ރައީސް ޔާމީނަށް ދައުވާކުރަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ އަސްލު މުޖުރިމުން ހިމާޔަތްކުރަން: ޑރ.ޖަމީލް

ޙުސައިން އަފްޝަން 29 ސެޕްޓެމްބަރު 2020 13:51
Flowers
ރައީސް ޔާމީނާއި އެމަނިކުފާނުގެ ފުރަތަމަ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުވާއުފުލަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ބައިވެރިވި އަސްލު މުޖުރިމުން ހިމާޔަތްކުރުމަށް ކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. 

ޑރ.ޖަމީލުގެ ފޭސްބުކް ޞަފުޙާގައި ޝާއިޢުކުރެއްވި ސްޓޭޓަސްއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ނަފުރަތްތެރިކަމާއެކު ބަދަލު ހިފުމުގެ ރޫޙުގައި މަސައްކަތްކުރާ ސަރުކާރެއްގެ އަމާޒުފަތްގަނޑަކަށް ރައީސް ޔާމީން ހަދާފައިވާ ކަމުގައެވެ. އެކަމުގެ މައިގަނޑު ބޭނުމަކީ، އޭސީސީން 2017 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ހިމެނޭ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ބައިވެރިވި އަސްލު މުޖުރިމުން ސަލާމަތްކޮށް، ރައްކާތެރިކުރުން ކަމުގައެވެ. 

އޭގެ އިތުރަށް ޑރ.ޖަމީލު ވިދާޅުވީ މި ލިސްޓުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައްޔިތުން މަޖިލިހުގެ މެންބަރުން ހިމެނޭ ކަމުގައެވެ. އަދި ވެރިކަންކުރާ ޕާޓީއާއި ސަރުކާރުގެ މީހުންގެ ތެރެއިން މިޚިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ޙަޤީޤަތް އޮޅުވައިލުމަށް ރެއާއި ދުވާލުގައި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

އަދި ރައީސް ޔާމީނުގެ ވަކީލުންގެ މަސައްކަތަކީ މި ނިފާޤުކަމާއި، އޮޅުވައިލުން ރައްޔިތުންނަށް ކަޝްފުކޮށްދިނުން ކަމަށް ޖަމީލު ވިދާޅުވިއެވެ. ހަމައެހެންމެ، ރައީސް ޔާމީނާ ދެކޮޅަށް އެމަނިކުފާނަށް އަމާޒުކޮށްގެން އެމަނިކުފާނު ކުށެއްނެތި ކުށްވެރިއެެއްގެ ގޮތުގައި ދައްކަންކުރާ މަސައްކަތް ކަޝްފުކުރައްވަން މަސައްކަތްކުރައްވާނެ ކަމަށާއި، ރައީސް ޔާމީނާ ދެކޮޅަށް ހިންގި އެމަނިކުފާނާ ދެކޮޅަށް ބުރަވެފައިވާ ޝަރީޢަތުންވެސް އެމަނިކުފާނުގެ ކުށެއް ނެތްކަން ހާމަވި ކަމުގައި ޖަމީލު ފާހަގަކުރެއްވިއެވެ. 

އަދި މި ދަތިދަނޑިވަޅުން، ޕާޓީއެއްގެ ގޮތުގައާއި ފަރުދުންގެ ހައިސިއްޔަތުން އަރާވަޑައިގަންނަވާނީ، ކާމިޔާބު ހޯއްދަވައިގެން ކަމަށާއި، އަދި އެއަށްފަހު އެމްއެމްޕީއާރުސީ ޚިޔާނާތާއި ކޮވިޑް-19އާ ގުޅިގެން ހިންގާފައިވާ ޚިޔާނާތުގެ އަދުލުވެރި ތަހުގީގެއް ހިންގަވާނެ ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު