Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޝާހިދަށް މުންދުގެ ސުވާލެއް: ޚާރިޖީ ސިޔާސަތުގެ ވިސްނުމާއި އިސްތިރާޖިއްޔާއަކީ ކޮބައިތޯ؟

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އަދި ރައީސް އޮފީހުގެ ކުރީގެ ވަޒީރު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ. މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން މުންދު ކުރައްވާފައިވާ ސުވާލަކީ ޝާހިދު ގެންގުޅުއްވާ ޚާރިޖީ ވިސްނުމާއި އިސްތިރާޖިއްޔާ ސާފުކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި ސުވާލެކެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ރާއްޖެ މިނިވަންވީ ދުވަހުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އައީ އެއްގޮތެއްގައި ހިފަހައްޓަމުން ކަމުގައެވެ. އެގޮތަށް އެކަން އޮތުމުގެ ސަބަބަކީ ދިވެހިރާއްޖެއަކީ މީސް މަދު، ނިސްބަތުން ކުޑަ އަދި އެހެން ޤައުމުތަކާ އަޅާބަލާއިރު ނިސްބަތުން އާރާއި ބާރު ހުރި ޤައުމަކަށް ނުވާތީ ކަމުގައެވެ. އެހެންކަމުން ރައީސް ނާޞިރާއި، ރައީސް މައުމޫނާއި، ރައީސް ވަޙީދާއި ރައީސް ޔާމީނުވެސް ގެންގުޅުއްވި ސިޔާސަތަކީ ރައްޔިތުންގެ އުންމީދުތައް ޙާޞިލުވާނެ ގޮތެއް ބަލައިގެން ސިޔާސަތު އެކަށައެޅުއްވުން ކަމުގައެވެ.
އަދި ރާއްޖެއިން ދުވަހަކުވެސް އެއްވެސް ޤައުމަކާ ޒާތީ ޙަސަދަވެރިކަމެއް އަދި ތަޢައްޞުބެއް ނުގެންގުޅޭ ކަމަށާއި، ހަމައެކަނި އިސްތިސްނާވާ ޤައުމަކީ އިސްރާއީލު ކަމުގައިވެސް މުންދު ވިދާޅުވިއެވެ. އެނޫން ހުރިހާ ޤައުމަކާވެސް ރަނގަޅު ގުޅުމެއް ބާއްވަމުން ގެންދިޔަ ކަމަށާއި، އެއީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ އެކަށީގެންވާ ގޮތް ކަމުގައިވެސް މުންދު ވިދާޅުވިއެވެ.
އޭގެ އިތުރަށް މުންދު ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީއެއް ލިބިފައިވާ ޤައުމަކަށް ރާއްޖޭ ވެފައިވީނަމަވެސް މިހާރު މި ސަރުކާރުން ކަންކުރަނީ ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމެއް ކަމުގައި ދޭހަވާ ގޮތަށް ކަމުގައެވެ.
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަކީ އެ ޤައުމުތަކަށް ލިބޭ އާމްދަނީއާއި އެ ޤައުމުތަކުގެ އުފެއްދުންތެރިކަމުން އެ ޤައުމުތަކުގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލުނުކޮށްދެވޭ ޤައުމުތައް ކަމުގައިވެސް މުންދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ލިސްޓަށް ހިޖުރަކުރި ޤައުމެއް ކަމުގައި ފާހަގަކުރައްވައި، އޭގެ މާނައަކީ ރާއްޖެއަށް ލިބޭ އާމްދަނީން ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ކަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ޤަބޫލުކޮށްފައިވާ ކަމުގައެވެ.
އެހެންނަމަވެސް މިހާރު ފެންނަނީ ޤައުމަކުން ކުޑަ އެހީތެރިކަމެއް ވެދިންނަމަވެސް އެއީ ބޮޑު ކާމިޔާބެއް ކަމުގައި ފާހަގަކުރާ މަންޒަރު ކަމުގައި މުންދު ވިދާޅުވިއެވެ. އެގޮތުން މިވެނި ޤައުމަކުން މިވެނި ވަރެއްގެ ބަޖެޓު ސަޕޯޓެއް، ހަނޑޫ ހަކުރު، ފިޔައި، އަލުވި ބިސް، ނުވިތާކަށް އޮރޭންޖުވެސް ދިއްކޮޅުން އެއި މޮޅެއްކަމުގައި ދެކިގެން އަތްޖަހާ ކަމަށް މުންދު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއަކީ ކާބަފައިންގެ ބުރަ މަސައްކަތުން އަމިއްލައަށް ފުދިގެން އުޅެވޭ ހިސާބަށް ގެނެސްފައިވާ ޤައުމެއް ކަމަށް މުންދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ