Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޯޓު އަމުރުގެ އިސްތިއުނާފު 7 ދުވަހުން ނިންމަން ޖެހޭ ގޮތަށް ފާސްކޮށްފި

ދަށު ކޯޓުތަކުން ނެރޭ އަމުރާއި ޝަރީޢަތް ނިންމުމުގެ ކުރިން ކޯޓުން ނިންމާ ނިންމުންތައް މަތީ ކޯޓެއްގައި އިސްތިއުނާފުކޮށްފިނަމަ، އިސްތިއުނާފުކުރާ ތާރީޚުން ފެށިގެނ 7 ދުވަހުގެ ތެރޭގައި އިސްތިއުނާފު މައްސަލަ ބަލައި ނިންމަންޖެހޭ ގޮތަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނު އިސްލާހުކޮށްފިއެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު މިއަދު ރައްޔިތުން މަޖިލިހުން ފާސްކޮށްފައިވަނީ 59 މެންބަރުންގެ ވޯޓުންނެވެ.
މިއަދު ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ކޯޓުން ނިންމާ ނިންމުމެއް ނުވަތަ ނެރޭ އަމުރެއް އިސްތިއުނާފުކުރާ މުއްދަތުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންވާނެ ކަމުގައެވެ. މިހާރު އެފަދަ މައްސަލައެއް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ނިންމަންޖެހޭ ވަކި ޚާއްޞަ މުހުލަތެއް ކަނޑައަޅާފައި ނޯވެއެވެ.
އެހެންވެ މިހާރު މިގޮތަށް އިސްތިއުނާފުކުރާ މައްސަލަތަކުގައި އިސްތިއުނާފު މަރުހަލާ ދަށު ކޯޓުން އެފަދަ އަމުރެއް ނެރޭތާ އަހަރު ދުވަސް ފަހުންވެސް މަތީ ކޯޓުތަކުން ނިންމާފައި އެބަހުރިއެވެ.
ދަށު ކޯޓުން އިއްވާ ޙުކުމްތައް އިސްތިއުނާފުކުރުމަށް މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ 30 ދުވަހުގެ މުއްދަތު އިތުރުކުރަން މަޖިލިހުން މިއަދުވަނީ ފާސްކޮށްފައެވެ. މިހާރު ދަށު ކޯޓުތަކުން އިއްވާ ހުކުމް އިސްތިއުނާފުކުރުމަށް 60 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ.
އޭގެ އިތުރަށް އެފަދައިން ކޯޓުން ނެރޭ އަމުރުތަކާއި ޝަރީޢަތް ނިމުމުގެ ކުރިން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް، އެނިންމުން ރައްދުވާ ފަރާތަށް 10 ދުވަހުގެ މުހުލަތެއް މި ބިލުގައި ދީފައިވެއެވެ.
ނަމަވެސް މި ބިލުގެ ދަށުން އެފަދަ އަމުރެއް ދައުލަތަށް ނިސްވަތްވާނަމަ، އެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތަށް ލިބޭނީ 48 ގަޑިއިރު ކަމުގައިވަނީ ކަނޑައަޅާފައިވެއެވެ.
މި ލިއުމާއި ގުޅޭ