ބަޙުރައިނާއި އެމިރޭޓްސްގެ ޑީލުތަކަށްފަހު އިސްރާއީލުން ޣައްޒާއަށް ބޮން އަޅައިފި

އައިޝަތު ހަނާ 17 ސެޕްޓެމްބަރު 2020 09:46
Flowers
ޣައްޒާއަށް ބޮން އަޅަނީ

ޣައްޒާގެ ބޯޑަރު ހުރަސްކޮށް އިސްރާއީލު ތެރެއަށް ރޮކެޓު ހަމަލާތަކެއް ދީފައިވާ ކަމުގައި ބުނެ، އިސްރާއީލުން ޣައްޒާއަށް ބޮން އަޅައިފިއެވެ. 

ވައިގެ މަގުން އިސްރާއީލުން ދިން ހަމަލާތައް ދިނީ، އިސްރާއީލާއި އެކުވެރި ޢަރަބި އިމާރާތާއި ބަޙުރައިނުގެ މެދުގައި ޠަބީޢީ ސިޔާސީ ގުޅުން ޤާއިމުކުރުމަށް ނިންމުމާ ގުޅިގެން ޣައްޒާއިން ރޮކެޓު ހަމަލާތަކެއް އިސްރާއީލު ތެރެއަށް ފޮނުވާފައިވާ ކަމުގައި ބުނެއެވެ. 

ފަލަސްޠީނުގެ ރަސްމީ ނޫސް އެޖެންސީ ކަމުގައިވާ ވަފާ ނޫހުން ބުނި ގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައްވަނީ ޣައްޒާގެ އުތުރުގައި އޮންނަ ބެއިތު ލަޙިޔާއަށް މިސައިލު ހަމަލާތައް އަމާޒުކޮށްފައެވެ. އަދި ޣައްޒާގެ މެދުގައި އޮންނަ ދައިރު އަލްބަލަޙަށްވެސް އިސްރާއީލުގެ މަތިންދާބޯޓުތަކުން ހަމަލާދީފައިވާ ކަމަށް އެ ނޫހުން ބުނެއެވެ. މި ހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކު މަރުވެފައިނުވާ ކަމުގައިވެސް އެ ނޫހުން ރިޕޯޓުކުރެއެވެ. 

އިސްރާއީލުގެ ޢަސްކަރިއްޔާއިން ބުނި ގޮތުގައި ބުދަދުވަހުގެ ހެނދުނާ ހަމައަށް އިސްރާއީލު ތެރެއަށް 15 ރޮކެޓު ފޮނުވާފައިވެއެވެ. އަދި އެ ހަމަލާތަކުގައި ދެ މީހަކަށް އަނިޔާވި ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ. 

ޣައްޒާގައި ވެރިކަންކުރާ ޙަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދޭ ޢުދުވާނުތަކަށް އެ ޖަމާޢަތުން ސީދާ ރައްދު ދޭނެ ކަމުގައެވެ. އަދި ރައްދު ދިނުމުގައި އިސްރާއީލުން ޢުދުވާނީ ހަމަލާތައް ދޭ މިންވަރަކަށް ބަލައި އެ މިންވަރަކަށް ރައްދު ފުޅާކުރާނެ ކަމުގައިވެސް ޙަމާސްއިން ބުންޏެވެ. 

ބުދަދުވަހު އިސްރާއީލުގެ ޢަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގައި ހަމަލާދިނީ ޙަމާސަށް ނިސްބަތްވާ 10 އަމާޒަކަށް ކަމުގައެވެ. 

އިސްރާއީލުންވަނީ 2008 ވަނަ އަހަރުގެ ފަހުން 4 ހަނގުރާމައެއް ޣައްޒާއާ ދެކޮޅަށް ހިންގާފައެވެ. އަދި ޣައްޒާއަކީ 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ޙިޞާރުކޮށް ބަންދުކޮށްފައި އޮންނަ ތަނެކެވެ. 

ކިޔުންތެރިންގެ ހިޔާލު