދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ 86 ރަށެއްގައި 10،000 ގެސްޓުހައުސް ބެޑު ރަޖިސްޓަރީވެފައި އެބަހުރިއެވެ. އަދި އެ ގެސްޓު ހައުސްތަުގައި 6،000 މީހުންނަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރަމުންދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އެތަންތަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން، މިހާރު އެމީހުންނަށް އާމްދަނީ ލިބުން މެދުކެނޑިފައިވާ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އަދި ފާއިތުވި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 10 އިންސައްތަ ފަތުރުވެރިންނަކީ ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިން ކަމުގައި އައްސަދު ވިދާޅުވިއެވެ. އަދި ގެސްޓު ހައުސް ވިޔަފާރި މިވަގުތު ހުއްޓިފައި އޮތުމުގެ ސަބަބުން ރަށްރަށުގެ އެހެން ބައެއް ވިޔަފާރިތަކަށްވެސް ހުރަސްއެޅިފައިވާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

ރަށްރަށުގައި ހުންނަ ގެސްޓު ހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވައިލަން ހުއްދަދިން ނަމަވެސް ރަށެއްގައި ހުންނަ ގެސްޓު ހައުސްތައް ހުޅުވުމުގެ އެއްވެސް އިތިރާޒެއް ނެތް ކަމުގައި އެރަށެއްގެ ރަށު ކައުންސިލުން އަންގަންޖެހޭ ކަމުގައިވެސް އައްސަދު ވިދާޅުވިއެވެ. އަދި އެފަދައިން ގެސްޓުހައުސްތައް ހުޅުވުމުގެ ކުރިން ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާމެދު ހޭލުންތެރިކަން އުފެއްދުމާއި، ކަރަންޓީނަށް ޚާޞަ ކޮޓަރި ކަނޑައެޅިފައި ހުންނަންޖެހޭ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު