ކަޝްމީރާއި މެދު އިންޑިއާ ސަރުކާރުން އެޅި ފިޔަވަޅަށް އަނެއްކާވެސް ޝާހިދު ތާއީދު ކުރައްވައިފި

އަހްމަދު އަޒާން 26 ސެޕްޓެމްބަރު 2019 13:01
Flowers
ޚާރޖީ ވަޒީރު ޝާހިދު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި އެކު

މިދިޔަ އޯގަސްޓު މަސްތެރޭ އިންޑިއާ ސަރުކާރުން އެ ޤައުމުގެ ޤާނޫނު އަސާސީ އިން ކަޝްމީރަށް ދީފައިވާ ދާހިލީ މިނިވަންކަން ނިގުޅައިގަންނަން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަނެއްކާވެސް ތާއީދުކޮށް ވާހަކަދައްކަވައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަވައިގެން، އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން އެހެން ޤައުމުތަކުގެ ވަކިވަކި ކަންތައްތަކުގައި ބަސް ނުބުނާ ކަމަށާއި ދިވެހިރާއްޖެއިން ހުރިހާ ކަމެއްގައިވެސް ގެންގުޅެނީ އެއް އުސޫލެއް ކަމަށެވެ. އަދި އެހެންކަމުން ރާއްޖެއިން ދެކޭ ގޮތުގައި އިންޑިއާގެ ޤާނޫނު އަސާސީއަށް ބޭނުން ކޮންމެ ބަދަލެއް ގެނައުމުގެ ބާރާއި އިހުތިޔާރު އޮންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދާއި އިންޓަވިއު ކުރި އިންޑިއާގެ ނޫސްވެރިޔާވެސް ވަނީ، އިންޑިއާގެ ނިންމުމަށް ތާއީދުކޮށް އެންމެ ފުރަތަމަ ބަޔާނެއް ނެރުނު ޤައުމަކީ ދިވެހިރާއްޖެކަމަށް ބުނެފައެވެ.



އިންޑިއާގެ ޤާނޫނު އަސާސީއިން މީގެ ކުރިން ކަޝްމީރުގެ ދާހިލީ މިނިވަންކަން ކަށަވަރުކޮށްދީފައި ވެއެވެ. އަދި މުސްލިމުން ނޫން ބަޔަކަށް އެތަނުގައި ވަޒަންވެރިވެގެން އުޅުމުގެ ފުރުސަތުވެސް ނުލިބެއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ މިމާއްދާތަށް އުވާލައި ކަޝްމީރުގައ ކާފިއު އިއުލާންކޮށްފައެވެ. އަދި ކަޝްމީރުގެ ރައްޔިތުން ހިސާރުކޮށް މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އިންޑިއާގެ ސަރުކާރާއި ދެކޮޅަށް ދުވާލަކު 20 އަށްވުރެ ގިނަ މުޒާހަރާ ކަޝްމީރުގައި ކުރެއެވެ.

ކަޝްމީރު މައްސަލާގައި އިންޑިއާއިން ނިންމި ނިންމުމަށް ތާއީދުކޮށް އެންމެ ފުރަތަމަ ބަޔާން ނެރުނީ ދިވެހިރާއްޖެއިންނެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވިއެވެ. އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުވެސް ރާއްޖޭގެ ޚާރިޖީ ވަޒީރާއި ފޯނުން ވާހަކަ ދެއްކެވިއެވެ. ޝާހިދު ވަނީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރުގެ އަރިހުގައިވެސް، އެއީ އިންޑިއާގެ ދާހިލީކަމެއް ކަމަށާއި އިންޑިއާއިން އެޅި ފިޔަވަޅެއް ކަމަށް ދެކޭކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު
ސީމާ
ޙަޔާތް ކުޑަ މީހެ އް ތި ޝާހިދަކީ