ސަރުކާރަށް ލިބޭ އެހީ ބޭނުންކުރި ގޮތުގެ ތަފުސީލު ހާމަކުރަން ގޮވައިލާ މައްސަލައެއް މަޖިލިހަށް

އިބްރާހިމް އާދަމް 12 އޯގަސްޓު 2020 14:30
Flowers
އްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބުލީޑަރު އަޙްމަދު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ލިބިފައިވާ އަދި ލިބެމުންދާ އެހީތައް ބޭނުންކުރާ ގޮތުގެ ތަފުސީލު ހާމަކުރުމަށް ގޮވައިލާ މައްސަލައެއް ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބުލީޑަރު އަޙްމަދު ޝިޔާމް މަޖިލިހަށް ހުށަހަޅުއްވައިފިއެވެ. 

ޝިޔާމް މައްސަލަ ހުށަހަޅުއްވައި ފޮނުއްވި ސިޓީގައި ފާހަގަަކުރައްވާފައިވަނީ ކޮވިޑް-19އާ ގުޅިގެންވެސް އެހީގެ ގޮތުގައި ގިނަ އެހީތަކެއް ރާއްޖެއަށް ލިބިފައިވާ ކަމުގައެވެ. 24.2 ބިލިއަން ރުފިޔާ އެހީގެ ގޮތުގައި ލިބިފައިވާއިރު، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ވިޔަފާރިތައް ބަގުރޫޓުވެ، ދަރިންގެ ކިޔެވުން ހުއްޓި އަނބުރައި ރަށަށް ހިޖުރަކުރުން ގިނަ ރައްޔިތުންތަކަކަށް މަޖުބޫރުވެފައިވާ ކަމުގައި ޝިޔާމު ފާހަގަކުރެއްްވިއެވެ. އެހެންކަމުން ސަރުކާރަށް ލިބެމުންދާ އެހީއާއި އެއެހީތައް ބޭނުންކުރާ ގޮތުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރަން ގޮވައިލާ މައްސަލައެއް މަޖިލިހަށް ހުށަހެޅުއްވި ކަމުގައި ޝިޔާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

ޝިޔާމު ހުށަހެޅުއްވި މައްސަލާގައި މިސަރުކާރަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތަފުސީލުތައް ހިމަނުއްވާފައިވެއެވެ. އެގޮތުން އިންޑިޔާއިން ކަރަންސީ ސުވޮޕުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުން 771 މިލިއަން ރުފިޔާއާއި، ވޯލްޑް ބޭންކުން 112 މިލިއަން ރުފިޔާއާއި، ޔޫރަޕިއަން ޔޫނިއަނުން 54 މިލިއަން ރުފިޔާއާއި، އައިއެމްފުން 445 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ. 

އޭގެ އިތުރަށް ޗާޕުކޮށްގެން 4.2 ބިލިއަން ރުފިޔާ ސަރުކާރުން ނަގާފައިވާ ކަމަށާއި، އެމެރިކާއިން 30 މިލިއަން ރުފިޔާއާއި، ޖަޕާނުން 8 މިލިއަން ރުފިޔާ، ވޯލްޑު ބޭންކުން 254 މިލިއަން ރުފިޔާއާއި، ކޮވިޑް-19ގައި ހާލުގައި ޖެހޭ ރައްޔިތުންނަށް އެހީވުމަށް ކެނެޑާއިން 1 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ޖަޕާނުން ގްރާންޓު އެހީގެ ގޮތުގައި 68.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. 

ވޯލްޑް ބޭންކުން 254 މިލިއަން ރުފިޔާއާއި، 308 މިލިއަން ރުފިޔާއާއި، 112 މިލިއަން ރުފިޔާއާއި 308 މިލިއަން ރުފިޔާއާއި 154 މިލިއަން ރުފިޔާ އެކި ތާރީޚުތަކުގައި ދީފައިވާކަން ފާހަގަކުރެއްވިއެވެ. އިންޑިޔާއިން 84 މިލިއަން ރުފިޔާއާއި، 106 މިލިއަން ރުފިޔާއާއި، 12.3 ބިލިއަން ރުފިޔާގެ ކްރެޑިޓު ފެސިލިޓީއެއް ދީފައިވާކަން ފާހަގަކުރައްވާފައިވެއެވެ. 

އޯޕެކް ފަންޑުން 1 ބިލިއަން ރުފިޔާ އަދި 308 މިލިއަން ރުފިޔާ ދީފައިވާ ކަމުގައާއި، ޔޫރަޕިއަން އިންވެސްޓްމެންޓު ބޭންކުން 818 މިލިއަން ރުފިޔާ އަދި އީޔޫއިން 90 މިލިއަން ރުފިޔާ އީޔޫ މޯލްޑިވްސް ސެކިއުރިޓީ ކޯޕަރޭޝަނުން 45 މިލިއަން ރުފިޔާއަކާއި، 90 މިލލިއަން ރުފިޔާއެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެމެރިކާއާއި ޔުނިސެފުން 11.5 މިލިއަން ރުފިޔާ ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. 

ޖުމްލަކޮށް އެކި ފަރާތްތަކުން 24.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ރައްޔިތުން ބިކަވެ، މަގުމަތިވެ، ވަޒީފާ ގެއްލި، ބިލުތައް ދެއްކޭނެ ގޮތެއް ނެތި، ހަދާނެ ގޮތް ހުސްވެ، ވަޒީފާތަކާއި ކުދިންގެ ކިޔެވުން ޤުރުބާނުކޮށް ރަށްރަށަށް ބަދަލުވަމުންދާއިރު، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު