ދެކުނުގެ 6 ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުން 7 މީހަކު ހައްޔަރުކޮށްފި

މަރިޔަމް ހަސަން 25 ސެޕްޓެމްބަރު 2020 18:36
Flowers
ފުލުހުން ތަނެއް ބަލާ ފާސްކުރަނީ - ޕޮލިސް

ދެކުނުގެ ހަ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި، 7 މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫން ހުޅުމީދުއަށްދާ ފެރީއަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ހުޅުމީދީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ފެރީގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން މިމަހު 24 ވަނަ ދުވަހު ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އެ ރަށު ވަލުތެރޭގައި ބަނގުރާ ބޭނުންކުރަންތިބި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އެ މީހުން ތިބި ސަރަހައްދު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ފުޅި (5ލ) ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި އަންހެނަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ގައްދޫގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ގައްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅު ފެނިފައިވެއެވެ. މިމަހު 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި މިމަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމަހު 23 ވަނަ ދުވަހު އދ. ދަނގެތީގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އާންމު ފަރާތަކުން ދިން މައުލޫމާތަކަށް ދަނގެތި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 39 އަހަރުގެ މީހަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު
ދިސްވޭ
ރާއްޖޭގައި އެންމެ ގިނަ އަދަދަށް ޑްރަގް ގެންގުޅެ ޑްރަގް ޑީލް ކުރާ އަތޮޅަކީ އެއީ އައްޑު އަތޮޅޭ ރާއްޖޭގެ ޑްރަގްގެ ކިއްލާ އަކީ އަދި ޑްރަގް ފެކްޓަރީވެސް ހުންނަނީ އެއީ އައްޑޫގައޭ އެކަން ޕޮލިހަށް އެނގިހުރެ ޕޮލިހުން އެކަން ގަސްތުގައި މިވެރިކަމުން ނުބަލަނީއޭ އެކަން އެބަޖެހޭ ބަލަން އެކަން ނުބެލޭނަމަ އައްޑޫ އިން އެންމެން ބާލާ އެމެން މާލެ ސަރަހައްދުގެ ތިލަފުށި ހިއްކާ އެތަނަށް އަޅާލަންވީއޭ އެއީއޭ ދެން އެންމެ ރަނގަޅު ގޮތަކީ...