ތުރުކީގެ ސިނާއީ އުފެއްދުން 9 އަހަރު ތެރޭ ކުރިނާރާ މިންވަރަށް ކުރިއަރައިފި

އައިޝަތު ހަނާ 4 އޯގަސްޓު 2020 12:55
Flowers
ތުރުކީގެ އަންނައުނު އުފައްދާ ކާރުޚާނާއެއްގެ ތެރެ

ތުުރުކީގައި އެކި ބާވަތުގެ ޞިނާޢީ އުފެއްދުންތެރިކަން 9 އަހަރު ތެރޭގައި ކުރިނާރާ މިންވަރަށް ކުރިއަރައި ފުޅާވެފައިވާ ކަމުގައި ސާވޭއަކުން ދައްކައިފިއެވެ. އެޤައުމުގައި ސިނާއީ އުފެއްދުންތެރިކަން ފުޅާވެފައިވަނީ ކޮރޯނާވައިރަސް ފެތުރުން ހަންމަތަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ސަރުކާރުން ނިންމުމާއެކުއެވެ. 

ޕާޗޭސް މެނޭޖާސް އިންޑެކްސް (ޕީއެމްއައި) އަށް ބަލާއިރު ޖޫން މަހުގައި 53.9 ގައި ހުރި ނިސްބަތްވަނީ 56.9 އަކަށް ޖުލައި މަހު އުފުލިފައި ކަމަށް އިސްތަންބޫލްގެ ޗެމްބާ އޮފް އިންޑަސްޓްރީއާއި އައިއެޗްއެސް މާކިޓްގެ ސާވޭއިން އެއްކުރި މައުލޫމާތުން ދައްކައިފިއެވެ. 

2005 ވަނަ އަހަރުގެ މިސާވޭ ފެށި ފަހުން، ރެކޯޑުކުރެވިފައިވާ އެންމެ ހަލުއި ފުޅާވުމަކީ މިއީ ކަމަށްވެސް ރޮއިޓާސް ނޫހުން ބުނެފައިވެއެވެ. ޖޫން މަހުގެ 1 ވަނަ ދުވަހު އިޤުތިޞާދު ފުޅާކޮށް ހުޅުވައިލުމާއެކު، ވިޔަފާރިތައް އަލުން ފަށައިގަތުމުން ޖެހިޖެހިގެން ދެވަނަ މަހުގައި މުދާ އުފެއްދުމުގެ ސިނާއަތް ކުރިއަރާފައިވާކަން ހިސާބުތަކުން ފާހަގައެވެ. 

އަލަށް ވިޔަފާރިތައް ފުޅާވި މިންވަރަށްވުރެ ކުޑަކޮށް ކަމުގައިވީނަމަވެސް، އެކްސްޕޯޓުކުރުމަށް ލިބޭ އޯޑަރުތައްވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 

ޕީއެމްއައި ސާވޭއިން ލިބުނު މައުލޫމާތަށް ބަލާއިރު މާޗު މަހު ކޮރޯނާވައިރަސް ވަބާއާއެކު ސިނާއީ އުފެއްދުންތެރިކަން މަޑުޖެހި ވަރަށް ބޮޑަށް ހީނަރުވުމަށްފަހު މިހާރު އެދައިރާއަށް ކުރިއެރުމާއި އާރޯކަން ލިބޭކަމުގެ ނިޝާންތައް ފެންނަ ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ޖުލައި މަހުގައި އުފެއްދުންތައް އުފައްދާ މިންވަރާއި އުފެއްދުންތަކަށް އޯޑަރުދީފައިވާ މިންވަރުވެސް ވަރަށް ބޯޑަށް އިތުރުވެފައިވާ ކަމަށާއި، އަލަށް އުފެދިގެން އައި ކުންފުނިތަކަށް އެކަމުގެ ސަބަބުން ޕްރެޝަރު ބޮޑުވެ ގިނަ އަދަދެއްގެ އައު މުވައްޒަފުން ވަޒީފާއަށް ނަގާފައިވާ ކަމަށްވެސް މިސާވޭއިން ފެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
އަހަންމަދޭ
الحمدلله! އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދެން. އިސްލާމީ ވަޙްދަތު ނަގަހައްޓަން މަސައްކަތްކުރާ މުސްލިމުންގެ ޖަމާއަތަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެކަމާމެދަކު ޝައްކެއް ނެތް. އަހަރުމެންގެ ގައުމު މިއޮތީ އިންޑިއާގެ ފައިދަށަށް ވެއްޓިނުގަނެފިއްޔާ ބަނޑަށް ޖެހޭނޭ ގޮވަގޮވާ އެގޮތަށް އީމާން ވެގެން. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!