ފަނޑިޔާރު ސުޢޫދުގެ ކުރީގެ ކުލައިންޓެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ބައްލަވާތީ ކަންބޮޑުވުން!

ޖާއިޝް ތައުފީޤް 9 އޯގަސްޓު 2020 19:43
Flowers

ދުނިޔޭގެ ހުރިހާ ޤާނޫނީ ނިޒާމެއްގައިމެ އިސްތިޤުރާރުވެ ހަމަޖެހިފައިވާ އެއް މަބްދައަކީ އަދުލުވެރިކަން ޤާއިމުކުރުން އޭގެ ޒާތުގައި ނުފުދުމެވެ. ޢަދުލުވެރިކަން ޤާއިމުކުރެވޭ ކަމުގައި ފެންނަންވެސް ޖެހުމެވެ. އިނގިރޭސި ޤާނޫނީ ނިޒާމުގައި މަޝްހޫރު އެއް ކޭސް ކަމުގައިވާ R v Sussex Justices, ex parte McCarthy ގައި ފަނޑިޔާރުން ނިންމެވި ނިންމެވުމުގެ ތެރެއިން އިބާރާތެއް ޤާނޫނީ ވަކީލުން ވަރަށް ގިނައިން ވިދާޅުވާތީ އަޅުގަނޑުމެން އެންމެން އަޑު އަހަމެވެ. އެ ޢިބާރާތަކީ "Not only must Justice be done; it must also be seen to be done." މާނައަކީ ހަމައެކަނި ޢަދުލުވެރިކަން ޤާއިމުކުރުމުން ނުފުދެއެވެ. ޢަދުލުވެރިކަން ޤާއިމުކުރެވޭ ކަމަށް ފެންނަންވެސް ޖެހޭނެއެވެ. 

ދިވެހިރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތް ކަމުގައި ޤާނޫނު އަސާސީން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓުގައި ހިނގާ ކޮންމެ ކޭހަކީވެސް އެކޭސްގައި ހިމެނޭ ހުރިހާ ޚަޞްމުންނާމެދު ޢަދުލުވެރިކޮށް ކަންކުރެވޭނެ ކޭހެއް ކަމުގައި ޔަޤީންވާންޖެހެއެވެ. އަދި އެކޯޓުގައި ހިނގާ ކޭސްތަކުގައި ފަނޑިޔާރުންވަކި އަތަކަށް ބުރަވެވަޑައިގެންފާނެ ކަމުގައި ޢާންމުންނަށް އަދި މައްސަލާގައި ހިމެނޭ ޚަޞްމުންގެ ތެރެއިން އެއްވެސް މީހަކަށް ޤަބޫލުކުރެވޭ ފަދަ ހުރިހާ ޝުބުހާތުތަކެއް ނުވަތަ އޮޅުންތަކެއް ފިއްލަވައި، އެފަދަ ޝައްކަކަށް ޖާގައެއް ނޯންނާނެ ގޮތަށް ނަޒާހާތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ދައްކައިދެއްވުމަކީ އެކޯޓުގެ ފަނޑިޔާރުންގެ ޒިންމާއެކެވެ. 

މިވަގުތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެއް ކޭހަކީ އަމިއްލަ ފަރާތަކުން އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެެކެވެ. މައްސަލައިގެ ބާވަތާއި މައްސަލައިގެ ތަފުސީލުތަކަށް ދިއުމުގެ ބަދަލުގައި ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރަކީ ދިގަލި މުޙައްމަދު ވަޙީދުއެވެވެ. މިމައްސަލައަކީ ސީދާ އޭނާއާ ގުޅުން އޮތް މައްސަލައެއްވެސްމެއެވެ. 

އެގޮތުން މިމައްސަލައަކީ ދިގަލި ވަޙީދާއި އޭނާގެ ޕާޓްނަރަކާއި މިމައްސަލާގައި އިސްތިއުނާފުކުރި ފަރާތާ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއް ފަހުން އެދެބޭފުޅުންގެ އަމިއްލަ ޒިންމާއިން ބަރީއަކޮށް އެޕޯލޯ ހޯލްޑިންސް ކުންފުނީގެ ނަމަށް ބަދަލުކުރެއްވި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. އެފަރާތުން ދަށު ކޯޓުގައި ކުރި ދައުވާގައިވެސް ބުނެފައިވަނީ ކުރިން ދިގަލި ވަޙީދާއި އޭނާގެ ޕާޓްނަރު އަޙްމަދު ޢާރިފު އުފުއްލަވާ ގޮތަށް އޮތް ޒިންމާއެއް ފަހުން އެޕޯލޯ ހޯލްޑިންސްއިން އުފުލާ ގޮތަށް ހަމަޖެއްސި ކަމުގައެވެ. 

މިމައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝަތު ޝުޖޫނާއި ފަނޑިޔާރު އަލްއުސްތާޛު މަހާޒު ޢަލީގެ އިތުރަށް ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. މިމައްސަލައިގައި އިސްފަނޑިޔާރެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންދަވަނީ ފަނޑިޔާރު ޙުސްނުއްސުޢޫދެވެ. 

ކުރިންވެސް ބަޔާންކުރި ފަދައިން އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަދި އެއް ހިއްސާދާރަކީ ދިގަލި މުޙައްމަދު ވަޙީދެވެ. އަދި މިމައްސަލާގެ ދައުވާ ބިނާކޮށްފައިވަނީ ދިގަލި ވަޙީދާއި އޭނާގެ ޕާޓްނަރު އަމިއްލައަށް އަދާކުރައްވަމުން ގެންދެވި ޒިންމާއެއް ކޮންޓްރެކްޓަކުން، އެޕޯލޯގެ މައްޗަށް ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިގެން އުޅޭ މައްސަލައެކެވެ. އެހެންކަމުން މިމައްސަލައަކީ ޝަޚުޞީ ގޮތުންނާއި މަޤާމުގެ ގޮތުންވެސް ދިގަލި ވަޙީދާ ގުޅިފައިވާ މައްސަލައެކެވެ. 

މިހެން މިކަން އޮއްވައި ފެންމަތިވީ 2013 ވަނަ އަހަރުގެ މައްސަލައެކެވެ. އޭރު ހިނގި މައްސަލައެއްގައި ވަޙީދުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެއް އުފުލުނެވެ. އެމައްސަލާގައި 15 ދުވަހުގެ މުއްދަތަކަށް ވަޙީދު ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. މިއަމުރުގެ މައްސަލަ ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނެވެ. މިމައްސަލާގައި ވަޙީދުގެ ފަރާތުން ވަކީލެއްގެ ގޮތުގައި ވަޑައިގަތީ އަލްއުސްތާޛު ޙުސްނުއް ސުޢޫދެވެ. 

ހައިކޯޓުގައި މިމައްސަލަ ނިމިގެން ދިޔައީ ވަޙީދާ އެއްކޮޅަށެވެ. މައްސަލަ ނިންމަވައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ޙުކުމް ކުރައްވާފައިވަނީ މިމައްސަލައިގައި ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރެއްވުމަށެވެ. 

މިދެންނެވި މައްސަލާގައި ދިގަލި ވަޙީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކު މިހާރު ދިގަލި ވަޙީދުގެ މަޞްލަޙަތު އެކުލެވޭ މައްސަލައެއް ބައްލަވަން އިންނެވުމަކީ އެކަމާ ގުޅިގެން މަޞްލަޙަތު ފުށުއަރާފާނެ ކަމެއް ކަމުގައި ބައެއް ވަކީލުން ވިދާޅުވިއެވެ. އެގޮތުން އެއް ވަކީލަކު ފާހަގަކުރެއްވީ ދެ ޚަޞްމުންކުރެ އެއް ޚަޞްމަކަށް މައްސަލާގައި ޢަދުލުވެރިވެވިދާނެ ކަމަށް ޤަބޫލުނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވެދާނެ ފަދަ އެއްވެސް ކަމެއް ފަނޑިޔާރުން ކުރައްވައިގެން ނުވާނެ ކަމުގައެވެ. ކުރިން ފަނޑިޔާރާ މައްސަލައިގެ ޚަޞްމަކާމެދުގައި ގުޅުމެއް އޮތް ކަމުގައި ބެލެވޭ ޙާލަތުގައި އެންމެ ރަނގަޅު އަދި އިންސާފުވެރި ގޮތަކީ ފަނޑިޔާރު މައްސަލައިން ތަނާޒުލުވުން ކަމުގައިވެސް އެވަކީލު ފާހަގަކުރެއްވިއެވެ. 

މިމައްސަލައާ ގުޅިގެން "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ކުރީގެ ފަނޑިޔާރަކު ވިދާޅުވީ މިފަދަ ޙާލަތުގައި މައްސަލައިން ފަނޑިޔާރު ތަނާޒުލުވެވަޑައިގަތުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެއް ނޫން ކަމުގައެވެ. ނަމަވެސް "ޖުޑީޝަލް އެތިކްސް"ގެ އެންމެ މަތީ މިންގަނޑުގައި ހިފަހެއްޓުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ލާޒިމު ކަމެއް ކަމުގައާއި، ފަހުންވެސް ނިންމުމުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދިދާނެ ހަނި ފުރުޞަތެއް ނަމަވެސް ފަހިވާނެ ގޮތަކަށް ކަންކުރައްވައިގެން ނުވާނެ ކަމުގައެވެ. ސަބަބެއް ކަމުގައި ފާހަގަކުރެއްވީ ލިޔުމުގެ ފެށުމުގައި ނަންގަނެވުނު ޑޮކްޓްރިން ނުވަތަ މަބްދައެވެ. 

R v Sussex Justices, ex parte McCarthy މައްސަލާގައި ފަނޑިޔާރަކާއި މައްސަލައިގެ ޚަޞްމަކާ ކުރިން އެއްވެސް ގުޅުމެއް އޮތުމުގެ ވާހަކައެއް ފެންމަތިނުވެއެވެ. ނަމަވެސް ފަނޑިޔާރުންނަށް އެހީތެރިވާ ކްލާކަކީ މިމައްސަލައިގެ ޚަޞްމަކަށް ވަކާލާތުކޮށްދިން ލޯ ފާމެއްގެ ހިއްސާދާރެކެވެ. މިމައްސަލާގައި ފަނޑިޔާރުންނަށް އެހީތެރިވެދިން ކުލާކުގެ ކިބައިން ފަނޑިޔާރުން އެއްވެސް ލަފައަކަށް އެދިފައިނުވެއެވެ. މައްސަލަ ނިންމެވި ފަނޑިޔާރު ވިދާޅުވެފައިވަނީ މިމައްސަލާގައި އޭނާ ކުރި ކަމަށްވުރެ ބޮޑަށް ސުވާލު ގުޅެނީ އޭނާ ކުރި ކަމަށް ފެންނަ ކަންތަކާ ކަމުގައެވެ. 

ފަނޑިޔާރުން މިމައްސަލާގައި ކަނޑައަޅާފައިވާ މިމަބްދައުއަކީ ދުނިޔޭގެ ހުރިހާ ތަހުޒީބު ޝަރުޢީ ނިޒާމެއްގައި ބަލައިގަނެ ޢަމަލުކުރަމުންދާ އުޞޫލެކެވެ. އެހެންކަމުން ފަނޑިޔާރަކު ބައްލަވަމުންދާ މައްސަލައެއްގައި ހިމެނޭ އެއް ޚަޞްމަކީ ފަނޑިޔާރެއްގެ ކުރީގެ ކުލައިންޓެއް ކަމުގައިވާނަމަ، އެކަމުގައި އަދުލުވެރިކަމާއެކު ކަންކުރެއްވުމާމެދު މައްސަލައިގައި ހިމެނޭ ޚަޞްމެއްގެ ހިތުގައި ޝައްކު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. "ދިޔަރެސް"އަށް މައުލޫމާތުދެއްވި ހުރިހާ ވަކީލުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ހާލަތުގައި ތަނާޒުލުވުން ލާޒިމުނުވި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ތަނާޒުލުވުމެވެ. 

ކިޔުންތެރިންގެ ހިޔާލު
ބެލީމާ އެނގުނީ
ތި މައްސަލައިގެ ދެ ޝަރީޢަތެއްގެ ވީޑިއޯ ބަލާލިން. ބައެއްފަހަރު ސުވާލުތައް ކުރައްވާގޮތުން ހީވޭ ސ.ފަނޑިޔާރު ޙުސުނުއް ސުޢޫދަކީ އެޕޯލޭގެ ދިފާޢީ ވަކީލެއްހެންވެސް. ވަކީލުކުރަންޖެހޭ ސުވާލުތައްވެސް ފަނޑިޔާރު އެބަކުރައްވާ.
މަކުނުދޫ ޢަލީ
އެމީހުން ކުރީމަ އޯކޭވާނެ ކޮންމެ ކަމެއްވެސް
ރަންގަޅުވާން އެބަޖެހޭ
މި ކަންތައް އެންމެ ރަންގަޅަށް އެގިލައްވާނެ ބޭފުޅުން މި ތިއްބެވީ. ވީމާ ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ބޭފުޅުން މި ތިއްބެވީ. ނިޒާމް ރަންގަޅު ކުރައްވަން އެންމެ ބުރަކޮށް މަަސައްކަތް ކުރެއްވި ބޭފުޅުން. ވީމާ އަވަހަށް ތި މައްސަލައިން ތަނާޒުލް ވުން ވ މުހިންމު. ހަމަ މި ގޮތަށް ފާހަގަ ކުރެވޭ ޕީ.ޖީ. ގެ މައްސަލަ. އޭނާ އެހެރީ މި ފަދަ މައްސަލައަކުން ތަނާޒުލް ވެގެންނޯ. އެކަމަކު އޭނާގެ ކޭސް ތަފާތު. އޭނާ އަކީ ދައުލަތުގެ މާލިއްޔަތުން މިހާތަނަށް ކުރެވުނު އެންމެ ބޮޑު ވައްކަމުގެ ހިމެނޭ މައި ދެ މީހުންކަމަށް ބުނާ ދެމީހުންގެ ދިފާޢުގައި ވަކާލާތު ކޮށް ދައުލަަތުން ވައްކަން ކުރި ފައިސާއިން ފައިދާ ލިބިގަންފައިވާ މީހެއް ކަމުން މީނާ މަގާމުގައި ބަހައްޓައިގެން މި ސަރުކާރުން މި ބޮޑު ވައްކަމުގެ ފައިސާ ހޯދަނީޔޭ ކިޔާ މި ޖަހާ ސަަކަރާތް ރައްޔިތުން ބަލައެއްނުގަނޭ. އަދި މިކަން ފެނިގެން ދަނީ މި މީހުން މި ކަމާއި ގުޅުވައިގެން (އެމް.އެމް.ޕީ.އާރ.ސީ ގެ ވައްކަމޭ) ދައުވާ ކުރާ މީހުންނަށް ބެލީމާ. ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފުންނާއި، އެމް.އެމް.އޭ. ގެ މުވައްޒަފުންނާޢި އަދިވެސް ސަރުކާރުގެ އެހެން މުއަައްޒަފުން ގެ މައްޗަށް. މި މީހުންނަކީ ވައްކަން ކުރި ފައިސާ އިން ބައިލާރިވެސް ލިބިފައިނުވާ ފަރާތްތައް. މިއީ ދައުލަތުގެ ޕ.ޖ. ގެ ހާލަތު. ދެން މި ފެންނަނީ މި ބޮޑު ވައްކަމުން ގެއްލުނު ފައިސާ ހޯދަން އުފެއްދި ކޮމިޝަން. މިތާ ވެރިޔަކަށް ލީ މީހާގެ ވާހަކަ ނުދެއްކިއްޔާ ރަންގަޅުވާނެ. މީނާއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުރެގެން މިލިއަނުން ދައުލަތުގެ ފައިސާ ގެނިޒާމާއި ޚިލާފުވެގެން މައްސަލަ ބަލަމުން ގޮސް ވަކި ހިސާބަކުން މި މައްސަލަތައް މި ސަރުކާރުން ޝަރީއަތަށް ނުފޮނުވަން ނިންމާ އޮބިއަޅާފައިވަނީ. ފަހުން ބަލާނެ. ބަލުވާނެ. މި ސަރުކާރު ބަދަލުވާއިރަށް ކޯޓަށް ވައްދަންޖެހޭނެ. މި ހުރިހާ ކަންތައްތައްވެސް ބަލަންޖެހޭނެ.
އިބުރާހީމް
ސުއޫދަކީ އެއް އިރެއްގައިވެސް އެތިކްސް ހިފެހެއްޓި މީހެއް ނޫން. މިހާރުވެސް މި ފެންނަނީ އެމަންޒަރު އަދި ފެންނާނީވެސް ހަމަ މި މަންޒަރު