ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ހަޔާ ޔޫސުފް 29 ސެޕްޓެމްބަރު 2020 11:29
Flowers
ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ

ޝިޕިން އެޖެންޓުންގެ ކަންކަން އިންތިޒާމުކޮށް ރެގިއުލޭޓުކުރުމާ ގުޅޭ ޤަވާޢިދު އެކުލަވައިލުމަށްފަހު އެ ޤަވާޢިދު އުވައިލުމަށް ނިންމެވި ނިންމެވުމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

މިނިސްޓަރު ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ޔަޤީންކޮށްދީފައިވާއިރު، މި މައްސަލަ 70 މީހުންގެ ސޮޔާއެކު ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. 

މި މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަކޮށްފައިވަނީ ޝިޕިން އެޖެންސީތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޓްރާންސްޕޯޓު އޮތޯރިޓީން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ގެޒެޓުގައި ޢާންމުކުރި ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ޤަވާޢިދު ތަންފީޒުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެއްވެސް މަސައްކަތެއްކޮށްފައިނުވާ ކަމުގައެވެ. އަދި އެ ޤަވާޢިދު ތަންފީޒުނުކޮށްގެން ތަކުރާރުކޮށް މިނިސްޓްރީގައި އެ މައްސަލަ ޖެއްސި ކަމުގައިވެސް މި މައްސަލަ ހުށަހަޅުމަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. 

އަދި އެ ޤަވާޢިދު ތަންފީޒުކުރުމުގެ ބާރު އޮންނަނީ ޓްރާންސްޕޯޓު އޮތޯރިޓީ ނުވަތަ ކަނޑުގެ ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ ވުޒާރާއަށް ކަމުގައި އެ ޤަވާޢއިދުގައި ބުނެފައިވަނިކޮށް، އެ ޤަވާއިދު އުވައިލާ، ޝިޕިން އެޖެންސީތަކުން އެކި ނަންނަމުގައި ނަގަމުން އައި ފައިސާ އަލުން ނެގޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓްރީގެ އެތެރޭގެ މެމޯއކަުން ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އެންގެވީ ސީދާ މިނިސްޓަރުކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ. 

ހަމައެހެންމެ ޤަވާޢިދު ތަންފީޒނުކުރެވި ލަސްވުމާ ގުޅިގެން އެ ޤަވާޢިދު ތަންފީޒުކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުން މިނިސްޓްރީއަށް ތަކުރާރުކޮށް ދަންނަވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައިވެސް މި މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވެއެވެ. 

ޓްރާންސްޕޯޓު އޮތޯރިޓީގެ ޤާނޫނުގެ 14 ވަނަ މާއްދާއިން އެނގޭ ގޮތުގައި އެ ޤާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ޤަވާޢިދުތަކަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުން ހަދަންޖެހޭ ޤަވާޢިދުތަކެއްކަން އެނގޭ ކަމުގައި އެ ސިޓީގައި ފާހަގަކުރިއެވެ. އަދި އެއީ އެއިރެއްގައި މިނިސްޓަރު ކަމުގައި ހުންނަވާ ބޭފުޅަކު އެދިވަޑައިގަންނަވާ ގޮތަކަށް ކުރައްވަންވާނެ ކަމެއް ނޫން ކަމުގައިވެސް ބުނެފައިވެއެވެ. އަދި އެފަދަ ނިންމުންތައް ނިންމަންވާނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުން ފާސްކޮށްގެން ކަމުގައި ދެކޭ ކަމަށްވެސް ބުނެފައިވެއެވެ. 

ނަމަވެސް މި މައްސަލާގައި މިނިސްޓަރު އަމަލުކުރައްވާފައިވަނީ ބޯޑުގެ އެއްވެސް ބަހެއް ހޯއްދެވުމެއް ނެތި، އަދި ބޯޑުން ފާސްކުރުމެއްވެސް ނެތި ކަމުގައާއި، އެއީ މިނިސްޓަރުގެ މަޤާމު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވަން ކުރެއްވި ކަމެއް ކަމުގައި ދެކޭ ކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ވިހާ ކަތްދަ
ލާރިއަށް ކޮންމެ ކަމެއްވެސް ކޮށްފާނެ.. ދަރިންވެސް އަހަރު ދެކޮޅު ހޯދަފާނެ.. 2 ބޯޓް މުޅި ބަނދަރު ކޮންޓްރޯލް ކޮށްގެން އުލެނި// ވައިގެ މަގުން ގެންނަ މުދަލަކުން މިޖަރީމާ އެއް ނުހިންގޭ..