ރިޔާސީ އިންތިޚާބު ކާމިޔާބުނުވެދާނެތީ މަކަރުން ބަރުލަމާނީއަށް ބަދަލުކޮށްފާނެ: އާދަމް ޝަރީފު

އައިޝަތު ހަނާ 16 ސެޕްޓެމްބަރު 2020 20:49
Flowers
ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުނުވެދާނެތީ މަކަރު ހަދައިގެން ދައުރުގެ ފަހުކޮޅުގައި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށްފާނެ ކަމުގައި އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސްގެ މަޤާމަށް އަލުން ކުރިމަތިލެއްވުމަށް އެދިވަޑައިނުގަންނަވާ ކަމުގައި މިއަދު އާންމުކުރި އެމްޑީޕީގެ ޚަބަރު ސިޓީގައި ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރަށް ލިބުމާ އެންމެ ގާތް ގޮތް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 



ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓުގައި އާދަމް ޝަރީފު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުނުކުރެއްވޭނެކަން އެނގޭނެ ކަމުގައެވެ. އެހެންކަމުން އެ އިންތިޚާބު ނުބާއްވައި މި ދައުރުގެ ފަހުކޮޅުގައި މަޖިލިހުގެ ސުޕާ މެޖޯރިޓީއާއި ބޭރުގެ ނުފޫޒާއެކު ބަރުލަމާނީއަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަކަރެއް ހެދުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. 

އަދި މި ހިންތާ ނުވަތަ މަކަރު ހެދުމަށް ކުރާނެ ކަންކަމާ ގުޅޭ ގޮތުންވެސް އާދަމް ޝަރީފު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި އިންތިޚާބު އޮޅުވައިލުމަށް މަކަރުވެރި ގޮތުގައި، މުޅިން ޤާނޫނު އަސާސީއާ ޚިލާފު ކަންކަން ކޮށްފާނެ ކަމަށެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ޖެހިގެން އައި 2019 ވަނަ އަހަރުގެ ޢާންމު އިންތިޚާބުގައިވެސް ރައީސް މުޙައްމަދު ނަޝީދުވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅައިލުމަށް ބޭނުންފުޅުވާ ކަމުގައި ސާފުކޮށް ވިދާޅުވެފައެވެ. ރައީސް ޞާލިޙުގެ އަރިސް ބައެއް ބޭފުޅުން މީޑިޔާތަކަށް މައުލޫމާތު ދެއްވާފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ޞާލިޙުގެ ޝައުޤުވެރިކަމެއް ނެތް ކަމަށެވެ. 

ރައީސް ޞާލިޙު އަރިހުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ އެމަނިކުފާނު މާ ދައްކަވާ ހިތްޕުޅުވާ ވާހަކައެއް ނޫން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު
Abdul Latheef
ރައީސް ޞާލިޙުގެ އަރިސް ބައެއް ބޭފުޅުން މީޑިޔާތަކަށް މައުލޫމާތު ދެއްވާފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ޞާލިޙުގެ ޝައުޤުވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ބަރުލަމާނީ އަކަށް ހިގައިދާނެކަން ޔަގީނެވެ. މިވެސް ވަރަށް މަކަރުވެރި އިންސާނެއް. އެހެން ވީމަ ހަމަ ކޮންމެ ގޮތެއްވެސް ފަހުވަގުތު ނިއްމަފާނެކަން ޔަގީން. ނޫސްވެރިން ކުރި ސުވާލަށް ދެއްވި ޖަވާބުންވެސް މަށަށް ޔަގީން ބަރުލަމާނީ އަށް ތާއީދު ނުކުރާގޮތަކަށް ނޫންކަން އެހެރީ. ސީދާ ސާފުބަހުން ޖަވާބު ނުދެނީ މިކަހަލަ މަކަރެއް ހަދަން ޖެހިދާނެތީ.