މިހާރަށްވުރެ ފިޔަވަޅުތައް ހަރުދަނާ ނުކުރެވިއްޖެނަމަ، ފުރަބަންދުކުރަން މަޖުބޫރުވެދާނެ: ދުންޔާ

ޙުސައިން އަފްޝަން 2 އޯގަސްޓު 2020 17:58
Flowers
ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫން

ކޮވިޑް-19 ބަލި ފެތުރުން ކޮންޓުރޯލުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ތަންފީޒުނުކުރެވިއްޖެނަމަ އެކަމުގެ ސަބަބުން އަލުން ފުރަބަންދުކުރަން މަޖުބޫރުވެދާނެ ކަމުގައި ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ. 

ދުންޔާ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އަދި ބަލީގައި ފަރުވާ ދިނުމަށް އެދުމަތިކުރާ މީހުންނާއި، އައިސީޔޫގައި ފަރުވާކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. އެގޮތުން ހަސްފަތާލުގައި އެދުމަތިކޮށްގެން 72 މީހަކަށް މިހާރު ފަރުވާދެމުން އެބަދެއެވެ. 

އިއްޔެގެ އިރު އޮއްސި 18.00 އާ ހަމައަށް ދިވެހިރާއްޖެއިން 156 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމުގައިވެސް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 134 މީހުންނަކީ ދިވެހިންނެވެ. އަދި އިންޑިޔާ މީހަކާއި ލަންކާ މީހެއްގެ އިތުރަށް ބަންގުލަދޭޝަށް ނިސްބަތްވާ 20 މީހަކު އިއްޔެ ޕޮޒިޓިވްވެފައިވެއެވެ. 

ދުންޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ބަލިޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާ މިންވަރު ގިނަވެއްޖެނަމަ، އެކަމުގެ ސަބަބުން އާންމު ދުވަހުގެ ދިރުއުޅުމަށާއި ޤައުމުގެ އިޤުތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމުގައެވެ. 

މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވަނީ 3949 މީހުންނެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1305 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 2613 މީހުންނެވެ. 

ކިޔުންތެރިންގެ ހިޔާލު