ކެތޭ ޕެސިފިކަށް 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ

ލިއުޝާ ހަސަން 12 އޯގަސްޓު 2020 12:28
Flowers
ކެތޭ ޕެސިފިކް

ހޮންކޮންގުގެ އެއާލައިނެއް ކަމަށްވާ ކެތޭ ޕެސިފިކަށް މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި 1.3 ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެއެވެ. 

މިއަހަރުގެ އެ އެއާލައިނުން ދަތުރު ކުރި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު ޖުލައި މަހުގެ މެދުތެރޭގައި އެ ކުންފުނިން ވަނީ 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ލަފާކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ކުންފުންޏަށް 1.3 ބިލިއަން ޑޮލަރުގެ ފައިދާވެފައިވެއެވެ. 

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހަކީ އެ ކުންފުނީގެ 70 އަހަރުގެ ދިގު ތާރީހުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ފަހަރުކަމަށެވެ. މިއަހަރުގެ ފުރަތަމަ 6 މަހުގައި އެ އެއާލައިނުން ދަތުރުކުރި މީހުންގެ އަދަދު ވަނީ 76 އިންސައްތަ މަދުވެފައެވެ. އަދި ޖޫން މަހަށް އެކަނި ބަލާއިރުު އެ އަދަދު ވަނީ 99.1 އިންސައްތަ މަދުވެފައެވެ. 

އެ އެއާލައިނަށް ގެއްލުން ތަކާއި ކުރިމަތިވީ ކޮވިޑު-19 އާއި ގުޅިގެން ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑު ކުޑަވުމުންނާއި 2019 ވަނަ އަހަރުން ފެށިގެން ހޮންކޮންގުގައި ހިނގަމުން އަންނަ މުޒާހަރާ ތަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު