މާލެ ސަރަަހައްދުގެ ސުކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

އައިޝަތު ހަނާ 4 އޯގަސްޓު 2020 12:36
Flowers
އެޑިއުކޭޝަން މިނިސްޓަރު

މާލެ ސަރަހައްދުތަކުގެ ސުކޫލުތަކުގައި ކިޔަވައިދިނުން 2 ހަފުތާގެ މުއްދަތަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މީގެ ކުރިން ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ކިޔަވައިދިނުން ހުއްޓައިލުމަށްފަހު، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުރިހާ ގުރޭޑެއްގައި ކިޔަވައިދިނުން ފެއްޓިއެވެ. މާލޭގައި ގުރޭޑު 9 އިން ފެށިގެން ގުރޭޑު 12 އާ ހަމައަށް ކިޔަވައިދޭން ފެށިއެވެ. އަދި ބާކީ ހުރި ގުރޭޑުތަކުގެ ދަރިވަރުން ސުކޫލަށް ހާޒިރުވެ ކިޔަވަން ފަށަން އޯގަސްޓު 16 ވަނަ ދުވަހު ފެށުމަށް އިއުލާނުކުރިއެވެ.

ނަމަވެސް ކޮވިޑް-19ގެ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށް، އޮގަސްޓު 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ސުކޫލަށް ހާޒިރުނުވެ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމުގައި އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދަރިވަރުން ސުކޫލަށް ހާޒިރުނުވި ނަމަވެސް އޮންލައިންކޮށް އުނގަންނައިދިނުން ކުރިއަށްދާނެ ކަމަށާއި، ދެ ހަފުތާއަށްފަހު ކޮވިޑް-19 ގެ ހާލަތަށް އަންނަ ބަދަލަށް ބަލައި އަލުން ނިންމުން މުރާޖަޢާކުރާނެ ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ސުކޫލަށް ހާޒިރުވެގެން އުނގެނުމުން ހާސިލުކުރެވޭ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ހާސިލުކުރެވޭނެ ކަމެއް ކަމުގައިނުވި ނަމަވެސް، ކޮވިޑް-19ގެ ހާލަތަށް ބަލާއިރު އެންމެ ރައްކާތެރި ގޮތަކީ ދަރިވަރުން ގޭގައި އާއިލާ ގާތުގައި ތިބެ އުނގެނުން ކަމުގައި އެމިނިސްޓްރީން ދެކޭ ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.

އަދި ގޭގައި ތިބޭއިރު އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ކަމާ ގުޅޭ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އެބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު