Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޔަޢުޤޫބުގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމަށް ހުށަހެޅި މައްސަލަ ސުޕްރީމްކޯޓުން ބަލައިގެންފި

ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އެ ކޯޓުން ބަލައިގަނެފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަސްޢަދު ޝަރީފެވެ. ދާންދޫ ދާއިރާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޔަޢުޤޫބު އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އެ މަޤާމުން ފަހުން އޭނާ އިސްތިއުފާދެއްވިއެވެ. ނަމަވެސް މަޤާމާ ހަވާލުވެވަޑައިގެން މަޤާމުގެ ފަތްކޮޅާވެސް ޔަޢުޤޫބު ހަވާލުވެވަޑައިގަތެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ "ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ އަންނަނި ވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ" ކަމުގައެވެ. އެ އަކުރުގައި މަޖިލިހުގެ މެންބަރުންނަށް އަދާކުރުން މަނާކޮށްފައިވާ ވަޒީފާތަކަކުގެ ތެރޭގައި ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އިތުރު ވަޒީފާ ހިމެނެއެވެ.
މި މާއްދާގެ މައްޗަށް ބިނާކޮށް "ދިޔަރެސް"އަށް މައުލޫމާތުދެއްވި ޤާނުނީ ވަކީލަކު ވިދާޅުވެފައިވަނީ ޔަޢުޤޫބުގެ ގޮނޑި ގެއްލިފައިވާ ކަމުގައެވެ. އެގޮތުން އޭނާ ވިދާޅުވީ އިއްޔެ ޔަޢުޤޫބު ހަވާލުވެވަޑައިގެންނެވި ވަޒީފާއަކީ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާ ކަމުގައެވެ. އެގޮތުން ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓަކީ ޗާޑާޓް އެކައުންޓެންޓުނގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުން މަޖިލިހުގެ މެންބަރު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ޙަވާލުވެވަޑައިގަތުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމުގައެވެ. އަދި އެ ހިސާބުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުޠުތައް ގެއްލޭނެ ކަމުގައިވެސް ވަކީލު ވިދާޅުވިއެވެ.
މި މައްސަލަ މިއަދު އަސްޢަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު ކުރީގެ ފަނޑިޔާރު ޙަލީމްވެސް ވަނީ މި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެކަން ކަނޑައެޅުމަކީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިޚުތިޞާޞުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ލިއުމާއި ގުޅޭ