Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިދިކޮޅު ފަރާތްތަކަށް ދެ ކޮމިޝަނަރުންނާ ބައްދަލުނުވި، މާދަމާ ހޯމް މިނިސްޓަރު ބައްދަލުކުރައްވާނެ

އިދިކޮޅު ފަރާތްތަކުން މިއަދު ކޮމިޝަނާ އޮފް ޕޮލިސް އަދި ކޮމިޝަނާ އޮފް ޕްރިޒަންސްއާ ބައްދަލުކުރައްވަން ވަޑައިގަތުމުން ދެ ބޭފުޅުންނާވެސް ބައްދަލުނުކުރެއްވުނު ކަމަށާއި ނަމަވެސް މާދަމާ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ބައްދަލުކުރައްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމުގައި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކޮމިޝަނާ އޮފް ޕްރިޒަންސް އަދި ޕޮލިސް ކޮމިޝަނާއާ ބައްދަލުކުރައްވަން ވަޑައިގެންނެވުމަށްފަހު ވެލާނާގޭ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮމިޝަނަރުންނާ ބައްދަލުކުރަން އެދިވަޑައިގެންފައިވާތާ މިއަދަށް 1 މަހާ 12 ދުވަސްވެފައިވާ ކަމުގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ފޮނުވި ސިޓީއަށް ޖަވާބެއް ދެއްވާފައިނުވެއެވެ. ނަމަވެސް 2 މުއައްސަސާގެ ބަލަދުވެރި ވުޒާރާ ކަމުގައިވާ ހޯމް މިނިސްޓްރީއަށް ވަޑައިގަތުމުން މިނިސްޓަރު މާދަމާ ބައްދަލުކުރައްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމުގައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ބައްދަލުކުރައްވަން ޢިމްރާން ނިންމެވީތީ ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި އެއިން އަނެއް ދެ މުއައްސަސާ ކަމުގައިވާ ފުލުހުންނާއި ކަރެކްޝަންސްއިން ނަމޫނާ ލިބިގަތުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މިސަރުކާރަކީ އިދިކޮޅު ފަރާތްތަކާ ބައްދަލުކުރުމުގެ ޤާބިލުކަން ނެތް ބައެއްކަން އެނގިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަންކުރައްވަނީ އެމަނިކުފާނު ވިދާޅުވާ ބަސްފުޅާ މުޅިން އިދިކޮޅަށް ކަމުގައާއި، ޢީދު ދުވަހު އެދުވަހަކީ އެކުލެވުމާއި އެއްބައިވަންތަކަން އާލާކުރުމުގެ ދުވަހެއް ކަމުގައި ވިދާޅުވި ނަމަވެސް ކަންކުރައްވަނީ އިދިކޮޅަށް ކަމުގައެވެ.
ހަމައެހެންމެ މިނިވަން ދުވަހުގައި ސިޔާސީ ފަރާތްތަކާއެކު ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި ނަމަވެސް ވާހަކަދައްކަވަން އެދިވަޑައިގަންނަވަނީ ކޮން ސިޔާސީ ފަރާތްތަކަކާ ކަން އެނގިވަޑައިނުގަންނަވާ ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ