ވަޒީފާގެ އޮނިގަނޑުން މަހުރޫމުވެފައިވާތީ ޞިއްޙީ ޚިދުމަތްތެރިން ހިމޭން އިހުތިޖާޖެއް ކޮށްފި

ހަޔާ ޔޫސުފް 20 ސެޕްޓެމްބަރު 2020 14:04
Flowers
ޞިއްޙީ ޚިދުމަތްތެރިން ކުރަމުންދާ ހިމޭން އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: ޓުވިޓާ

ވަޒީފާގެ އޮނިގަނޑުން އެފަރާތްތައް މަހުރޫމުވެފައިވާތީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިން ހިމޭންކަމާއެކު "ބްލެކް ރިބަން"ގެ ނަމުގައި މިއަދު އިހުތިޖާޖެއް ބާއްވައިފިއެވެ. 

މި އިހުތިޖާޖުގައި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޚިދުމަތްތެރިން ބައިވެރިވިއެވެ. މި އިހުތިޖާޖާ ގުޅިގެން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ބުނެފައިވަނީ މި އިހުތިޖާޖަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރިންގެ އެންމެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ކުރިއެރުން ކަށަވަރުކޮށްދޭނެ ވަޒީފާގެ އޮނިގަނޑެއް ނެތުމުން ފަށާފައިވާ އިހުތިޖާޖެއް ކަމުގައެވެ. އަދި އެ ޔޫނިއަނުން ކުރި ޓުވީތުގައި ބުނެފައިވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ޝަރަފެއް ކަމުގައެވެ. ނަމަވެސް ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތް ބަޔާންކުރާނެ ވަޒީފާގެ އޮނިގަނޑެއް ނެތުމުން ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ނޭދެވޭ ނުރަނގަޅު އަސަރުކުރާ ކަމުގައިވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ. 

މި އިހުތިޖާޖުގައި ބައިވެރިވާ ގިނަ ޢަދަދެއްގެ ޞިއްޙީ މަސައްކަތްތެރިންވަނީ މީސްމީޑިޔާގައި އެމީހުންގެ އިހުސާސްތަކާއި ޝުޢޫރުތައް ހިއްސާކޮށްފައެވެ. އެމީހުން ފާހަގަކުރި ގޮތުގައި އޮނިގަނޑެއްގެ މައްޗަށް ބިނާވެފައިވާ ކެރިއާއެއް ލިބުމަކީ ކޮންމެ މީހެއްގެ އަސާސީ ޙައްޤެކެވެ. 

މި އިހުތިޖާޖުކުރުމުގެ ގޮތުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް މިއަދު ވަޒީފާއަށް ގޮސްފައިވަނީ އަތުގައި ކަޅު ކުލައިގެ ރިބަނެއް އައްސައިގެންނެވެ. މި އިހުތިޖާޖުގެ ބައިވެރިން ބުނަމުންދަނީ އެމީހުން ރައްޔިތުންނަށް ޚިދުމަތްކުރަނީ ޝަރަފާއި ފަޚުރާއެކު ކަމުގައެވެ. ނަމަވެސް ވަޒީފާގެ ކުރިއެރުމާއި އެކަށީގެންވާ އަބުރުވެރި ދިރިއުޅުމެއް ލިބުމުގެ ޙައްޤުން އެމީހުން މަހުރޫމުވެފައިވާ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
ކިނބޫ
މާދަމާ ޑިމޯޝަން ކުރެވޭނެ. މިބައިގަނޑަށް ވޯަޓު ދިން އެންމެނަށް މަރުހަބާ އާއި ތަހުނިޔާ!