Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

"މާލެއަށް ކަރަންޓު ކަށަވަރުކޮށްދޭން ރައީސް ޔާމީން ފެއްޓެވި މަސައްކަތް ލަސްވީ މި ސަރުކާރުގެ ސަބަބުން"

މާލޭ ރައްޔިތުންނަށް ކަރަންޓުގެ ސަލާމަތް ކަށަވަރުކޮށްދިނުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ފަރުމާކުރައްވައި ފެއްޓެވި މަޝްރޫޢު ލަސްވެގެން ގޮސްފައިވަނީ މި ސަރުކާރުގެ ސަބަބުން ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ، ޕީޕީއެމްގެ ނައިބުލީޑަރު ޑރ.މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބުރިޖުގެ އަރިމަތިން ކޭބަލް އަޅައިގެން ހުޅުމާލެއާއި މާލޭގެ ކަރަންޓު ގުޅުވައިލުމަށް ރައީސް ޔާމީން ވެރިކަމުގައި ފެއްޓެވި މަސައްކަތުގެ ފަހު މަރުހަލާގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ކުރެއްވި ޓުވީޓުގައި ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ މާލެ ރައްޔިތުންނަށް ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ބުރިޖާއި ހުޅުމާލޭގައި ޤާއިމުކުރެއްވި ޕަވާ ސްޓޭޝަނަށް ބޭނުންވާ އެންމެ ފަހު ބޮޅަކީ މާލެ ހުޅުމާލެ ގުޅުވައިލުމަށް ކޭބަލް އެޅުން ކަމުގައެވެ.


އަދި ހުޅުމާލެއާއި މާލެ ކަރަންޓުގެ ވިއުގައަކުން ގުޅުވައިލެއްވުމަކީ ރައީސް ޔާމީނުގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ކަރަންޓުގެ ސަލާމަތް ކަށަވަރުކޮށްދެއްވުމަށް ފެއްޓެވި މަސައްކަތެއް ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މި ޓުވީޓާ ގުޅިގެން އިތުރު މައުލޫމާތު "ދިޔަރެސް"އަށް ދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުގައި ރައީސް ޔާމީންގެ ވިސްނުންފުޅަކީ އެއްވެސް ކަމެއް މެދުވެރިވެގެން މާލެއިން ކަރަންޓު ހިނގައްޖެ ޙާލަތެއްގައި މާލެއަށް ކަރަންޓު ލިބޭނެ ގޮތެއް އިންތިޒާމުކުރެއްވުން ކަމުގައެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވުމުން މިމަސައްކަތް އޮތީ ވަރަށް ބޮޑަށް ލަސްވެފައި ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ، ބުރިޖު ހުޅުވި މަހުން ފެށިގެން 6 މަހެއްހައި ދުވަސްތެރޭގައި މި މަޝްރޫޢު ފުރިހަމަކުރެއްވީސް ކަމުގައި ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި މިހާރު މާލޭގައި ބިނާކުރަމުންދާ ފަސް ބުރީގެ ސްޓެލްކޯ ޢިމާރާތަކީވެސް ރައީސް ޔާމީނުގެ މި މަޝްރޫޢުގެ ބައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި ސަރުކާރުގެ ލަސް ދުވެލީގެ ސަބަބުން ބުރިޖު ހުޅުވި 2 އަހަރު ފާއިތުވެގެންދިޔައިރު ކޭބަލް އެޅުމުގެ މަސައްކަތް ނުފެށި އޮތީ ކަމުގައިވެސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ