އިންޑިއާގައި ކޮވިޑު-19 ގެ ހާލަތު އިތުރަށް ގޯސް ވަނީ

މަރިޔަމް ލީނާ 17 ސެޕްޓެމްބަރު 2020 11:33
Flowers

އިންޑިއާގައި ބުދަ ދުވަހު 98،000 މީހުންނަށް ކޮވިޑު-19 ޖެހިއްޖެއެވެ.

އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައިި 98،000 މީހުންނަށް ބުދަ ދުވަހު ކޮވިޑު-19 ޖެހިފައިވާއިރު 1140 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. އިންޑިއާގެ ކަމާބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސް ތަކުގައި ކޮވިޑު-19 އަށް ޕޮޒިޓިވް ވާ މީހުން ގިނަވެ އެ ބަލީގައި މަރުވާ މީހުންވެސް ވަރަށް ގިނަ ވާނެއެވެ. 

އެހެން ނަމަވެސް އިންޑިއާގެ މައި ސަރުކާރުންނާއި ސްޓޭޓު ތަކުގެ ސަރުކާރުތަކުން ދަނީ ކޮވިޑު-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، އެ ޤައުމުގެ އިޤްތިސާދު ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. އޭޑީބީ އިން ލަފާކޮށްފައިވާ ގޮތުގައި އިންޑިއާގެ އިޤްތިސާދު މިއަހަރު 10 އިންސައްތައިން ކުޑަވާނެއެވެ. 

އަލުން ހުޅުވާލަން މަސައްކަތް ކުރިނަމަވެސް އިންޑިއާގައި ކޮވިޑު-19 ކޭސްތައް އިތުރުވަމުން ދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. މިގޮތުން ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނުފެންނަ ވަރަށް ކޮންމެ ދުވަހަކުވެސް އިންޑިއާގައި ކޮވިޑު-19 ކޭސްތައް ފެންނަމުން ދެއެވެ. މިވަގުތު އެމެރިކާއަށްފަހު އެންމެ ގިނަ މީހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައި ތިބީވެސް އިންޑިއާގައެވެ. 

މިހާތަނަށް އިންޑިއާގައި 5.1 މިލިއަން މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 82،000 މީހުން ވަނީ މަރުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު