އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ގިނަ ބަޔަކު ޓުވީޓުކުރަނީ!

އަހްމަދު އަޒާން 30 އޯގަސްޓު 2020 10:44
Flowers
އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރު

ދިވެހިރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ޤާއިމްވެ ތިބުމާއި، އަދި އިންޑިއާއިން ރާއްޖެއަށް ފޯރުވަމުންދާ ނުރަނގަޅު ނުފޫޒާއި ދެކޮޅަށް ގިނަ ބަޔަކު ޓުވީޓު ކުރަމުން އެބަދެއެވެ.

ރާއްޖޭގެ ޓުވިޓާ ބޭނުން ކުރާ މީހުންގެ މެދުގައި އެންމެ ގަދަޔަށް މިވަގުތު ޓްރެންޑްވަމުން (ހިނގަމުން) އަނަނީ "އިންޑިއާ އައުޓް" (IndiaOut#) މި ހޭޝްޓެގެވެ. އިންޑިއާގެ ނުފޫޒާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުގަދަ ވެފައި މިވަނީ ހދ.ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެން ގެތައް ކުއްޔަށް ހޯދުމަށް އިންޑިއާ ސިފައިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ދާދިފަހުން ސަރުކާރުން ވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް އިންޑިއާ ސިފައިންނާއި އެކު ހދ.ހަނިމާދޫގައި ޤާއިމްވެ ތިބުމުގެ ހުއްދަދީފައެވެ. އަދި ކޮވިޑު-19 ގެ ހާލަތަށް ލުޔެއް ލިބޭ ހިސާބުން އިންޑިއާ ސިފައިން ރާއްޖެއައުމަށް ހަމަޖެހިފައިވެއެވެ. 

މިވަގުތުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާގެ ސިފައިން ގިނަ އަދަދަކަށް ޤާއިމްވެގެން އެބަތިއްބެވެ. މިގޮތުން އައްޑޫސިޓީ ގައި އަދި ލ.ކައްދޫގައި އިންޑިއާ ސިފައިން ތިބެއެވެ. އެއީ އިންޑިއާ އިން ރާއްޖޭގައި ބޭނުން ކުރަމުންދާ ހެލިކޮޕްޓަރާއި އެކު ތިބޭ ސިފައިންނެވެ. އެ ހެލިކޮޕްޓަރުތައް ދުއްވަން ދިވެހިން ތަމްރީނު ކުރާނެ ކަމަށް އިންޑިއާ އިން ބުނިނަމަވެސް މިހާތަނަށް އެކަން ކޮށްފައިނުވެއެވެ. 



މީގެ އިތުރުން، ހައިޑްރޯގްރަޕީ ހެދުމަށްވެސް އިންޑިއާ ސިފައިންނާއި ހަވާލުކޮށް ރާއްޖޭގެ ކަނޑުމަތީގައިވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ރާޑަރު ހަރުކޮށް، އެ ރާޑަރުތައް ބެލެހެއްޓުމުގައިވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވެއެވެ. 

ރާއްޖޭގައި ހަރަކާތްތެރިވާ އެންމެހާ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ ޖުމްލަ އަދަދުވެސް ސަރުކާރުން ވަނީ ހާމަކުރަން ދެކޮޅުހަދާފައި ކަން ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ސަތޭކަ
މިއީ ވަރަށް ރަނގަޅު ޚަބަރެއް. މިކަމާ އެންމެހާ ދިވެހިން ތެދުވަންޖެހޭ. މި ދިވެހި ބިމުން ހަމަ އެންމެ ކުޑަ ތަންކޮށްޅެއްވެސް އެހެން އެއްވެސް ޤަޢުމަކަށް ލިބިގެން ނުވާނެ. އިންޑީޔާ އަކީ ހަންފެތުރުމާއި ފިކުރީ ހަނގުރާމާގައި ވަރަށް ކުރީގައި އުޅޭ ޤަޢުމެއް. މީ ވިސްނަން ވެއްޖެ ކަމެއް. ސިޔާސީ ކަންކަން އެއްފަރާތް ކުރުމަށްފަހު ޤަޢުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުންވެސް މަޝްވަރާކޮށް ބަހުސް ކުރަންޖެހޭ ކަމެއް.