އިންޑިއާ ސަރުކާރުގެ ފުރައްސާރައިގެ ސަބަބުން އެމްނެސްޓީ އިން އިންޑިއާގައި މަސައްކަތްކުރުން ހުއްޓާލައިފި

ޙުސައިން އަފްޝަން 29 ސެޕްޓެމްބަރު 2020 11:43
Flowers

އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން، އިންޑިއާގައި އެ ޖަމިއްޔާއިން ކުރަމުން އައި މަސައްކަތްތައް ހުއްޓާލައިފިއެވެ.

އެމްނެސްޓީ އިން ބުނިގޮތުގައި އިންޑިއާގައި ކުރަމުން އައި މަސައްކަތް ހުއްޓާލަން ަޖެހުނީ އެކި ގޮތްގޮތަށް ކެނޑިނޭޅި އިންޑިއާ ސަރުކާރުން އެ ޖަމިއްޔާއަށް ފުރައްސާރައާއި ދުއްތުރާތައް ކުރަމުން އަންނާތީއެވެ. މިގޮތުން އިންޑިއާ ސަރުކާރުންވަނީ އެމްނެސްޓީގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށްފައެވެ. އޭގެ ސަބަބުން އެ ޖަމިއްޔާއަށް ވަނީ މުވައްޒަފުން ވަކިކުރަން މަޖުބޫރުވެ، އަދި ކުރަމުން އައި އެކިއެކި އެހެނިހެން މަސައްކަތްތައްވެސް ހުއްޓާލަން މަޖުބޫރުވެފައެވެ.

އެމްނެސްޓީ އިން ބުނެފައިވަނީ، އިންޑިއާ ސަރުކާރުން އެފަދަ އުނދަގޫތައް ކުރަމުން ދަނީ އިންޑިއާގެ ސަރުކާރުން ހިންގަމުންދާ އިންސާނިއްޔަތާއި ހިލާފު އެކިއެކި ޖަރީމާތަކާ ދެކޮޅަށް އެ ޖަމިއްޔާއިން ވާހަކަ ދައްކާތީކަމަށެވެ.

އިންޑިއާ އިން ޖައްމޫ އާއި ކަޝްމީރުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި، އެހެނިހެން ސްޓޭޓުތަކުގައިވެސް މުސްލިމުންނާއި ދެކޮޅާށް ހިންގާ އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި ދެކޮޅަށް އެމްނެސްޓީ އިން ވަނީ މީގެ ކުރިން އަޑު އުފުލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު