އުސޫލާ އެއްގޮތް ތަންތަން ބެލުމަށް އެޗްޕީއޭއިން އިންސްޕެކްޝަނެއް ހިންގަނީ

މަރިޔަމް ހަސަން 18 ސެޕްޓެމްބަރު 2020 15:49
Flowers
ކެފޭ އަކަށް ވަންނަ މީހަކު ހުން ބަލަނީ - މިހާރު

އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އުސޫލާ އެއްގޮތް ހިންގާ ތަންތަން ބެލުމަށް އަނެއްކާވެސް މާސް އިންސްޕެކްޝަނެއް ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެ އެޖެންސީން އާއްމު ކޮށްފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް އަމަލު ކުރަމުންގެންދޭތޯ ބެލުމަށްޓަކައި، އެއެޖެންސީ އާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން މިމަހު 20 އިން ފެށިގެން ގްރޭޓާ މާލޭ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ މާސް އިންސްޕެކްޝަނެއް ކަމަށެވެ.

އެގޮތުން ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން އިންސްޕެކްޓް ކުރަނީ ރެންޑަމްކޮށް ކަމަށް އެ އެޖެންސީން ބުނެއެވެ.  

މި އިންސްޕެކްޝަންގައި އުސޫލުތަކާ ހިލާފަށް އާއްމު ހިދުމަތްދޭކަން ފާހަގަ ކުރެވޭތަންތަނާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން އުސޫލާއި ހިލާފަށް ތަނުގައި ހިދުމަތްދޭނަމަ ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދު ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ތިން ވަނަ ފަހަރު، ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 5 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު