އިންޑިޔާ ފެރީގެ މައުލޫމާތު ކައުންސިލަށް އަދި ޕޯޓަށްވެސް ލިބިފައި ނެތް: ކުޅުދުއްފުށީ ކައުންސިލް

ޙުސައިން އަފްޝަން 20 ސެޕްޓެމްބަރު 2020 17:13
Flowers
ކުޅުދުއްފުށި

އިންޑިޔާ ކޮޗިންއިން ކުޅުފުއްފުއްޓަށް ދަތުރުކުރަން ފަށާ ފެރީ ޚިދުމަތުގެ މައުލޫމާތު ސަރުކާރުން އެ ސިޓީގެ ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. 

މިއަދަކީ ކުޅުދުއްފުޓަށް އެ ފެރީގެ ފުރަތަމަ ދަތުރު އަންނަން ހަމަޖެހިފައިވާ ދުވަސް ކަމުގައި އިންޑިޔާ ނޫސްތަކުން ބުނެފައިވެއެވެ. 

އެ ކައުންސިލުގެ ރައީސް ޢަބްދުއް ލަޠީފު ޙަސަން މިއަދު "ސަން" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ސިޓީއަށް އިންޑިޔާ ކާގޯ ފެރީގެ ދަތުރުތައް ކުރަން ނިންމާފައިވަނީ އެ ކައުންސިލާ މަޝްވަރާނުކޮށް ކަމުގައެވެ. އަދި އެ ނިންމުން ނިންމުމަށްފަހުގައިވެސް ރަސްމީކޮށް އަންގާފައިނުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އަދި އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަށް އެ މައުލޫމާތު ލިބިފައިވަނީ މީޑިޔާތުކުންނެވެ. ރަސްމީކޮށް އެއްވެސް ސިފައެއްގައި ފެރީއާ ބެހޭ މައުލޫމާތެއް ކައުންސިލަށް ލިބިފައިނުވާ ކަމުގައިވެސް ލަޠީފު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ފެރީއާ ގުޅިގެން ރައްޔިތުންވެސް ކައުންސިލާ ސުވާލުތައް ކުރިމަތިކުރަމުން އަންނަ ކަމށާއި އެ ސުވާލުތަކަށް ޖަވާބު ދެވެން ނެތް ކަމުގައި ވިދާޅުވިއެވެ. އެ ޖަވާބު ނުދެއްވެނީ އެ މައުލޫމާތު ލިބިވަޑައިގެންފައިނުވާތީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އޭގެ އިތުރަށް ލަޠީފު ފާހަގަކުރެއްވި ގޮތުގައި ފެރީގެ ޚިދުމަތް ރަނގަޅު ގޮތުގައި ދެވޭނެ ރަށު ކައުންސިލާއި ރައްޔިތުންގެ އިތުރަށް ރަށުގެ ކަމާ ބެހޭ މުއައްސަސާތަކަށް ޞައްޙަ މައުލޫމާތު ލިބިގެން ކަމުގައެވެ. ނަމަވެސް ރަށުގެ ކަމާ ބެހޭ މުއައްސަސާތަކަށްވެސް އެ ފެރީއާ ގުޅޭ މައުލޫމާތު ލިބިފައިނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑު ޕޯޓުގެ ބޭފުޅުންނާވެސް ވާހަކަ ދެއްކިން. އެބޭފުޅުންނަށްވެސް ނޭނގެ އޭގެ މައުލޫމާތެއް. ކަމިޔާބުކަމާއެކު އެކަން ގެންދެވޭނީ ކަމާ ގުޅުންހުރި މައުލޫމާތު ދީގެން،" ސަން ނޫހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ. 

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ކޮޗިން ފެރީއަކީ މަހަކު ދެފަހަރު ދަތުރުކުރާ ފެރީއެކެވެ. ކުޅުދުއްފުށީގެ އިތުރަށް މާލެއަށްވެސް އެ ފެރީ ދަތުރުކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ކިނބޫ
ޕޯޓު ހިންގަނީ ކައުންސިލުންހެއްޔޭ އަހާބަލަ ރީނދޫސް.
އަނަސް
ލަވް ހައު ޔު ޓަރައި ޓު ބީ ރެލެވެންޓް ކުޅުދުއްފުށީ ކައުންސިލް އޭކޭއޭ ޖާބިރު.
އިންޑިޔާ އައުޓް
ދެން އަތްޖަހަގަ. ކޮނޑުހުޅުން ނެއްޓެންދެން. ހިތުންމޮޅުތަކެއްވާނެކަމަށްދޯ ރައީސްޔާމީންއާ ދެކޮޅަށްވޯޓްދިނީ. ތަރައްގީވެސްނުވި 10އަހަރު ފަހަތަށް މިގައުމުދިޔައީ. ފެރީއަންނަންވާއިރަށް އަވަހަށް ހާލުފޮޅި ޝިޕްމެންޓެއް ރެޑީކުރޭ. އިންޑިޔާއައުޓް.