މޯދީގެ "ނުލަފާކަން" ކަޝްމީރަށް ދައްކާލިތާ 1 އަަހަރު: ދިވެހިންނަށް ފިލާވަޅެއް!

އެޑިޓަރު 5 އޯގަސްޓު 2020 12:52
Flowers
އިންޑިއާ ސިފައިން ކަޝްމީރުގައި

މިއަދަކީ އިންޑިޔާގެ މައި ސަރުކާރުގެ އަތްދަށަށް ކަޝްމީރު ވެއްޓުނު ދުވަހަށް އެއް އަހަރު ފުރޭ ދުވަހެވެ.

މިކަންވެގެންދިޔައީ އިންޑިޔާގެ ޤާނޫނު އަސާސީން ކަޝްމީރަށް މިނިވަންކަމުގެ މިންވަރެއް ޔަޤީންކޮށްދިން މާއްދާ 370 އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުން އުވާލުމުންނެވެ. ބައި މިލިޔަން އިންޑިޔާ ސިފައިން ޤާއިމުވެ ތިބޭ ކަޝްމީރަށް ދެން ފެނުނީ އެތައްހާސް އިންޑިޔާ ސިފައިން (ބައެއް ރިޕޯޓު ތަކުން ދައްކާނަމަ 35،000) އެ ސަރަހައްދަށް އަރާތަނެވެ. އިންޓަނެޓާއި ފޯނު ފަދަ މުވާސަލާތީ ގުޅުންތައް އިންޑިޔާއިން ކަނޑާލިއެވެ. ޗެކުޕޮއިންޓުތައް ޤާއިމުކުރެވުނެވެ. ނޫސްވެރިންގެ މަސައްކަތާއި ދެކޮޅަށް ފިޔަވަޅު އެޅުނެވެ. ސިޔާސީ އަދި މަދަނީ ލީޑަރުން އެތައް މަހަކަށް ބަންދުކުރެވުނެވެ.

އިންޑިޔާގެ އުތުރުގައި އައު ޣައްޒާއެއް ބިނާކުރެވުނެވެ.

ކަޝްމީރަކީ އިންޑިޔާގައި މުސްލިމުންގެ އާބާދީ އެންމެ ބިޔަ އެއް ސަރަހައްދެވެ. އާބާދީގެ %97 އަކީ މުސްލިމުންނެވެ.

"އިންޑިޔާ" އޭ ކިޔުނު ޤައުމެއް ވުޖޫދަށް އައުމުގެކުރިން ކަޝްމީރު އޮތީ "ދޮގްރާ"އޭ ކިޔުނު ހިންދޫ ޚާންދާނެއްގެ ރަސްކަމުގެ ދަށުގައިއެވެ. ދޮގްރާއިންގެ އަނިޔާވެރިކަމުގެ ހަނދާން ހުރި ކަޝްމީރުގެ މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އިނގިރޭސީންގެ ބާރުން ވީއްލިގެން ދިޔަ "އިންޑިޔާ" އާއި ކަޝްމީރު ގުޅުމަށް ފަހު، ހިންދޫ "ދޮގްރާ" ޚާންދާނުގެ ބާރު ކެނޑިއްޖެއެވެ. އިންޑިޔާގެ އެހެން ސަރަހައްދުތަކަށް ނުދެވޭ މިނިވަންކަމެއް ކަޝްމީރުގެ ސަރަހައްދަށް ދެވުނެވެ.

ވޭތުވެދިޔަ އަހަރަކީ ކަޝްމީރަށް ތަރައްޤީ އާއި ތަހުޒީބު ލިބުނު އަހަރެއްކަމަށް އިންޑިޔާ ސަރުކާރުގެ ޗަމްޗާއިން ސިފަކުރަމުން އެބަދެއެވެ. ޖުލައި މަހު ރެޖިސްޓަރު ކުރެވުނު، އަސްލުނޫން ނަމާއި ފޮޓޯ ޖަހާފައިހުރި ޓުވިޓާ އެކައުންޓުތަކަކުން #ނަޔާކަޝްމީރު ގެ ހޭޝްޓެގު އަޅުވައިގެން އިންޑިޔާގެ ސަރުކާރަށް ސަނާކިޔަން ފެށިއެވެ. މި އެކައުންޓުތަކުން ކަޝްމީރުގެ ކަންކަން "އަބަދަށް އިސްލާހުވެއްޖެ" ކަމަށް ކިޔާ ކަމަށް ފާހަގަކުރެވުނެވެ.

ދިވެހިރާއްޖޭގެ ނަން މަޝްހޫރު ނޫހަކުންވެސްވަނީ އިންޑިޔާ ސަރުކާރަށް ސަނާކިޔުމުގައި ބައިވެރިވެފައިއެވެ.

ކަޝްމީރުގެ ރައްޔިތުން ޤަބޫލުކުރާގޮތުގައި، ކަންކަން ވަރަށް ތަފާތެވެ. ބައެއް މީހުން ޤަބޫލުކުރާގޮތުގައި، ކަޝްމީރު ވަނީ ދޮގްރާ ޚާންދާން ފަދަ ވެރިކަމެއްގެ އަނިޔާވެރިކަން އަނެއްކާވެސް ތަހައްމަލުކުރަން ޖެހިފައިއެވެ. 

އިންޑިޔާގެ އާސިޔާސަތުތަކުގެ ފެށުން...

1947 ގައި ކަޝްމީރު ދޮގްރާއިންގެ ކިބައިން މިނިވަންވީއްސުރެ، ކޮންމެ އަހަރަކު ޖުލައި 13 ގައި އެ ސަރަހައްދުގެ ދާޚިލީ ސަރުކާރުން ޝަހީދުންގެ ދުވަހެއް ފާހަގަކުރިއެވެ. އެއީ އެ ސަރަހައްދުގައި ބަންދު ދުވަހެކެވެ. ކަލަންޑަރު ތަކުގައި ފާހަގަކޮށްފައިވާ ދުވަހެކެވެ. މިދުވަހަކީ 1931 ގައި ދޮގްރާ އަނިޔާވެރިކަމާއި ދެކޮޅަށް ނުކުތް ޢަބްދުލް ޤަދީރު ޣާޒީ ސުރިނަގަރުގެ މައި ޖަލުގައި ބަންދުކުރުމުން އެކަމާއި ދެކޮޅަށް މުޒާހަރާކުރަން އެއްވި ދުވަހެވެ. ދޮގްރާއިންގެ ސިފައިން މިމުޒާހަރާއަށް ރައްދު ދިނީ ބަޑިންނެވެ. 22 އަންހެނުންނާއި ފިރިހެނުން ޤަތުލުކުރިއެވެ.

މިފަހަރު، 2020 ގެ ޖުލައި 13 ގައި ޝަހީދުންގެ ދުވަސް ކަޝްމީރުގެ އާ ސަރުކާރުން ފާހަގައެއް ނުކުރިއެވެ. އެހެން އާންމު ދުވަހަކާއި އެއްފަދައެވެ. މިއީ ކީއްވެގެން ނިންމި ނިންމުމެއް ކަމެއް އެއްވެސް ރަސްމީ މަސްދަރަކުން އިޢުލާނެއްނުކުރެއެވެ.

މިއަހަރުގެ އޭޕްރިލް މަހު، އިންޑިޔާއިން ހަމަޖެއްސި ޖައްމު އާއި ކަޝްމީރުގެ އެޑްމިނިސްޓްރޭޝަނުގެ ފުރަތަމަ ބައްދަލުވުމުގެ ފޮޓޯ މީސްމީޑިޔާގައި ދައުރުކުރަންފެށުމުން، ވަރަށް ގިނަމީހުންނަށް އިހުސާސްވީ ހިތްދަތިކަމެވެ. ފޮޓޯގައި ތިބި 19 މީހުންގެ ތެރޭ ހުރީ އެންމެ މުސްލިމެކެވެ. ފާރޫޤު އަޙްމަދު ލޯނޭއެވެ. ދެން ތިބީ ހުސް ހިންދޫއިންނެވެ.

މިފޮޓޯނެގި އިރު، ކަޝްމީރުގެ ބައެއް މަދަނީ އަދި ސިޔާސީ ލީޑަރުން ހައްޔަރުން ދޫކޮށްލެވުނަސް، އަނެއްބަޔަކު ތިބީ ބަންދުގައިއެވެ. ދޫކޮށްލާބަޔަކު ދޫކޮށްލަނީ އިންޑިޔާ ސަރުކާރަށް ފާޑުނުކިޔުމަށް އެންގުމަށްފަހުކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ތުހުމަތުކުރެއެވެ.

ޕަންޑިތުންނާއި އިޒްރޭލުގެ ތައްގަނޑު

އިންޑިޔާއިން ކަޝްމީރަށް ކުރާ އަނިޔާ މީހުންގެ ހިތްތަކަށް ތަސައްލީ ކުރުމަށްޓަކައި ދައްކަނީ ކަޝްމީރީ ޕަންޑިތުންގެ ޙައްޤުތަކުގެ ބަހަނާއެވެ. ކަޝްމީރީ ޕަންޑިތުންނަކީ ކަޝްމީރަށް ނިސްބަތްވާ ހިންދޫދީނުގެ މީހުންނެވެ. މިމީހުންވަނީ 1989 ގެ ކަޝްމީރު އިންތިފާޟާ އާއި ގުޅިގެން އެސަރަހައްދު ދޫކޮށް ހިޖުރަކޮށްފައިއެވެ. 1 ލައްކައެއްހާ ހިންދޫއިން ހިޖުރަކުރިކަމަށް ރިޕޯޓުތަކުން އެނގެއެވެ.

ކަޝްމީރީ ޕަންޑިތުންގެ ވާހަކަތަކާއި، އެމީހުންގެ ޙައްޤުތައް ހޯދައިދޭން އިންޑިޔާގެ ސަރުކާރުން ގަދައަޅާ މަސައްކަތްކުރާކަމަށް ދައުވާކުރާއިރު، 1989 އާއި އަދާއިހަމަޔަށް ކަޝްމީރުގެ މުސްލިމުންނަށް ލިބިފައިވާ އަނިޔާތަކުގެ ވާހަކައެއް ނުދެކެވެއެވެ. 2019 ގެ ޖުލައިމަހު އ.ދ. އިންވަނީ ކަޝްމީރުގައި ލާއިންސާނީ ޢަމަލުތައް ހިންގާކަމުގެ ތުހުމަތު އިންޑިޔާގެ ސަރުކާރަށް ކޮށްފައިއެވެ. ހަމައެއް ލަމައެއްނެތި އިންޑިޔާ ސިފައިން އާންމު ރައްޔިތުން މަރާފައިވާކަމަށްވެސް އެމްނެސްޓީ އިންޓަނޭޝަނަލްގެ ތަޙުޤީޤުތަކުން ހޯދައިފިއެވެ. މިސާލަކަށް، 2018 ގެ މާރިޗްމަހު 6 ރައްޔިތުން ޤަތުލުކުރުމަށްފަހު، އިންޑިޔާ ސިފައިން ބަހަނާދެއްކީ އެމީހުންނީ ހަނގުރާމަވެރިން ކަމުގައިއެވެ . "ކައުންޓަރ-އިންސާރޖެންސީ" އޮޕަރޭޝަންތަކުގައި ޙަރަކާތްތެރިވާ ސިފައިންނާއި ދެކޮޅަށް ޖިނާއީ ފިޔަވަޅު އަޅަން އިންޑިޔާގެ ޤާނޫނުތަކުން ހުރަސް އަޅައެވެ.

ބީޖޭޕީ ސަރުކާރަކީ މިފަދަ ޢަމަލުތަކަށް ހިތްވަރުދޭ ސަރުކާރެއްކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.

2018 ގައި 8 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްފައި މަރާލާފައިއޮއްވާ ފެނުމުން، އެކަމުގައި ހައްޔަރުކުރެވުނީ ޑީޕަކް ކަޖޫރިޔާ ނަމަކަށް ކިޔުނު އިންޑިޔާ ފުލުހެކެވެ. ބީޖޭޕީ އާއި ހަރުކަށި ހިންދޫފިކުރުގެ އެހެން ޕާޓީ އަކުން 5،000 މީހުން އެއްކޮށްގެން ރޭޕް ކުރިމީހާ ދޫކޮށްލުމަށް ގޮވާލަމުން މުޒާހަރާކުރިއެވެ.

ކަޝްމީރުގެ މީހުން ޤަބޫލުކުރާގޮތުގައި، އިންޑިޔާގެ ސަރުކާރުގެ މަޤުޞަދަކީ ބަޔަކަށް ޙައްޤުތަކެއް ހޯދައި ދިނުމެއް ނޫނެވެ. މަޤްޞަދަކީ %97 މުސްލިމް ކަޝްމީރުގެ އާބާދީގައި ހިންދޫއިންގެ އަތްގަދަ ކުރުމެވެ. ކަޝްމީރުގެ ބިމުގައި ކަޝްމީރުގެ ރައްޔިތުން ބީރައްޓެހީންނަށް ހަދާށެވެ.


އަމިތު ޝާހު، އިންޑިޔާގެ ދާޚިލީވަޒީރު، ވަނީ "އާ ކަޝްމީރުގައި" ("ނަޔާ ކަޝްމީރު") ހިންދޫއިންނަށް ޚާއްޞަ 10 ޝަހަރެއް ހަދައިދޭނެކަމަށް ވައުދުވެފައެވެ. މީގެ 30 އަހަރުކުރިން ކަޝްމީރުން ހިޖުރަކުރި ޕަންޑިތުން ވަޒަންވެރިކުރުމުގެ މަޝްރޫޢުތަކެއް ރާވާ، އަދި ކަޝްމީރުވާދީގައި ކުރިންހުރި ހުރިހާ ފައްޅިތައް އަލުން ރާނާ އާބާތުރަފިލުވާނެކަމަށްވެސް ޝާހު ވައުދުވިއެވެ. މިކަމަށް "ބްލޫޕްރިންޓެއް" ތައްޔާރު ކޮށް ނިމެނީކަމަށް ބުންޏެވެ. އަމިތު ޝާހު މިހެން އިޢުލާނުކުރުމުގެ ކުރިން 2019 ގެ ފަހުކޮޅު އިންޑިޔާއިން ނިއު ޔޯކަށް ކަނޑައަޅާފައިހުންނަ ސަފީރެއް ކަމަށްވާ ސަންޑީޕު ޗަކަރްވޮރުތީވަނީ އިންޑިޔާއިން ކަޝްމީރުގެ އާބާދީ އާއި މެދު ރާވާރޭވުންތަކަކީ "އިސްރާއީލުގެ ތައްގަނޑުގެ މައްޗަށް" ރާވާރޭވުމެއް ކަމަށް ބުނެފައިވެއެވެ. އަދުގެ އިންޑިޔާ ސަރުކާރުވަނީ މިތައްގަނޑާއި އެއްގޮތަށް ކަންކަން ކުރަން "އަޒުމު ކަނޑައަޅައިގެން" ކަމަށްވެސް އޭނާ ބުންޏެވެ.

ކަޝްމީރުގެ އާބާދީ ބަދަލުކުރުން

ކަޝްމީރީ ޕަންޑިތުން ނޫން އެހެން މީހުންވެސް ކަޝްމީރު ވާދީގައި ވަޒަންވެރިކުރުވައިގެން އާބާދީ ބަދަލުކުރުމުގެ މަސައްކަތް އިންޑިޔާއިން މިހާރު ވަނީ ފަށާފައެވެ.

މާއްދާ 370 އިން ކަޝްމީރުގެ ސަރަހައްދީ ސަރުކާރަށް ކަޝްމީރުގެ ދާއިމީ ރަށްވެހިކަމުގެ ޝަރުޠުތައް ކަނޑައެޅުމުގެ ބާރު ދިނެވެ. ނަމަވެސް، މި މާއްދާ އުވާލުމުން، މިބާރުތައް ކެނޑި، އިންޑިޔާ ރައްޔިތުންނަށް މުޅި ކަޝްމީރު ވާދީ ހުޅުވާލެވުނު ފަދައެވެ.

މިއަހަރުގެ މެއި މަހުގައި، 25،000 މީހުންނަށްވަނީ ކަޝްމީރުގައި "ޑޮމިސައިލް" (ރަށްވެހިކަމުގެ) ސެޓުފިކެޓު ދެވިފައިއެވެ. ޚަބަރުލިބޭގޮތުން، މި ސެޓުފިކެޓަށް އެދުނީ 30،000 މީހުންނެވެ. ލިބޭ ކޮންމެ އެޕްލިކޭޝަނެއް 14 ދުވަސްތެރޭ ޕްރޮސެސްކޮށް، އެޕްލިކޭޝަންގެ ވާހަކަތަކުގެ ތެދުދޮގު އޮޅުންފިލުވައި، ސެޓްފިކެޓް ދޫކުރަންޖެހޭކަމަށް އިންޑިޔާ މައި ސަރުކާރުންވަނީ ކަޝްމީރުގެ ސަރުކާރަށް އަންގާފައިއެވެ. 14 ދުވަހަށް ވުރެން ގިނަމުއްދަތެއްނަގާ ކޮންމެ އެޕްލިކޭޝަނަކަށް 50،000 އިންޑިޔާ ރުޕީ (ގާތްގަނޑަކަށް 10،252 ދިވެހި ރުފިޔާ) ގެ ޖޫރިމަނާއެއް އެ އެޕްލިކޭޝަނަށް ހަވާލުވެގެންހުރި މުވައްޒަފަކު ދައްކަންޖެހޭނެކަމަށްވެސް އިންޒާރުދިނެވެ.

ރަށްވެހިކަމަށް އެދެނީ ކަޝްމީރީ ޕަންޑިތުންނެއްނޫނެވެ.

މިކަހަލަ ވާހަކަތައް، އަދި މިނޫން އެހެން ވާހަކަތައް، ބަންދުކުރެވިފައިވާ ކަޝްމީރުން ދުނިޔެތެރެޔަށް ފެތުރޭނެ ގިނަ މަގުތައް އިންޑިޔާއިން ވަނީ ބަންދުކޮށްފައި ނުވަތަ ހަނިކޮށްފައެވެ. އިންޑިޔާއިން ބަހަނާދެއްކިގޮތުގައި، އިންޓަރނެޓާއި އެހެނިހެން މުވާސަލާތީ ޚިދުމަތްތައް ކަނޑާލީ އިންޑިޔާގެ ސަރުކާރާއިދެކޮޅު މުޒާހަރާތަކާއި ހަނގުރާމަވެރިންނަށް ހުރަސް އަޅަންށެވެ. މީސްމީޑިޔާއަށް ވަނުމަށްވެސް ސަރުކާރުން ހުރަސްއެޅިއެވެ. ވީ. ޕީ. އެން. ބޭނުންކޮށްގެން މި ހުރަސްތައް ގިރާކުރަން އުޅުނު މީހުންނާއި މެދު ފިޔަވަޅު އެޅުނެވެ. ނޫސްވެރިން ޚަބަރު ފޮނުވުމަށްޓަކައި މަޖުބޫރުވީ ސަރުކާރުން ކަނޑައަޅާފައިހުންނަ މީޑިޔާ މަރުކަޒަކަށްގޮސް އިންޓަރނެޓު ބޭނުންކުރަންށެވެ.

މިޔަށްވުރެން ހަރުކަށިގޮތްގޮތަށްވެސް ނޫސްވެރިންނާއިމެދު އިންޑިޔަށް ސަރުކާރުންވަނީ ފިޔަވަޅު އަޅާފައިއެވެ. 

ކަޝްމީރުގައި ނޫސްވެރިން އަނގަބަންދުކުރުން

2019 ގެ ޖުލައިމަހު، ޤާޟީ ޝިބްލީ ނަމަކަށް ކިޔުނު ނޫސްވެރިޔެއް ކަޝްމީރަށް އިތުރު އިންޑިޔާ ސިފައިން އަރާވާހަކަ ޓުވީޓު ކުރުމުން ޝަރީއަތެ އްނެތި އުއްތަރު ޕްރަދޭޝްގެ ޖަލެއްގައި ބަންދުކުރެވުނެވެ. އޭނާ އެޖަލުގައި ހޭދަކުރީ 9 މަސްދުވަހެވެ. އޭނާވަނީ ދޫކޮށްލުމަށްފަހު، އަނެއްކާވެސް ސުރިނަގަރުގެ ޖަލެއްގައި ބަންދުކުރެވިފައިއެވެ.


ހަމަ މިބީދައިން، އިތުރު ދެ ނޫސްވެރިޔަކުވަނީ އެމީހުން މީސްމީޑިޔާގައި ފާޅުކުރި ޚިޔާލުތަކަކީ "ޤައުމާއި ދެކޮޅު" ޚިޔާލުތަކަކަށްވުމުން ފުލުހުންނަށް ހާޒިރުކޮށްފައިއެވެ. "ދަ ހިންދޫ" ގައި ޝާޢިއު ކުރެވުނު ޚަބަރެއް ލިޔުނު ޕީރްޒާދާ އާޝިޤު އާއިދެކޮޅަށްވެސް ސަރުކާރުން ވަނީ ފިޔަވަޅު އަޅާފައިއެވެ. އާސިފް ސުލްޠާން ނަމަކަށް ކިޔުނު ނޫސްވެރިޔެއްވަނީ ދެ އަހަރުދުވަހަށް ޝަރިޢަތެއްނުލައި ޖަލުބަންދުކުރެވިފައިއެވެ. 

އިންޑިޔާ އާއި ދިވެހިރާއްޖެ

މިދެކެވުނީ ކަޝްމީރުގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން މަދުމިންވަރެކެވެ.

ދިވެހިރާއްޖެ އޮތީ ކަޝްމީރު އޮތް ހާލުގައެއްނޫނެވެ. ނަމަވެސް، މިއީ ދާއިމީ ހާލަތެއްނޫނެވެ. އިންޑިޔަން ނޭޝަނަލް ކޮންގްރެސްގެ ވެރިކަމުގައި، ކަޝްމީރުގެ މިނިވަންކަމުގެ ރޫހުމަރާލަން ދިމާކުރީ ނުސީދާކޮށެވެ. ވޯޓުއޮޅުވާލުމައި، ތަރައްޤީގެ ހުސް ވައުދުތަކެއް ކޮށްގެނެވެ. ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ނިރުބަވެރި ހަމަލަތަކަށްފަހު، އިންޑިޔާއިން ކަޝްމީރަށްކުރިކަމެއްކުރީ ނިރުބަވެރިކަމާއި ދެކޮޅަށް އަޅާފިޔަވަޅުތަކެއްގެ ނަމުގައިއެވެ. ރައްކާތެރިކަމާއި ސަލާމަތުގެ ނަމުގައި ކަޝްމީރުގައި 700،000 އިންޑިޔާ ސިފައިން ބޭތިއްބުނެވެ.

މިއަދު، ދިވެހިރާއްޖޭގައި 100 ވަރަކަށް އިންޑިޔާ ސިފައިން އެބަތިއްބެވެ. ކުރީސަރުކާރުން އެސިފައިން ދިވެހި ފަސްގަނޑުންބޭލުމަށް ކުރިމަސައްކަތެއް ދިޔައީ ފެނަށެވެ. ކޮންމެ ސިފައިންގެމީހެއް ހުރީ ޑިޕްލޮމެޓިކް ޕާސްޕޯޓެއްގެދަށުގައިއެވެ. ވީމާ، ދިވެހިފަސްގަނޑުގައި މީހަކު މެރިޔަސް، އެސިފައިންގެ މީހަކާއި ދެކޮޅަށް ދިވެހިސަރުކާރަށް ފިޔަވަޅެއް ނޭޅޭނެއެވެ. ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ދިވެހިރާއްޖޭގެ ނޫސްތަކުގައި ޝާއިޢުކުރާ އާޓިކަލްތަކާއި ޚަބަރުތަކަށް ނުފޫޒުފޯރުވައެވެ. އިންޑިޔާސަރުކާރަށް މީސްމީޑިޔާގައި ފާޑުކިޔާ މީހުންގެ ޓުވިޓާ އެކައުންޓުތައް ސަސްޕެންޑުވެއެވެ. 2019 ގައި ކަޝްމީރުގައި އިންޑިޔާގައި ގެންގުޅޭ ސިޔާސަތަށް ފާޑުކިޔާ ކަޝްމީރުމީހުންގެ ޓުވިޓާ އެކައުންޓުތައްވެސް ސަސްޕެންޑުކުރެވުނު ކަމުގެ ތުހުމަތު ސީ. ޕީ. ޖޭ. (ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް) ކުރިއެވެ. ދިވެހިރާއްޖޭގެ %100 މުސްލިމް އާބާދީއަށް ބަދަލު އައިސްދާނެފަދަ ރޭވުންތައް ދިވެހިސަރުކާރުގެ އިސްވެރިން ރާވަމުންދާކަމުގެ ޚަބަރު "ދިޔަރެސް" އިންވާނީ ތަފުޞީލާއިއެކު ގެނެސްދީފައިއެވެ. ރާއްޖޭގެ ކަނޑުތައް އިންޑިޔާގެ އަސްކަރީ ބާރުތަކަށް ހުޅުވާލަންވެސް މިސަރުކާރުންވަނީ އެއްބަސްވެފައިއެވެ.

ކަޝްމީރުގެ ތާރީޚުގައި ދިވެހިންނަށް އެތަކެއް ފިލާވަޅުތަކެއްވެއެވެ. އިބުރަތްތައް ނެގެން އެބަހުއްޓެވެ. އަދަކީ ދިވެހިރާއްޖޭގެ އަވަށްޓެރިޔާގެ ނުލަފާކަން ކަޝްމީރުގެ މުސްލިމުންނަށް ދައްކާލިތާ 1 އަހަރު ފުރުނުދުވަހެވެ. ވީމާ، މި އަވަށްޓެރިޔާގެ ޙަޤީޤަތާއިމެދު ދިވެހިން ސަމާލުވެލަން އެބަޖެހެއެވެ. އިއްޔެ އިންޑިޔާގެ ބާރުގެ ދަށަށް ދިޔައީ ސިއްކީމެވެ. މިއަދު އެދަނީ ކަޝްމީރެވެ. މާދަމާ ...؟ 

ކިޔުންތެރިންގެ ހިޔާލު