މޭޔަރު ކަމަށް ހޮވިއްޖެނަމަ ފްލެޓު ގެއްލުނު ފަރާތްތަކަށް އަލުން ފްލެޓު ހޯދާ ދޭނަން: މުއިއްޒު

މަރިޔަމް ލީނާ 11 ސެޕްޓެމްބަރު 2020 13:35
Flowers
ޑރ.މުއިއްޒު

މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ފްލެޓު ގެއްލުނު ފަރާތްތަކަށް ފްލެޓު އަނބުރާ ހޯދާ ދެއްވާނެ ކަމަށް މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާ މެދުވެރިކޮށް މުއިއްޒު ބޭއްވި "އާސްކް" މުއިއްޒު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ފްލެޓު ދޭނެ ކަމުގެ ޔަޤީނކަން ދީފައިވާ އެއްވެސް ރައްޔިތަކު މަގުމަތި ނުކުރެވޭނެކަމަށެވެ. އަދި އެ ބޭފުޅާ މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ފްލެޓު ގެއްލުނު ފަރާތްތަކަށް ފްލެޓު ހޯދައިދެއްވާނެ ކަމަށާއި އެކަން ކުރަންވީ ގޮތް އެނގިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

"ސަރުކާރާ ގުޅިގެން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރާނެ ގޮތް އަޅުގަނޑަށް އެބަ އިނގޭ. އެހެންވީމަ މިކަންކަމަށް ފަންޑިން ހޯދާނެ ގޮތާއި މިކަންކަން އަޅުގަނޑަށް އެނގޭ." މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މާލެ ސަރަހައްދުން ގޯތި ދޫކުރުންކަން ޤަބޫލު ކުރައްވާކަމަށެވެ. އަދި ކުރީ ސަރުކާރުގައި އެ އެކަމަށް ގިނަ މަސައްކަތްތައް ކުރަން ރޭވި ކަމަށާއި އެގޮތުން ގުޅިފަޅާއި، ފުށިދިއްގަރު ފަޅު ހިއްކައިގެން ގޯތި ދޫކުރަން ނިންމި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މޭޔަރު ކަމަށް ހޮވިވަޑައިގެންފިނަމަ އެ ފުރުސަތު ހޯދައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

"ފުށިދިއްގަރު ފަޅު ހިއްކަން ޖެހޭނެ. އެތަނުގެ އޭރުގެ ޕްލޭނަކީ 600 އަށް ވުރެ ބޮޑު ހެކްޓަރުގެ ބިމެއްގައި 20،000 ގޯތި ކަނޑައަޅާފައި އޮންނާނީ. ގޯތި ދިނުމަކީ ކުރަންޖެހޭ ކަމެއް." މުއިއްޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި ރޭވި ގޮތާއި ހިލާފަށް މި ސަރުކާރުން ވަނީ ގުޅިފަޅުގައި ބަނދަރު އަޅަން ނިންމާފައެވެ. އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވިޔަފާރި ބަނދަރެއް ހަދަން ނިންމުމަކީ ބޭކާރު ހަރަދެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށްފާނެ ކަމަށެވެ. އަދި އިޤްތިސާދީ ގޮތުން އެއްވެސް ފައިދާއެއް އެކަމުން ނުލިބޭނެ ކަމަށާއި، މިސަރުކާރުގެ ބޭނުމަކީ ކުރީ ސަރުކާރުގެ މަސައްކަތްތަކުގައި އަގެއް ނެތް ކަމަށް ދެއްކުނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ސިޔާސަތެއް ނެތް ކަން ސަރުކާރަށް ތާއީދުކުރާ މީހުންވެސް މިހާރު ޤަބޫލު ކުރާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢާނިސާ
ބޭނުންވަނީ އެންމެ ކަމެއް، ދަރުބާރުގެއާއި ކުޑަކުދިންގެ ބަގީޗާ ދެމެދު އޮންނަ މަގު ސްޓެލްކޯ ގެ އަތްދަށުނުވެ ރައްޔިތުންނަށް ލިބުން. މުޅި ހިސާބުގަނޑުގެ މަގުތައް ހިސޯރުކޮށްގެން ވެސް ކަރަންޓުގެ ޚަރަދު ކުޑަނުކުރެވޭ. ސްޓެލްކޯއިން މަގުތައް ހިސޯރުކުރުން ނިމުމަކަށް ގެނައުން ވަރަށް މުހިންމު